އިނގިރޭސިވިލާތާއި އެމެރިކާގެ އަސްކަރީ ބޭސްއެއްގެ ގޮތުގައި ބޭނުންކުރަމުންދާ ފޯޅަވަހި (ޗާގޯސް) ދިވެހިންނަށް ހޯދަން ވައުދުވެގެން ވެރިކަމަށް ވަޑައިގެންނެވުމަށް ފަހު، މިހާރު ވެސް އޮތް ގޮތަށް އެ ތަން ބޭއްވުމަކީ މައްސަލައެއް ނޫން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އިއްޔެ ވިދާޅުވެއްޖެ އެވެ.
ޕީއެސްއެމްގެ "ނޭޝަން ޗެޓް" ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ، ތާރީހީ ގޮތުން ދިވެހިންގެ ތަނެއްގެ ގޮތުގައި އޮތް ފޯޅަވަހި އެހެން ގައުމަކަށް ދޫކޮށްލާ ނަމަ އެންމެ ހައްގު ކަން ބޮޑީ ރާއްޖެއަށް ދިނުން ކަމަށެވެ. ނަމަވެސް އެ ނޫން ގޮތަކަށް އެހެން ގައުމަކަށް ދިނުމުގެ ބަދަލުގައި މިހާރު އޮތް ގޮތަށް އެތަން ބޭއްވުމަކީ މައްސަލައެއް ނޫން ކަމަށް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.
މި ސަރުކާރުން ފޯޅަވައްސާއި ގެއްލުނު ކަނޑުގެ ސަރަހައްދު ހޯދުމުގެ ވައުދާއެކު ވެރިކަމަށް އައި ނަމަވެސް، ރައީސް މުއިއްޒުގެ ވާހަކަފުޅުގެ ރާގު މިފަދައިން ބަދަލުވެގެން ދިޔަ ސަބަބެއް ސާފެއް ނުވެ އެވެ.
ފޯޅަވަހީގެ ސިޔާދަތީ ބާރު މޮރިޝަސްއަށް ލިބޭ ކަމަށް ބައިނަލްއަގުވާމީ ކޯޓުތަކުން ނިންމައި ކަނޑުގެ ބޯޑަރު ބަހާފައި ވަނިކޮށް، އެ ނިންމުމަށް އަމަލު ނުކުރައްވާނެ ކަމަށާއި އެއީ ރާއްޖޭގެ ސަރަހައްދެއް ކަމަށް ވިދާޅުވެ ރައީސް މުއިއްޒު ކުރިން ވަނީ ވަކާލާތު ކުރައްވާފަ އެވެ. އަދި އެކަމާ ގުޅިގެން މޮރިޝަސްއިން ރާއްޖެއާއެކު އޮތް ހާރިޖީ ގުޅުން ވެސް ވަނީ ކަނޑާލައިފަ އެވެ.
އިނގިރޭސިވިލާތުން އަހަރަކު 100 މިލިއަން ޑޮލަރަށް އެތަން ކުއްޔަށް ހިފުމަށްފަހު މޮރިޝަސްއަށް ސިޔާދަތީ ބާރު ދޭން އެއްބަސްވެފައި ވާއިރު، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވެސް ވަނީ އެ ޑީލަށް ފާޑުވިދާޅުވެފަ އެވެ. އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީސް (އިޓްލޮސް) އިން 2021 ގައި ދެކުނު ބޯޑަރު ކަނޑައަޅައި، އިނގިރޭސީންގެ ބާރު އެ ތަނުގައި ނޯންނާނެ ކަމަށް ނިންމާފައި ވަނިކޮށް ދިވެހިރާއްޖެއިން އެތަނަށް ދައުވާ ކުރަން ފެށީ، ގަދީމީ ސިޓީތަކުގައި ރާއްޖޭގެ ރަސްރަސްކަލުން ފޯޅަވައްސަކީ ރާއްޖޭގެ ބައެއްގެ ގޮތުގައި ލިޔުއްވާފައި ވާތީ އެވެ.
އައިޑީއެސްގެ ބޯޑަށް ނަޒްލީނާ އައްޔަންކޮށްފި
އަޔާޑާ މޯލްޑިވްސްގެ މައްސަލާގައި މައުލޫމާތު ހާމަކުރަން އެދިއްޖެ
ބޮޑުތަކުރުފާނުމަގުގައި ފެންބޮޑުވަނީ ޕަމްޕު ސްޓޭޝަންތައް ނުނިމޭތީ