ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ވެރިކަމުގައި ހިންގި އެމްއެމްޕީއާރްސީގެ ބޮޑު ޚިޔާނާތުގެ ބަދުނާމު އެޅޭކަށް އެމްޑީޕީން ބޭނުންނުވާ ކަމަށް އެ ޕާޓީގެ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރުކަން ވެސް ކުރައްވާ ހަސަން ލަތީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމްއެމްޕީއާރްސީގެ ފައިސާ އިން ބައިކުޅަ ބައި ލިބިފަތިބި މިނިސްޓަރުންނާއި މަޖިލިސް މެމްބަރުންނާއި އެނޫންވެސް މީހުންގެ ނަންތައް ހާމަކޮށް ޝަރީއަތްކޮށް އިންސާފު ގާއިމްވާންޖެހޭ ކަމަށެވެ.
އޭނާ ވިދާޅުވީ އެކަން ނުކުރާހާ ހިނދަކު ވައްކަން ފޮރުވަން އުޅޭ ކަމުގެ އިލްޒާމް އެޅޭނެ ކަމަށެވެ.
ހަސަން ލަތީފް މިހެން ވިދާޅުވެފައި މިވަނީ އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ ފައިސާގައި ނުޖެހޭ ސިޔާސީ ޕާޓީއެއް ނެތް ކަމަށް ކްރިމިނަލް ކޯޓުގައި އިއްޔެ ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު އަބްދުލްޣަފޫރު ވިދާޅުވެފައި ވަނިކޮށެވެ. ނަމަވެސް އެއްވެސް ސިޔާސީ ޕާޓީއެއްގެ ނަމެއް އަދީބު ވިދާޅެއް ނުވެ އެވެ.
އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެމްބަރު އަދި ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީންގެ ބީއެމްއެލް އެކައުންޓަށް ޚިޔާނާތުގެ ފައިސާ ޖަމާވެފައިވާކަން އެންޓި ކޮރަޕްޝަން ކޮމިޝަނުގެ ތަހުގީގު ރިޕޯޓުން ވަނީ ހާމަވެފައެވެ. އަދި އެނޫންވެސް އެމްޑީޕީގެ ބައެއް ފަރާތްތަކަށް އެ ފައިސާ ލިބުނު ކަމުގެ ތުހުމަތު ކުރެވެ އެވެ.