މާލެ ސިޓީ ކައުންސިލް އިތުރަށް ހަރުދަނާ ކުރަން ސިޓީ ކައުންސިލުގެ ހާލަތު ދެނެގަތުމަށް މެނޭޖްމަންޓް އޮޑިޓެއް ހަދަން ނިންމާފައިވާ ކަމަށް މާލެ ސިޓީ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
މޭޔަރު ޑރ. މުއިއްޒު ކުރެއްވި ޓުވީޓްގައި ވިދާޅުވެފައި ވަނީ ސިޓީ ކައުންސިލުގެ ކަންކަން ކުރިމަގަށް ބައްޓަން ކުރުމަށްޓަކައި ކައުންސިލުގެ ހާލަތު ދެނެގަތުމަކީ މުހިއްމު ކަމެއް ކަމަށެވެ. އެގޮތުން ހާލަތު ދެނެގަތުމަށް ކައުންސިލުގެ މެނޭޖްމަންޓް އޮޑިޓެއް ހެދުމަށް ނިންމާފައިވާއިރު މިކަން ކޮށްދޭނެ ފަރާތެއް ހޯދުމަށް ވަރަށް އަވަހަށް އިއުލާނު ކުރެވިގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މާލެ ސިޓީ ކައުންސިލްގެ ހާލަތު ދެނެގަތުމަށް މެނޭޖްމަންޓް އޮޑިޓެއް ހެދުމަށް ނިންމާފައިވާއިރު، މާލެސިޓީގައި ބޮސުންލާފައިވާ ކަންތައްތައް ރަނގަޅު ކުރުމަށްޓަކައި ކައުންސިލުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
އެގޮތުން އާ ކައުންސިލަރުންނާއި މޭޔަރު ހުވާކުރެއްވުމަށް ފަހު މިދައުރުގެ ފުރަތަމަ ބައްދަލުވުމުގައި ވަނި މާލެ ސިޓީ ތަރައްގީ ކުރުމަށްޓަކައި އެކްޝަން ޕްލޭނެއް ފާސްކޮށްފަ އެވެ. އެ އެކްޝަން ޕްލޭނުގައިވާ ގޮތުން މާލެ އަކީ ހިތްފަސޭހަތަނަކަށް ބަދަލުކުރުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރުމަށްވަނީ ހަމަޖެހިފަ އެވެ.
މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް އަމާން ރައްކާތެރި މާހައުލެއް ގާއިމުކޮށްދިނުމަށް އަދި ހިތްހަމަ ޖެހޭ ދިރިއުޅުމެއް ފަހިކޮށްދިނުމުގެ ގޮތުން ރައްޔިތުންގެ ހިޔާލާއެކު ގިނަ މަސައްކަތްތަކެއް ކުރެވިގެންދާނެކަން މޭޔަރު މުއިއްޒު ފާހަގަކުރައްވާފަ އެވެ.