މަޝްހޫރު ކޮމެޑީ ސީރީޒް "ފްރެންޑްސް"ގައި ފީބީ ބުފޭގެ ރޯލުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެތައް މިލިއަން ބަޔެއްގެ ލޯބި ހޯދި އެކްޓްރެސް ލީސާ ކުޑްރޯ އަށް، "ހޮލީވުޑް ވޯކް އޮފް ފޭމް" އިން ތަރިއެއް އެރުވުމަށް ނިންމައިފި އެވެ.
ހޮލީވުޑް ޗެމްބަރ އޮފް ކޮމާސްއިން އާއްމުކުރި 2027 ވަނަ އަހަރުގެ ލިސްޓުގައި، ޓީވީގެ ދާއިރާއިން މުޖުތަމައަށް ކުރައްވާފައިވާ ހިދުމަތްތަކާއި ހާސިލު ކޮށްފައިވާ ބޮޑެތި ކާމިޔާބީތަކުގެ އަގު ވަޒަން ކުރުމުގެ ގޮތުން ލީސާ ކުޑްރޯ ވަނީ ހޮވިފަ އެވެ.
އުމުރުން 62 އަހަރުގެ ލީސާއަކީ އެމީ އެވޯޑާއި، ސކްރީން އެކްޓާސް ގިލްޑް އެވޯޑުވެސް ހާސިލު ކޮށްފައިވާ ވަރަށް ކާމިޔާބު އެކްޓްރެސް އެކެވެ.
1994 އިން 2004 އަށް ދެއްކި "ފްރެންޑްސް" ގެ 10 ސީޒަނުގައި އޭނާ ކުޅެދިން "ފީބީ" ގެ ކެރެކްޓަރަކީ ޓީވީ ތާރީހުގައި ވެސް އެންމެ އައިކޮނިކް އަދި މަގުބޫލު އެއް ކެރެކްޓަރެވެ.
މީގެ އިތުރުން "ކަމްބެކް"، "ވެބް ތެރަޕީ"، އަދި މަޝްހޫރު ފިލްމު "ރޯމީ އެންޑް މިޝެލްސް ހައި ސްކޫލް ރީޔޫނިއަން" ފަދަ އުފެއްދުން ތަކުންވެސް އޭނާގެ މޮޅު އެކްޓިން ފެނިގެން ގޮސްފައިވެ އެވެ.
ލީސާއަށް މި ތަރި ލިބުމާއެކު، އޭނާ ވެގެންދާނީ "ފްރެންޑްސް" ގެ ކާސްޓުންގެ ތެރެއިން ހޮލީވުޑް ވޯކް އޮފް ފޭމްއިން ތަރި ލިބުނު ހަތަރުވަނަ ތަރި އަށެވެ. މީގެ ކުރިން މި ސީރީޒްގައި އުޅުނު ޖެނިފާ އެނިސްޓަން (ރޭޗަލް)، ކޯޓްނީ ކޮކްސް (މޮނިކާ) އަދި މެތިއު ޕެރީ (ޗެންޑްލާ) އަށްވެސް ވަނީ ވޯކް އޮފް ފޭމްއިން ތަރި ލިބިފަ އެވެ.
2027 ގެ ލިސްޓުގައި ހިމެނޭ އެހެން ފަންނާނުންގެ ތަރިންގެ ތެރޭގައި އޮސްކާ އެވޯޑު ހާސިލު ކޮށްފައިވާ އެކްޓަރު ސޭމް ރޮކްވެލް، ރެޖީނާ ކިންގް އަދި ކްރިސްޓަން ސްޓެވާޓްގެ އިތުރުން "ދަ އޮފިސް" އިން ފެނިގެންދިޔަ ކްރެއިގް ރޮބިންސަން އަދި ޓީވީ ހުށަހެޅުންތެރިޔާ މާރިއޯ ލޯޕޭޒް ހިމެނެ އއެވެ.
ހޮލީވުޑް ބުލެވާޑްގައި އޮންނަ "ވޯކް އޮފް ފޭމް" ގައި ތަރި ހާމަ ކުރުމުގެ ރަސްމިއްޔާތު ބޭއްވުމަށް ދެ އަހަރުގެ މުއްދަތެއް ލިބޭތީ، ލީސާގެ ތަރި އިފްތިތާހު ކުރުމުގެ ހަފްލާ ކުރިއަށްދާނީ 2027 އާއި 2028 ވަނަ އަހަރާ ދެމެދުގަ އެވެ.
ރަނގަޅު މިޒާޖާއެކު ވެސް އުފާވެރި ކައިވެންޏެއް ނުދެމެހެއްޓޭ ސަބަބު
ނިދި ހަމަ ނުކުރުން: ބަރުދަން އިތުރުވާން މަގުފަހިވާ ސަބަބެއް!
އެމެރިކާގެ ހަތިޔާރު ހުސްވަމުންދާތީ ހަމަލާތައް މެދުކަނޑާލައިފި