އޮސްޓްރޭލިއާގެ މަޝްހޫރު ޓްރިބިއުޓް ބޭންޑު "ބިޔޯން އަގެއިން" އިން ސޯޝަލް ސެންޓަރުގައި ބޭއްވުމަށް ތައްޔާރުވި މިއުޒިކް ޝޯ ކުއްލި ގޮތަކަށް ކެންސަލްކުރަން ސަރުކާރުން އެންގުމާ ގުޅިގެން، ސްޕޯޓްސް މިނިސްޓަރުގެ އަތުން ގެއްލުމުގެ ބަދަލު ހޯދަން ޖެހޭނެ ކަމަށް އިދިކޮޅު އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެ އެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފައްޔާޒު ވިދާޅުވީ، ޝޯގެ އިޝްތިހާރުތައް ހިންގާތާ 50 އަށްވުރެ ގިނަ ދުވަސް ވެފައިވަނިކޮށް އަދި ޓިކެޓްތައް ވިކި، ސްޓޭޖް ހެދުމުގެ ފަހުގެ ތައްޔާރީތައް ކުރިއަށްދަނިކޮށް ސޯޝަލް ސެންޓަރުގެ ހުއްދަ ކުއްލިއަކަށް ހިފެހެއްޓުމުން އިންތިޒާމުކުރި ފަރާތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާ ކަމަށެވެ. އެގޮތުން މިނިސްޓަރު އަބްދުﷲ ރާފިއުގެ އަތުން އެ ބަދަލު ދައުލަތަށް ހޯދައި، އިވެންޓް އޯގަނައިޒަރަށް ދޭންޖެހޭނެ ކަމަށް ފައްޔާޒު ފާހަގަކުރެއްވި އެވެ.
މީގެ އިތުރުން ސަބަބު ސާފުކޮށް ބުނެދޭން ނުކެރުނު ފިނޑި، އަދި އަމިއްލަ ވިޔަފާރިތަކާއި ފަންނުވެރިކަމަށް ގެއްލުންދޭ ދެކޮޅުނުޖެހޭ ސަރުކާރެއް މީގެ ކުރިން ފެނިފައިނުވާ ކަމަށް ވިދާޅުވެ ފައްޔާޒު ވަނީ މި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.
އޮސްޓްރޭލިއާގެ ބޭންޑު ރާއްޖެ އައިސް، ދިވެހި ފަންނާނުންގެ ވެސް ހުށަހެޅުންތަކާއެކު ބޭއްވުމަށް ހަމަޖެހުނު މި އިވެންޓް ހުއްޓުވުމާ ގުޅިގެން ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ. އެގޮތުން މިއުޒިކް މަނާނުކުރެވޭނެ ކަމަށާއި މިއީ އެންމެންގެ ރާއްޖެއެއް ކަމަށް ވިދާޅުވެ ނަޝީދު ކަންބޮޑުވުން ފާޅުކުރެއްވި އެވެ.
"ބިޔޯން އަގެއިން" އަކީ މަޝްހޫރު "އެބާ" ބޭންޑުގެ ލަވަތައް ކަވަރުކޮށް، ދުނިޔޭގެ 72 ގައުމެއްގައި 5,300 އަށްވުރެ ގިނަ ޝޯ ދީފައިވާ ބައިނަލްއަގުވާމީ ގޮތުން މަގުބޫލު ބޭންޑެކެވެ.
އެމެރިކާއިން އީރާނަށް ވަރުގަދަ ހަމަލާތަކެއް ދީފި
މުވައްޒަފުންގެ ކޮންޓްރެކްޓްތަކެއް އާ ނުކުރުމުން މޭޔަރަށް އިންޒާރު
ޖެން ޒީގެ ޒުވާނުންނަށް ކަންގަނާގެ ހޫނު ބަހުގެ ހަމަލާތަކެއް!