ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކަނޑައަޅުއްވާފައިވާ އުސޫލޫތަކާއި އެމްއެމްއޭގެ އިއުލާނާ އެއްގޮތްވާ ގޮތުގެ މަތިން ހިިދުމަތްދޭން މާދަމާއިން ފެށިގެން ބުރާސްފަތި ދުވަހާ ހަމަޔަށް ބީއެމްއެލް ހުޅުވިފައި ހުންނަ ދުވަސްތަކަށް ބަދަލު ގެނެސްފި އެވެ.
ބީއެމްއެލް އިން ބުނީ މި ހަފުތާގައި ބޭންކް އޮފް މޯލްޑިވްސްގެ ބްރާންޗްތަކާއި ސާވިސް ސެންޓަރުތައް ހުޅުވާފައި ހުންނާނީ ހޯމަ، އަންގާރަ އަދި ބުރާސްފަތި ދުވަހު ހެނދުނު 9:30 އިން މެންދުރު 12:00 އަށް ކަމަށެވެ.
މީގެ އިތުރުން އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމަށް ރާއްޖޭން ބޭރަށް ފައިސާ ފޮނުވުމުގެ ހިދުމަތާއި (ޓީޓީ) ބީއެމްއެލް ޗެކް ޕްރޮސެސް ކުރުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އެ ބޭންކުން ބުންޏެވެ. މިގޮތުން ހެނދުނު 11:00ގެ ކުރިން ލިބޭ ހުށަހެޅުންތަކާއި ޖަމާކުރެވޭ ޗެކްތައް ހަފްތާ ބަންދާއި ސަރުކާރު ބަންދު ނޫން ދުވަސްތަކުގައި ޕްރޮސެސް ކުރެވޭނެ ކަމަށް ވެސް ބީއެމްއެލް އިން ބުންޏެވެ.
އޮންލައިން ޓޯކަން
މާލޭގައި ބޭންކިން ހިދުމަތް ހޯއްދެވުމަށް ކިއުބީ އެޕް މެދުވެރިކޮށް އޮންލައިން ނަންބަރު ނެގޭނެ އެވެ. އަދި ހިދުމަތް ހޯދުމަށް ބޭންކަށް ދިއުމުގެ ކުރިން ކިޔުގައި މަޑުކޮށްގެން ތިބި ކަސްޓަމަރުންގެ އަދަދު ޗެކްކޮށްލުމަށް ވެސް އެ ބޭންކުން އެދެ އެވެ.
އެޕޮއިންޓްމަންޓަށް ދެމުންދާނެ ހިދުމަތްތައް
ބީއެމްއެލް އިން ބުނީ އެކައުންޓް އޯޕެނިން ސެންޓަރު، ލޯން ސެންޓަރު އަދި ބިޒްނަސް ސެންޓަރތަކުން ހިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ އެޕޮއިންޓްމަންޓަށް ކަމަށެވެ. މީގެ އިތުރުން ބޭންކުގެ ވެބްސައިޓް މެދުވެރިކޮށް އެޕޮއިންޓްމަންޓަށް އެދި ހުށަހެޅޭނެ ކަމަށް ވެސް އެ ބޭންކުން ބުންޏެވެ.
"އަޅުގަނޑުމެން އެންމެ އިސްކަމެއްދެނީ އަޅުގަނޑުމެންގެ ކަސްޓަމަރުންނާއި މުވައްޒަފުންގެ ރައްކާތެރިކަމަށް. އަޅުގަނޑުމެން އެދެނީ ކަސްޓަމަރުން ގޭގައި ތިއްބަވައިގެން ބޭންކިން ހިދުމަތް ހޯއްދެވުމަށާއި އޮންލައިންކޮށް ލިބެން ހުންނަ ހިދުމަތްތައް ބޭނުން ކުރެއްވުމަށް،" ބީއެމްއެލް އިން ބުންޏެވެ.