ޖައްވުގައި އިންސާނުންގެ ހަރަކާތް އިތުރަށް ތަރައްގީކުރަން މިހާރު އޮތް އެންމެ ބުއްދިވެރި ފިޔަވަޅަކީ ހަނދުގައި ދާއިމީ މަރުކަޒެއް ހެދުމާއި މާސްގައި ސިޓީއެއް ބިނާކުރުން ކަމަށް ޓެސްލާ އަދި ސްޕޭސް އެކްސްގެ ވެރިޔާ ބިލިއަނަރު އިލާން މަސްކް ބުނެފި އެވެ.
އޭނާ މިމޭރުމުން ވާހަކަ ދެއްކީ ރަޝިޔާގައި އޮތް ސްޕޭސްއާ ބެހޭ ފޯރަމެއްގައި ވިޑިއޯ ލިންކެއްގެ ޒަރީއާއިންނެވެ. އިލާން ބުނިކަމަށް ރޮއިޓާސްގައި ރިޕޯޓު ކޮށްފައިވާގޮތުގައި ސްޕޭސް އިންޑަސްޓްރީން މިހާރު ވިސްނަން ޖެހިފައި ވަނީ ޖައްވީ ސްޓޭޝަނަށް ވުރެ އެ މީހުންގެ ހަރަކާތްތައް ފުޅާކުރުމަށެވެ.
ސްޕޭސް އެކްސް މިމަހުގެ ކުރީކޮޅު ވަނީ ސްޓާޝިޕެއް އުދުއްސާލުމަށް ފަހު އަނބުރާ ޖެއްސުމުގެ މަސައްކަތް ކާމިޔާބު ކޮށްފަ އެވެ. މިކާމިޔާބާ ހަމަޔަށް ވާސިލުވެވުނީ އެތައް އުޅަނދެއް ގޮވި ފަހުންނެވެ. ތަޖުރިބާކާރުން ދެކޭ ގޮތުގައި މާސްއަށް އިންސާނުން ގެންދިއުމުގެ ދަތުރަށް މިތަޖުރިބާއަކީ ކުރިއަށް އެޅުނު ވަރަށް މުހިންމު ފިޔަވަޅެކެވެ.
ސްޕޭސް އެކްސް އިން އަންނަނީ ނާސާގެ ތިން ބިލިއަން ޑޮލަރުގެ ކޮންޓްރެކްޓެއް ދަށުން 2024 ވަނަ އަހަރު އިންސާނުން ހަނދަށް ގެންދިއުމަށް ބޭނުންވާނެ އުޅަނދެއް އުފެއްދުމުގެ މަސައްކަތް ވެސް ކުރަމުންނެވެ.
އަންނަ 2024 އާއި 2026 އާ ދެމެދު މާސް އަށް ވެސް އިންސާނުންނާއެކު އުޅަނދެއް ފޮނުވިދާނެ ކަމުގައި އީލަން މަސްކް ދެކެ އެވެ. އެއަށް ފަހު 2050 ވަނަ އަހަރު އަންނަން ވާއިރަށް މާސްގައި އިންސާނުންގެ ކޮލޮނީއެއް ގާއިމުކުރުމަކީ ސްޕޭސް އެކްސްގެ ސީއީއޯގެ މިހާރުގެ އުންމީދެވެ.
މާސްގައި އެންމެ ފުރަތަމަ މީހުން އުޅެން ހަމަ ޖެހިފައި އޮތީ ބިއްލޫރި ޓެންޓްތަކެއްގަ އެވެ. އެއަށް ފަހު އެ ޕްލަނެޓްގައި އިންސާނުންނަށް އުޅެވޭނެ ވަސީލަތްތައް މަޑުމަޑުން ގާއިމްކޮށް ބިން ފަދައިން ދިރިއުޅެވޭނެ ތަނަކަށް މާސް ހެދުމަކީ އެތަނުގައި މީހުން ވަޒަންވެރިކުރަން މަސައްކަތް ކުރާ ފަރާތްތަކުން ރާވާފައިވާ ގޮތެވެ.
"މާސްގައި އާންމު ހާލަތުގައި ދިރި އުޅެވޭނެ ގޮތް އަހަރެމެންގެ ހަޔާތުގައި ނުވެދާނެ. އެއީ ވަރަށް ލަސް ޕްރޮސެސް އަކަށް ވާނެ. އެކަމަކު ހަމަ ޔަގީނުން ވެސް މާސްގައި ދިރި އުޅެވޭ ފަދަ މަރުކަޒެއް ހެދުން އެއީ އަހަރެމެންނަށް ކާމިޔާބު ކުރެވޭނެ ކަމެއް،" މާސް އާމެދު ކުރެވޭ އުންމީދުތަކާ ބެހޭގޮތުން ވާހަކަ ދައްކަމުން އިލާން ބުންޏެވެ.
މާސްގައި އިންސާނުން އާބާދު ކުރުމުގެ ޕްލޭންތައް ރާވަމުން ދާއިރު މާސްގައި ސަރުކާރެއް ގާއިމުކުރުމުގެ ރޭވުން ވެސް އަންނަނީ ރޭވެމުންނެވެ. އެގޮތުން ޖައްވީ ހަރަކާތްތަކާއި އިންޓަނެޓްގެ ޚިދުމަތްދޭ ކުންފުނިތަކާއެކު މާސްގެ ގާނޫނެއްގެ ދެލިކޮޕީ ވެސް މިހާރު ވަނީ އެކުލަވަލާފަ އެވެ. އެ ފަރާތްތަކުން ގަބޫލު ކުރާގޮތުގައި ދުނިޔޭގެ އެއްވެސް ސަރުކާރަކަށް މާސްގެ މައްޗަށް ބާރު ހިންގިގެން ނުވާނެ އެވެ.