އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތުގެ ތެރެއިން އެމްއެޗްއާރް ޓްރޭޑިން ޕްރައިވެޓް ލިމިޓެޑްގެ އެކައުންޓަށް ފައިސާ ޖަމާކުރި މައްސަލައިގައި، އެ ކުންފުނީގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާ ކޮށްދިނުމަށް އެދި ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވުމަށް ނިންމައިފި އެވެ.

އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި ދިވެހި ފުލުހުންގެ ހިދުމަތް ގުޅިގެން ހިންގި ޖޮއިންޓް އިންވެސްޓިގޭޝަނަށް ފަހު، މި މައްސަލަ ޕީޖީ އޮފީހަށް ފޮނުވަން ނިންމާފައިވަނީ ޖޫން 29، 2026 ގަ އެވެ.

ތަހުގީގުން އެނގިފައިވާ ގޮތުގައި، ފެބުރުވަރީ 2014 އިން އޮކްޓޫބަރު 2015 ގެ ނިޔަލަށް ޓޫރިޒަމަށް ރަށްތަކާއި ފަޅުތައް ކުއްޔަށް ދޫކޮށްގެން ދައުލަތަށް ލިބެންޖެހޭ ފައިސާގެ ތެރެއިން އެސްއޯއެފް މެދުވެރިކޮށް އެމްއެޗްއާރްގެ އެކައުންޓަށް ވަނީ ފައިސާ ޖަމާކޮށްފަ އެވެ. އެގޮތުން އެސްއޯއެފްގެ ޗެކުތަކެއް މެދުވެރިކޮށް ޖުމްލަ 325,000 ޑޮލަރު އެމްއެޗްއާރް އަދި އެ ކުންފުނީގެ "ތަރުކާރީ ފިހާރަ" އެކައުންޓަށް ވަނީ ޖަމާކޮށްފަ އެވެ.

މި ފައިސާއަކީ ޑޮލަރު ގަނެ ވިއްކުމުގެ މުއާމަލާތަކުން ލިބުނު ފައިސާ ކަމަށް ދެއްކުމަށް އެ ކުންފުނިން މަސައްކަތްކުރި ކަމަށް އޭސީސީން މިއަދު ނެރުނު ބަޔާނުގައިވެ އެވެ. ނަމަވެސް އެ ޗެކުތައް ދިނީ ކޮން ފަރާތަކުން ކަމާއި، އެއަށް ދޭންޖެހޭ ދިވެހި ރުފިޔާ ދިން ގޮތެއް ތަހުގީގަށް ސާބިތުކޮށްދެވިފައި ނުވާ ކަމަށް އޭސީސީން ބުންޏެވެ.

އޭގެ އިތުރުން އެމްއެމްޕީއާރްސީ ހިޔާނާތުގެ ތެރެއިން ދޫކުރި އދ. ފުށިދިއްގާގެ އިކުއިޒިޝަން ކޮސްޓްގެ ގޮތުގައި ދެއްކި 50,000 ޑޮލަރު ވެސް ވަނީ އެމްއެޗްއާރްގެ އެކައުންޓަށް ޖަމާކޮށްފައި ކަމަށް އޭސީސީން ބުންޏެވެ. މި ފައިސާ ޖަމާކޮށްފައި ވަނީ ހިޔާނާތުގައި އިސްކޮށް އުޅުއްވި އަބްދުﷲ ޒިޔަތު މެދުވެރިކޮށް ކަމަށް އޭސީސީގެ ބަޔާނުގައި ބުންޏެވެ.

ތަހުގީގުން ހާމަވި ގޮތުގައި، ޒިޔާތާއި އެމްއެޗްއާރްގެ މެނޭޖިން ޑިރެކްޓަރާ ދެމެދު މުއާމަލާތްތަކެއް ވެސް ވަނީ ކުރެވިފަ އެވެ. އޭސީސީން ބުނި ގޮތުގައި އެ އެކައުންޓަށް ޖަމާކުރި ފައިސާއަކީ ކުށްކޮށްގެން ހޯދާފައިވާ ފައިސާކަން އެމްޑީއަށް ޝައްކުކުރެވޭނެ ހާލަތެއް އޮތްކަން ވެސް ތަހުގީގަށް ވަނީ ހޯދާފަ އެވެ.

މި މައްސަލައިގައި ދައުވާކުރަން ހުށަހެޅީ މަނީ ލޯންޑަރިން އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ގާނޫނުގެ 53 ވަނަ މާއްދާއާއި 58 ވަނަ މާއްދާގެ ދަށުންނެވެ.

މީގެ އިތުރުން، އެސްއޯއެފް މެދުވެރިކޮށް ޖަމާކުރި 325,000 ޑޮލަރަށްވާ 5,011,500 ރުފިޔާއާއި، ފުށިދިއްގާގެ އިކުއިޒިޝަން ކޮސްޓްގެ 50,000 ޑޮލަރުގެ އިތުރުން، އެ ފައިސާ އިންވެސްޓްކޮށްގެން ލިބުނު ފައިދާ އަނބުރާ ހޯދުމަށް އެމްއެމްޕީއާރްސީއަށް ފޮނުވަން ނިންމާފައިވާ ކަމަށް އޭސީސީން ބުންޏެވެ.