ދިވެހި ރައްޔިތުން ފަލަސްތީނުގެ މުސްލިމް އަޚުންނާއި އުޚުތުންނާއެކު ތިބިކަން ހާމަކުރުމުގެ ގޮތުން އަންނަ އަންގާރަ ދުވަހު ޚާއްސަ އިވެންޓެއް ބޭއްވުމަށް ނިންމައިފި އެވެ.

ޒުވާނުންތަކެއް އިސްނަގައިގެން ކުރިއަށް ގެންދާ މި އިވެންޓަކީ ގޭގައި ތިބެގެން ވެސް ބައިވެރިވެވޭނެ އިވެންޓެއް ކަމަށް މި ހަރަކާތް އިންތިޒާމް ކުރާ ފަރާތުން ބުންޏެވެ.

އެގޮތުން މާލޭގައި ނަމަ ގޭގޭގެ ބެލްކަނީއަށް ނުކުމެ ފަލަސްތީނުގެ ދިދަ ވިހުރާލައިގެން މި އިވެންޓްގައި ބައިވެރިވެވޭނެ އެވެ. ބެލްކަނީ ފަދަ ތަނަކަށް ނިކުމެވެން ނެތް ގޭގޭގައި ދޮރުމައްޗަށް ނުކުމެ ވިހުރާލެވޭނެ ކަމަށް ވެސް އެ ފަރާތުން ބުންޏެވެ. މިގޮތަށް ނިންމާފައި ވަނީ މިއީ ކޮވިޑްގެ ނުރައްކާތެރި ހާލަތެއް މެދުވެރިވެފައިވާ ދަނޑިވަޅަކަށްވެފައި، ހަވީރު 4ން ފެށިގެން ކާފިއު ހިންގާފައި ވާތީ މަގުމައްޗަށް ނުކުމެ އެންމެން ތޮއްނުޖެއްސުމަށް ކަމަށް ވެސް އިންތިޒާމް ކޮމިޓީން ބުންޏެވެ.

މި އިވެންޓް ކުރިއަށް ގެނދިއުމަށް ފަލަސްތީނުގެ ދިދަ ޕްރިންޓްކުރުމުގެ މަސައްކަތް އެ ފަރާތުން މިހާރު ދަނީ ކުރަމުންނެވެ. އަދި ދިދަ ނުލިބޭ ނަމަ ފަލަސްތީނުގެ ދިދައިގެ ކުލަތައް ހިމެނޭ ފޮތި ވެސް ބޭނުން ކުރެވިދާނެ ކަމަށް އެ ފަރާތުން ބުންޏެވެ.

އިޒްރޭލުން ފަލަސްތީނަށް ދެމުންދާ ހަމަލާތަކާ ގުޅިގެން ޒުވާނުން އިސްނަގައިގެން ހުޅުމާލޭގައި ފުރަތަމަ ބާއްވަން އުޅުނު ސައިކަލް ބުރު ފުލުހުންނާއި ސިފައިން ނުކުމެ ވަނީ ހުއްޓުވާފަ އެވެ. ނަމަވެސް އޭގެ އަނެއް ދުވަހު ބޯ ވާރޭގައި ވެސް ޒުވާނުން ވަނީ ސައިކަލް ބުރެއް ބާއްވާފަ އެވެ.

ރަމަޟާން މަހުގެ ފަހު ދިހައިގެ ދުވަސްތަކުން ފެށިގެން އިޒްރޭލުން ދަނީ ޣައްޒާއަށް ހަމަލާދީ އަދި މުސްލިމުންގެ މުގައްދަސް ބިނާއެއް ކަމަށްވާ މަސްޖިދުލް އަގުސާ ސަރަހައްދުގައި ވެސް ރޯކޮށްލާފަ އެވެ.

ޣައްޒާއަށް ދެމުންދާ ޙަމަލާތަކުގައި 140 އަށް ވުރެއް ގިނަ މީހުން ވަނީ ޝަހީދުވެފަ އެވެ. އޭގެ ތެރޭގައި 39 ކުޑަކުދިންނާއި ގިނަ ޢަދަދެއްގެ އަންހެނުންނާއި މުސްކުޅިން ހިމެނެ އެވެ. އަދި ޣައްޒާއަށް ދެމުންދާ ހަމަލާތަކުގައި 10،000 މީހުންގެ ގެދޮރުވަނީ ގެއްލިފަ އެވެ.

ހުޅަނގު އައްސޭރީގައި އިޒްރޭލުން ހިންގަމުންދާ އުދުވާނުތަކުގައި ފަލަސްޠީނުގެ 13 މީހުން މަރުވެ، އެތައް ހާސް ބައެއް ވަނީ ޒަޚަމްވެފަ އެވެ. މިއަދު އިޒްރޭލުން ވަނީ ޣައްޒާގައި މީޑިއާތަކުން މަސައްކަތް ކުރާ ޓަވަރަށް ހަމަލާދީ ބިމާ ހަމަކޮށްލާފަ އެވެ.