އާންމުގޮތެއްގައި ފުއްޕާމޭގެ ކެންސަރަކީ ދުންފަތުގެ އިސްތިއުމާލު ކުރުމާ ގުޅިފައިވާ ބައްޔެއްގެ ގޮތުގައި ދެކެވުނު ނަމަވެސް، ފަހަކަށް އައިސް ދުވަހަކުވެސް ދުންފަތުގެ އިސްތިއުމާލު ކޮށްފައިނުވާ މީހުންނަށް މި ކެންސަރު ޖެހޭ މިންވަރު އަންނަނީ އިތުރު ވަމުންނެވެ.
އިންޑިއާގެ ޖައިޕޫރުގެ ނާރާޔަނާ ހޮސްޕިޓަލުގެ ފުއްޕާމޭގެ ހާއްސަ ޑޮކްޓަރު ޑރ. ހަރްޝިލް އަލްވާނީ ބަޔާން ކުރައްވާ ގޮތުގައި، ދުންފަތުގެ އިސްތިއުމާލު ނުކުރާ މީހުންނަށް ކެންސަރު ޖެހުމުގެ ފަހަތުގައި ވަނީ އާންމުންނަށް ނޭނގޭ ސިއްރު ސަބަބު ތަކެކެވެ.
ޖީންސްއަށް އަންނަ ބަދަލުތައް
ޑރ. ހަރްޝިލް އަލްވާނީ ފާހަގަ ކުރައްވާ ގޮތުގައި، ދުންފަތުގެ އިސްތިއުމާލު ނުކުރާ މީހުންނަށް ޖެހޭ ފުއްޕާމޭގެ ކެންސަރާއި ދުންފަތުގެ އިސްތިއުމާލު ކުރާ މީހުންނަށް ޖެހޭ ކެންސަރުގެ "ބަޔޮލޮޖީ" ތަފާތެވެ.
ދުންފަތުގެ އިސްތިއުމާލު ނުކުރާ މީހުންގެ ފުއްޕާމޭގެ ސެލްތަކުގައި އީޖީއެފްއާރް ނުވަތަ އޭއެލްކޭ ފަދަ ޖީންތަކަށް ވަގުތާއެކު ބަދަލުތައް އާދެ އެވެ.
މިއީ ވިރާސީ ގޮތުން ވާރުތަކުރާ ބަދަލުތަކެއް ނޫނެވެ. މިފަދަ ބަދަލުތައް ދެނެގަތުމަކީ މުހިންމު ކަމެކެވެ. ސަބަބަކީ އާންމު ކީމޯތެރަޕީގެ ބަދަލުގައި، ސީދާ އެ ސެލްތަކަށް އަމާޒު ކޮށްގެން ދޭ ޓާގެޓެޑް ތެރަޕީ ބޭނުން ކޮށްގެން މިފަދަ ބަލިމީހުންނަށް ފަރުވާދެވޭތީ އެވެ.
ވެށީގެ ނުރައްކާތަކާއި ތަގައްޔަރުވުން
ދުންފަތުގެ އިސްތިއުމާލު ނުކުރާ މީހުންގެ ފުއްޕާމޭގެ ސެލްތަކަށް ބަދަލު އައުމަށް މެދުވެރިވާ މައިގަނޑު ސަބަބުތަކުގެ ތެރޭގައި ހިމެނެނީ:
- ވައި ތަގައްޔަރުވުން: ގިނަ ދުވަސްތަކެއް ވަންދެން ނުސާފު ވައި ނޭވާލުމުގެ ތެރެއިން އެތެރެވާ ކުދި މާއްދާތަކުގެ ސަބަބުން ފުއްޕާމޭގައި އިންފްލެމޭޝަން އުފެދި، ކެންސަރު ސެލްތައް އުފެދުމަށް މަގުފަހިވެ އެވެ.
- ގޭތެރޭގެ ވައި ތަގައްޔަރުވުން: ކައްކަން ދަރު ނުވަތަ ބަޔޯމާސް ފިއުލް ބޭނުން ކުރުމުގެ ސަބަބުން ގޭތެރޭގައި އުފެދޭ ދުން.
- މަސައްކަތުގެ މާހައުލު: އެސްބެސްޓޯސް، ސިލިކާ ނުވަތަ ޑީސަލް ދުމަށް ގިނައިރު "އެކްސްޕޯޒް"ވުން.
އާންމު ނޫން އަލާމާތްތައް
- ބަލި ދެނެގަތުން ލަސްވުން: ދުންފަތުގެ އިސްތިއުމާލު ނުކުރާ މީހުންނަށް ފުއްޕާމޭގެ ކެންސަރު ޖެހުމުން، އެންމެ ފުރަތަމަ ފެންނަ އަލާމާތަކީ އަބަދު ކެއްސުން ކަމުގައި ނުވެދާނެ އެވެ. މީގެ ތެރޭގައި:
- ސަބަބެއް ނެތި ވަރުބަލިވުން
- ކޮނޑުމަތީގައި ރިއްސުން
- ގިނަގިނައިން ނިއުމޯނިއާ ޖެހުން
- ނޭވާކުރުވުން (ބޭސް ކުރުމުންވެސް ރަނގަޅު ނުވުން)
މިފަދަ އަލާމާތްތަކީ އާންމު އެލާޖީއެއް ނުވަތަ އިންފެކްޝަނެއްގެ އަލާމާތްތަކާ އެއްގޮތް އަލާމާތްތަކަކަށްވާތީ، ގިނަ މީހުންނަށް ބަލި ހުރިކަން އެނގެނީ ވަރަށް ބޮޑަށް ބަލި ބޮޑުވާ ފަހުންނެވެ.
ޑރ. ހަރްޝިލް އަލްވާނީ އިރުޝާދު ދެއްވާ ގޮތުގައި، "ދުންފަތުގެ އިސްތިއުމާލު ނުކުރާ މީހަކަށް ވުމަކީ ފުއްޕާމޭގެ ކެންސަރު ނުޖެހޭނެ ކަމުގެ ގްއަރަންޓީއެއް ނޫނެވެ."
ނޭވާލާ ނިޒާމުގެ މައްސަލައެއް ބޭސް ކުރުމުންވެސް ރަނގަޅުނުވެ ގިނަ ދުވަސްވާ ނަމަ، ލަސްނުކޮށް ފުއްޕާމޭގެ ހާއްސަ ޑޮކްޓަރަކަށް ދައްކައި ސިއްހީ ތަހުލީލުތައް ކުރުމަކީ ފުރާނަ ސަލާމަތް ކުރުމަށް އޮތް އެންމެ މުހިންމު ފިޔަވަޅެވެ.
ރާއްޖޭގައި މިނިވަން މުއައްސަސާއެއް ނެތް: މެންބަރު މައުރޫފު
ޔުކްރެއިނުގެ ހަމަލާއަށް ރައްދު ދޭނެ ކަމަށް އީރާނުން ބުނެފި
މާފުށީގައި ޕެރެސެއިލިން ވައިކުޑައެއް ފަޅައިގެން ގޮސްފި