ފުވައްމުލަކުގެ ކޮވިޑް ހާލަތު ވަރަށް ގޯސް ކަމަށާއި އެ ސިޓީ އޮތީ މިފަދަ ހާލަތަކަށް ތައްޔާރުވެފައި ނޫން ކަމަށް ފުވައްމުލަކު ހޮސްޕިޓަލުން ބުނެފި އެވެ.

ފުވައްމުލަކު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި "ހުރިހާ" އިން ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުން އެ ރަށު ހޮސްޕިޓަލުގެ މެނޭޖަރު އަހުމަދު ސައީދު ވިދާޅުވީ މީގެ ކުރިން ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ން ޕްލޭނެއް އެރަށް ހިމެނޭ ޒޯނަށް ހަދާފައިވާ ކަމަށެވެ. އެގޮތުން 35 ބެޑް ހިމެނޭ ޒޯން ފެސިލިޓީ ގާއިމުކުރީ އައްޑޫގައި ކަމަށާއި އަދި އެ ރަށުގައި ގާއިމު ދެ ވެންޓިލޭޓަރާއެކު ކޮވިޑް އައިސީޔޫއެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން ކޮވިޑް ފެސިލިޓީއޭ ކިޔަސް ކޮވިޑް އައިސީޔޫއޭ ކިޔަސް އެތަނުގައި މިހިރީ ދެ ބެޑް. އެކަމަކު ތައްޔާރުކޮށްފައި ހުރީ ތިން ބެޑަށް،" ރާއްޖޭގެ ތިންވަނަ އަށް އެންމެ ބޮޑު ސިޓީގެ ހޮސްޕިޓަލުގެ މެނޭޖަރު އަހުމަދު ވިދާޅުވި އެވެ.

އޭގެ އިތުރުން ހޮސްޕިޓަލުގެ އެންއައިސީޔޫ އަދި މެޓާނިޓީ ވޯޑް ހުސްކުރުމަށްފަހު އައިސޮލޭޝަން ފެސިލިޓީއަކަށް ބަދަލުކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މިހާ ބޮޑު އަދަދެއް އެއް ފަހަރާ ދުވާލަކު 70 އާއި 30، 40، މިކަހަލަ އަދަދަކަށް ނޫން މި ފެސިލިޓީތައް ތައްޔާރުކޮށްފައި ހުރީ. މިހާ ވަރަށް ޕޮޒިޓިވް ކޭސްތަކެއް އައިސް މި ޕޮޒިޓިވް ކޭސްތަކުގެ ތެރޭގައި ގިނަ އަދަދަކަށް ރިސްކް ހައި މީހުން ތިބުމުން މި ފެސިލިޓީއަކަށް މެނޭޖެއް ނުކުރެވޭނެ،" އަހުމަދު ވިދާޅުވި އެވެ.

މިހާ ބޮޑު އަދަދެއް އެއް ފަހަރާ ދުވާލަކު 70 އާއި 30، 40، މިކަހަލަ އަދަދަކަށް ނޫން މި ފެސިލިޓީތައް ތައްޔާރުކޮށްފައި ހުރީ. މިހާ ވަރަށް ޕޮޒިޓިވް ކޭސްތަކެއް އައިސް މި ޕޮޒިޓިވް ކޭސްތަކުގެ ތެރޭގައި ގިނަ އަދަދަކަށް ރިސްކް ހައި މީހުން ތިބުމުން މި ފެސިލިޓީއަކަށް މެނޭޖެއް ނުކުރެވޭނެ،
ހޮސްޕިޓަލް މެނޭޖަރު

ފުވައްމުލަކުގެ އާ މޭޔަރު އިސްމާއިލް ރަފީގު ވެސް ބައިވެރިވެވަޑައިގެންނެވި އެ ނޫސްވެރިންގެ ބައްދަލުވުމުގައި ހޮސްޕިޓަލުގެ މެނޭޖަރު ވިދާޅުވީ އެއް ފަހަރާ ގިނަ ބަޔަކު ޕޮޒިޓިވުމުން ފަރުވާ ނުދެވުމުގެ މައްސަލަ މިހާރު ދިމާވެފައިވާ ކަމަށެވެ. ނަމަވެސް ހޮސްޕިޓަލުގެ ހުރިހާ މުވައްޒަފުން ވެސް ކޮވިޑާ ގުޅިގެން ވަރަށް ބުރަކޮށް މަސައްކަތްކުރަމުން އަންނަ ކަމަށް ވެސް އަހުމަދު ވިދާޅުވި އެވެ.

"މި މަސައްކަތުގެ ތެރޭގައި މުވައްޒަފުން މިތިބީ ލޮޑު [ވަރުބަލި]ވެފައި. އެހެން ނަމަވެސް ހޮސްޕިޓަލުގެ މުވައްޒަފުން މިހާރު ވެސް މަސައްކަތްކުރަނީ ވީވަރަކުން ރައްޔިތުން ގެނެސް އެސެސްމަންޓް ހަދައިދީ އެކަން އަވަހަށް ކޮށްދިނުމަށް،" އޭނާ ވިދާޅުވި އެވެ.

ރަނގަޅު ހިދުމަތެއް ދޭން ބޭނުންވި ނަމަވެސް ހޮސްޕިޓަލަށް ބޭނުންވާ ވެހިކަލާއި މުވައްޒަފުންގެ ދަތިކަން ވަރަށް ބޮޑަށް ކުރިމަތިވެފައިވާކަން އަހުމަދު ފާހަގަކުރެއްވި އެވެ.

އޭނާ ވިދާޅުވީ މިހާ ގިނަ އަދަދެއްގެ މީހުން ކޮންމެ ދުވަހަކު ޕޮޒިޓިވްވަމުން އަންނައިރު އެ ރަށުގައި ގާއިމުކުރެވިފައި ވަނީ އެވަރުގެ ފެސިލިޓީއެއް ނޫން ކަމަށެވެ. އެހެންވެ ކޮވިޑްގެ ދަތި ހާލަތުން އަރައިގަތުމަށް އޭނާ ރައްޔިތުންގެ އެއްބާރުލުމަށް އެދިވަޑައިގެންނެވި އެވެ.

އެ ރަށުގައި މިހާރު ވެސް 16 ކްލަސްޓާއަކުން ގިނަ އަދަދެއްގެ ބަޔަކު ކޮންމެ ދުވަހަކު ވެސް އަންނަނީ ޕޮޒިޓިވްވަމުންނެވެ. އަދި އެކަމާ ގުޅިގެން ހަވީރު 4ން ފަތިހު 4 އަށް ކާފިއު ވަނީ ހިންގައިފަ އެވެ.

އެ ރަށުން މިއަދު 70 މީހުން އަލަށް ޕޮޒިޓިވްވިއިރު 237 މީހުން ދަނީ ބައްޔަށް ފަރުވާ ހޯދަމުންނެވެ.