ރައްޔިތުންގެ މަޖިލީހަށް 100 އަހަރު ވާން ކައިރިވެފައި ވާއިރު، ކޮންމެ ދުވަހަކު ހަދާނެ އާ ގާނޫނުތަކެއް މިހާރު ނުހުންނާނެ ކަމަށް މަޖިލީހުގެ ނައިބު ރައީސް އަހުމަދު ސަލީމް މިއަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގައި ކުރާނެ މަސައްކަތެއް ނެތް ކަމަށް ބުނެ އިދިކޮޅު އެމްޑީޕީގެ ބައެއް މެންބަރުން ސޯޝަލް މީޑިއާގައި ފާޑުވިދާޅުވަމުންދާތީ، އެކަމަށް ރައްދު ދެއްވައި މިއަދުގެ ޖަލްސާގެ ރިޔާސަތުގައި އިންނަވައިގެން ސަލީމް ވިދާޅުވީ ރާއްޖެއަށް ބޭނުންވާ މައިގަނޑު ގާނޫނީ އޮނިގަނޑު މިހާރު އޮތީ ހަދައި ނިމިފައި ކަމަށެވެ. އެހެންކަމުން ސަރުކާރުން ކޮންމެ ދުވަހަކު މަޖިލީހަށް ބިލުތަކެއް ފޮނުވުމުގެ ފުރުސަތެއް މިހާރު ނޯންނާނެކަން އޭނާ ފާހަގަކުރެއްވި އެވެ. އަދި ސަރުކާރުން ބިލު ނުފޮނުވާނަމަ އިދިކޮޅު މެންބަރުންނަށް ވެސް ބިލު ހުށަހެޅުމުގެ ބާރު އޮންނާނެކަން ސަލީމް ހަނދާންކޮށްދެއްވި އެވެ.
ނަމަވެސް މިހާރު މަޖިލީހުން ކުރަންޖެހޭނެ މައިގަނޑު މަސައްކަތަކީ އާ ކަންކަމަށް ގާނޫނު ހެދުމާއި، ހުރި ގާނޫނުތަކަށް ބަދަލު ގެނައުން ކަމަށް ސަލީމް ވިދާޅުވި އެވެ.
"އަޅުގަނޑުމެން ވިސްނަން ޖެހޭނެ 100 އަހަރު މިވަނީ ގާނޫނު ހަދާތާ. ދެން އަޅުގަނޑުމެން ކޮންމެ ދުވަހަކު ހަދާނެ ގާނޫނުތަކެއް ނުހުންނާނެ އިނގޭތޯ،" ސަލީމް ވިދާޅުވި އެވެ.
މި މައްސަލައިގައި އިދިކޮޅަށް ރައްދު ދެއްވަމުން މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހީމް ފަލާހު ވިދާޅުވީ، އެމްޑީޕީގެ ސުޕަ މެޖޯރިޓީ އޮތް 19 ވަނަ މަޖިލީހުގެ މި މުއްދަތާ އަޅާބަލާއިރު މިހާރުގެ މަޖިލީހުން ކުރި މަސައްކަތް މާ ގިނަ ކަމަށެވެ. އެގޮތުން ތަފާސްހިސާބުތަކަށް ބަލާއިރު މިހާރުގެ މަޖިލީހުން އިތުރު 20 ބިލެއްގެ މަސައްކަތް ނިންމާފައިވާކަން ފާހަގަކުރައްވައި، މެންބަރުން ޗުއްޓީ ވެސް ނެންގެވީ ދެބައިކުޅަ އެއްބައިގައި ކަމަށް އޭނާ ވިދާޅުވި އެވެ.
ފަލާހު އިތުރަށް ވިދާޅުވީ އިދިކޮޅުން ސޯޝަލް މީޑިއާގައި އެފަދަ ވާހަކަތައް ދައްކަވަނީ މަސައްކަތް ނުކުރެވިގެން ނޫން ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް މިދިޔަ ދެ ހަފުތާގައި ވެސް ބާއްވާފައެއް ނުވެ އެވެ. އެ ފަހުން ޖަލްސާއެއް ބާއްވާފައި ވަނީ މިއަދެވެ.
ޝިލްޕާއަކީ "ސްމާޓް" ކުޅުންތެރިއެއް ކަމަށް ހީނާ އެއްބަސް ވެއްޖެ
ކޮންމެ ދުވަހަކު ހިނގިޔަސް ސިއްހަތަށް ބަދަލު ނާންނަ ސަބަބު!