ފާމަސީ ދާއިރާއިން ދިވެހިން ތަމްރީނުކުރުން އިތުރުކުރުމަށް މޯލްޑިވްސް ނޭޝަނަލް ޔުނިވަސިޓީ (އެމްއެންޔޫ) ގެ ފެކަލްޓީ އޮފް ހެލްތު ސައިންސަސްއާއެކު ސްޓޭޓް ފާމާއިން މަޝްވަރާކޮށްފި އެވެ.

ރާއްޖޭގެ ބޭސްފިހާރަތަކުގައި މަސައްކަތްކުރާ ދިވެހި ފާމަސިސްޓުން ނިސްބަތުން މަދުވުމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ސަރުކާރުގެ އަލަށް އުފެއްދި ސްޓޭޓް ފާމާއިން ވަނީ އެމްއެންޔޫއާއެކު ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށްފަ އެވެ. މި މަޝްވަރާތަކުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ ފާމަސީ ދާއިރާއިން ތައުލީމު ހާސިލުކުރާ ދަރިވަރުންގެ އަދަދު އިތުރުކުރުމަށާއި، ދަސްވެނިވާ ކުދިންނަށް ސްޓޭޓް ފާމާގެ ވަޒީފާގެ ފުރުސަތުތައް ހުޅުވާލުމާ ގުޅޭގޮތުންނެވެ.

https://www.facebook.com/share/p/19JHwaXQpq/

ހަމައެއާއެކު އެސްޓީއޯގެ ދަށުން ހިންގި 193 ފާމަސީއެއް ސްޓޭޓް ފާމާގެ ދަށަށް ބަދަލުކުރުމާ ގުޅިގެން، ވޭތުވެދިޔަ މަހު އެކަނިވެސް 30 އަށްވުރެ ގިނަ ފާމަސިސްޓުން ހޯދަން އިއުލާނުކޮށްފައި ވާއިރު، ގާބިލު ދިވެހިން ނުލިބުމަކީ އެ ކުންފުންޏަށް ކުރިމަތިވެފައިވާ ބޮޑު ގޮންޖެހުމެކެވެ.

މި ދާއިރާއަށް މީހުން ބިނާކުރުމަށް އެމްއެންޔޫއިން ޒަމާނީ ފާމަސީ ލެބޯޓަރީއެއް ގާއިމުކޮށް އަމަލީ ތަޖުރިބާ ދިނުމުގެ މަސައްކަތް ފަށާފައި ވާއިރު، ސްޓޭޓް ފާމާއިން ވަނީ މިހާރު ދާއިރާގައި ތިބި މުވައްޒަފުންގެ ހުނަރު އިތުރުކުރުމަށް ރިފްރެޝާ ކޯސްތަކެއް ހިންގަން ނިންމާފަ އެވެ.

ބޭސް ދޫކުރުމުގެ މިންގަނޑުތައް ހިފެހެއްޓުމަށާއި ހިދުމަތުގެ ފެންވަރު މަތިކުރުމަށް އިސްކަންދޭއިރު، ދިވެހި ޒުވާނުންނަށް ވަޒީފާގެ ދޮރުތައް އަބަދުވެސް ހުޅުވިފައި ހުންނާނެކަމުގެ ޔަގީންކަން އެ ކުންފުނިން ވަނީ ދީފަ އެވެ.