ރާއްޖޭގެ ޕޭމަންޓް ސިސްޓަމް "ފަވަރަ" އާއި އިންޑިއާގެ "ޔުނިފައިޑް ޕޭމަންޓްސް އިންޓަފޭސް" (ޔޫޕީއައި) ގުޅާލައި، ސިކުންތުކޮޅެއްގެ ތެރޭގައި އިންޑިއާއަށް ފައިސާ ފޮނުވޭ ހިދުމަތް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އިފްތިތާހުކޮށްފި އެވެ. އެކަމަށްޓަކައި މިއަދު މަރުކަޒީ ބޭންކުގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި މި ހިދުމަތް ފައްޓަވައިދެއްވީ އެމްއެމްއޭގެ ގަވަރުނަރު އަހުމަދު މުނައްވަރު އެވެ. މި ރަސްމިއްޔާތުގައި ރާއްޖޭގެ ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމްގެ އިތުރުން އިންޑިއާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަ ސަފީރު ޖީ. ބާލަސުބްރަމާނިއަން ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
ރާއްޖޭގައި އަލަށް މި ހިދުމަތް ފަށާފައިވަނީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަދި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އާ އެކުގަ އެވެ. މި ދެ ބޭންކުގެ ކަސްޓަމަރުންނަށް މިހާރު އިތުރު އެޕްލިކޭޝަނެއް ބޭނުންކުރުމަކާ ނުލައި، ބޭންކުގެ މޮބައިލް އެޕް ނުވަތަ އިންޓަނެޓް ބޭންކިން މެދުވެރިކޮށް އިންޑިއާގެ ޔޫޕީއައި ބޭނުންކުރާ އެކައުންޓްތަކަށް ސީދާ ފައިސާ ފޮނުވޭނެ އެވެ.
މި ނިޒާމުގެ ދަށުން ފައިސާ ފޮނުވާ ފަރާތުން ދިވެހި ރުފިޔާ ނުވަތަ އެމެރިކާ ޑޮލަރުން ފައިސާ ދެއްކުމުން، ފައިސާ ލިބޭ ފަރާތުގެ އިންޑިއާ ބޭންކު އެކައުންޓަށް ވަގުތުން ފައިސާ ޖަމާވާނީ އިންޑިއާ ރުޕީސް (އައިއެންއާރް) އިންނެވެ. މިއީ ރާއްޖޭގެ ބޭންކް އެކައުންޓަކުން ހަމަ އެބޭންކުގެ އެހެން އެކަންޓަކަށް ފައިސާ ފޮނުވުން ފަދަ ފަސޭހަ އަދި ރައްކާތެރި މުއާމަލާތެއް ކަމަށް އެމްއެމްއޭއިން ހަމާކުރެ އެވެ.
މި ހިދުމަތަކީ 24 ޖުލައި 2025 ގައި އެމްއެމްއޭ އާއި އިންޑިއާގެ ނޭޝަނަލް ޕޭމަންޓްސް ކޯޕަރޭޝަންގެ ބައިނަލްއަގްވާމީ ގޮފި، އެންޕީސީއައި އިންޓަނޭޝަނަލް ޕޭމަންޓްސް ލިމިޓެޑް (އެންއައިޕީއެލް) އާ ދެމެދު ވެވުނު އެއްބަސްވުމުގެ ދަށުން ފެށި ހިދުމަތެކެވެ. މި މަޝްރޫއަކީ އެމްއެމްއޭ، ޕޭމަންޓް މޯލްޑިވްސް، ރިޒާވް ބޭންކް އޮފް އިންޑިއާ، އެންއައިޕީއެލް އަދި ދެ ގައުމުގެ ކަމާގުޅޭ މާލީ އިދާރާތަކުން ގުޅިގެން ކުރިއަށް ގެންދާ ހިދުމަތެކެވެ. އަދި އެމްއެމްއޭއިން ފާހަގަކުރި ގޮތުގައި އެންއައިޕީއެލް އާއެކު ހެދުނު އެއްބަސްވުމުގެ ދަށުން މިފަދަ ހިދުމަތެއް މިހާ އަވަހަށް ފެށިގެންދިޔަ ފުރަތަމަ ގައުމަކީވެސް ދިވެހިރާއްޖެ އެވެ.
ރާއްޖޭގެ ޕޭމަންޓް ނިޒާމަށް ލިބުނު ބޮޑު ކުރިއެރުމެއް
މިއީ ރާއްޖޭގެ އަމިއްލަ ޕޭމަންޓް އިންފްރާސްޓްރަކްޗާއެއް ބައިނަލްއަގްވާމީ ނިޒާމަކާ ގުޅާލެވުނު ފުރަތަމަ ފަހަރެވެ. މިއާއެކު، އިންޑިއާގެ ޔޫޕީއައި ނިޒާމާ ބައިނަލްއަގްވާމީގޮތުން ގުޅާލެވުނު މަދު ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނިފައިވެ އެވެ. މީގެ ކުރިން މިފަދަ ގުޅުމެއް ގާއިމުކޮށްފައިވަނީ ހަމައެކަނި ސިންގަޕޫރާއި ނޭޕާލުގަ އެވެ.
ޔޫނިފައިޑް ޕޭމަންޓްސް އިންޓަފޭސް (ޔޫޕީއައި) އަކީ މިހާރު ދުނިޔޭގައި އޮތް އެންމެ ބޮޑު އެއް ޑިޖިޓަލް ފައިސާގެ މުއާމަލާތްތައް ހިންގާ ނިޒާމެވެ. ނޭޝަނަލް ޕޭމަންޓްސް ކޯޕަރޭޝަން އޮފް އިންޑިއާ (އެންޕީސީއައި) އިން އިސްވެ ހިންގާ މި ނިޒާމަކީ ގޫގުލް ޕޭ، ފޯންޕޭ އަދި ޕޭޓީއެމް ފަދަ އެޕްލިކޭޝަންތައް މެދުވެރިކޮށް ފަސޭހަކަމާއެކު ބޭނުންކުރެވޭ ޕްލެޓްފޯމެކެވެ. ފާއިތުވި 2025 ވަނަ އަހަރާއި މިއަހަރު ތެރޭގައި މި ޕްލެޓްފޯމް މެދުވެރިކޮށް ގާތްގަނޑަކަށް 241.6 ބިލިއަން މުއާމަލާތް ހިންގާފައިވާއިރު، މީގެ ޖުމްލަ އަގު ގާތްގަނޑަކަށް 3.56 ޓްރިލިއަން އެމެރިކާ ޑޮލަރަށް އަރަ އެވެ. އަދި ހަމައެކަނި މިއަހަރުގެ ޖޫން މަހުގެ ތެރޭގައި ވެސް 22.7 ބިލިއަނާ ގާތްކުރާ އަދަދަކަށް މުއާމަލާތްތައް ހިންގާފައިވެ އެވެ. މިއީ ދުވާލަކު އެވްރެޖްކޮށް 757 މިލިއަން މުއާމަލާތެވެ.
ހިދުމަތް ބޭނުންކުރެވޭނެ ގޮތާއި އުސޫލުތައް
ރާއްޖޭގައި މި ހިދުމަތް ތަޢާރަފުކުރަނީ ފިޔަވަހިތަކަކަށް ބަހާލައިގެންނެވެ. މިހާރު ފަށާފައިވާ ފުރަތަމަ ފިޔަވަހީގައި ހިމެނެނީ އަމިއްލަ ފަރުދުންގެ މެދުގައި ކުރެވޭ ޕަރސަން ޓު ޕަރސަން (ޕީ2ޕީ) މުއާމަލާތްތަކެވެ. ދެވަނަ ފިޔަވަހީގައި ކިއުއާރް ކޯޑް ބޭނުންކޮށްގެން ވިޔަފާރިތަކަށް ފައިސާ ދެއްކޭނެ ޕަރސަން ޓު މަރޗަންޓް (ޕީ2އެމް) ނިޒާމު ތައާރަފުކުރުމުގެ މަޝްވަރާތައް ދަނީ ކުރިއަށެވެ.
މިވަގުތު މި ހިދުމަތް ބޭނުންކުރެވެނީ ހަމައެކަނި ރާއްޖެއިން އިންޑިއާއަށް ފައިސާ ފޮނުވުމަށެވެ. އަދި އިންޑިއާއިން ރާއްޖެއަށް ފައިސާ ފޮނުވޭނެ ނިޒާމުގެ ޓެސްޓުތައް ކުރިއަށް އޮތް ދުވަސްތަކުގައި ފެށުމަށް ވަނީ ހަމަޖެހިފަ އެވެ. ބޭރު ފައިސާގެ ގަވާއިދާ އެއްގޮތަށް، މި ޚިދުމަތް މެދުވެރިކޮށް ފައިސާ ފޮނުވޭނީ ހުއްދަކުރެވިފައިވާ ކަންކަމަށެވެ. އޭގެ ތެރޭގައި ތަޢުލީމީ ހަރަދުތަކާއި، ދިގު މުއްދަތުގެ މެޑިކަލް ވިސާ އޮންނަ ދިވެހިންގެ ބޭސްފަރުވާގެ ހަރަދާއި، އާއިލީ ހަރަދުތައް ހިމެނެ އެވެ. ކޮންމެ ކަސްޓަމަރަކަށްވެސް މަހަކު ފޮނުވޭނީ ގިނަވެގެން 24,000 އިންޑިއާ ރުޕީސް (ގާތްގަނޑަކަށް 250 ޑޮލަރު) އެވެ. އަދި ބޭންކުތަކުން ބޭނުންވެއްޖެ ހާލަތެއްގައި، މިއަށްވުރެ ކުޑަ ލިމިޓެއް ކަނޑައެޅުމުގެ އިހްތިޔާރު އެ ބޭންކަކަށް ލިބިގެންވެ އެވެ.
ފައިސާ ފޮނުވުމުގެ ކުރިން، ފައިސާ ލިބޭ ފަރާތުގެ އެކައުންޓްގެ ސައްހަކަން ޔޫޕީއައި މެދުވެރިކޮށް ކަށަވަރުކުރެވޭނެ އެވެ. ފައިސާ ފޮނުވާ ފަރާތަށް ބޭނުންވާ އެކްސްޗޭންޖް ރޭޓާއި ބޭންކު ފީތައް އަދި ފައިސާ ލިބޭ ފަރާތުގެ ނަން ފެންނަން ހުންނާނެ އެވެ.
އެމްއެމްއޭ އިން ހާމަކުރި ގޮތުގައި، ކުރިއަށް އޮތް ފިޔަވަހިތަކުގައި ވިޔަފާރިތަކަށް ކިއުއާރް މެދުވެރިކޮށް ފައިސާ ދެއްކުމާއި އިތުރު ޑިޖިޓަލް ހިދުމަތްތައް ތައާރަފުކުރެވި، ދެ ގައުމުގެ މާލީ ގުޅުން އިތުރަށް ވަރުގަދަވެގެންދާނެ އެވެ.
މި “ފަވަރަ-ޔޫޕީއައި” ގުޅުމަކީ ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ޑިޖިޓަލް ޕޭމަންޓް ނިޒާމުތަކާ ރާއްޖެ ގުޅާލުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް އެމްއެމްއޭއިން ދެކެއެވެ. މީގެ ސަބަބުން އާންމު ފަރުދުންނަށް އަވަސް، ލުއިފަސޭހަ އަދި އަގުހެޔޮކޮށް ފައިސާ ފޮނުވުމުގެ މަގު ފަހިވެގެންދާނެ ކަމަށްވެސް އެމްއެމްއޭއިން ހާމަކުރެ އެވެ.
އައިޑީއެސްގެ ބޯޑަށް ނަޒްލީނާ އައްޔަންކޮށްފި
މަގުއްދުވާގެ ހެޑް ލީސް ނުއަގުގައި ވިއްކަން އުޅޭތީ ސުވާލުކުރަނީ
