އައްޑޫއަށް އަލަށް އެތެރެކުރާ ވެހިކަލްތައް ރަޖިސްޓްރީކުރުން މަޑުޖައްސާލާފައި ވަނިކޮށް، އެ ސިޓީގެ މޭޔަރު އަލީ ނިޒާރުގެ އަރިސް ބަޔަކަށް އުސޫލުގެ ބޭރުން ވެހިކަލްތަކެއް ރަޖިސްޓްރީ ކޮންދިން ކަމަށް ތުހުމަތު ކުރެވޭ މައްސަލަ ހޫނުވެ، ޒުވާނުން މިއަދު މުޒާހަރާކޮށްފި އެވެ.

ސޯޝަލް މީޑިއާއަށް ލާފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި ގިނަ އަދަދެއްގެ ޒުވާނުން ވަނީ ކައުންސިލް ހުންނަ އިމާރާތް ކައިރިއަށް އެއްވެ މުޒާހަރާކޮށްފަ އެވެ.

ކައުންސިލް ކައިރިއަށް އެއްވި ޒުވާނަކު "ހުރިހާ"އަށް މައުލޫމާތު ދެމުން ބުނީ، މޭޔަރު އޭނާގެ މަގާމުގެ ނުފޫޒު ބޭނުން ކޮށްގެން އަރިސްބަޔަކަށް ވެހިކަލް ގެނެސްދިންކަމަށް އެއްބަސްވެފައިވާ ކަމަށެވެ.

އޭނާ ބުނީ، ޒުވާނުން މުޒާހަރާކުރަން ފެށުމުން ކައުސިލް އިދާރާއަށް ވައްދައި މޭޔަރު އައިސް އެކަަމަށް އިއުތިރާފުވިއިރު އެތަނުގައި 15 މީހުން ތިބި ކަމަށެވެ.

އޭނާ އިތުރަށް ބުނީ، އެ ސިޓީގައި ރަޖިސްޓްރީ ނުވެ އޮތް 150 ވެހިކަލް އޮތްއިރު އެކަމުގެ ކަންބޮނޑުވުން މޭޔަރާ ހިއްސާކޮށްފައި ވަނިކޮށް، މޭޔަރާ ގުޅުންހުރި ބަޔަކުގެ ވެހިކަލް ރަޖިސްޓްރީ ކޮށްދީފައިވާ ކަމަށެވެ. އޭގެ އިތުރަށް ބުނީ، މޭޔަރު ވެހިކަލްތަށް ރަޖިސްޓްރީ ކުރުވީ ޓްރާންސްޕޯޓު މިނިސްޓަރު ދިން ނަމްބަރަކަށް ގުޅައިގެން ކަމަށެވެ.

"އާންމުންނަށް ވަކި ގޮތެއް މޭޔަރަށް ވީމަ ވަކި ގޮތެއް. މިއީ އިންސާފެއް ނޫން ދެއްތޯ. މިއީ މަގާމުގެ ބާރާއި ނުފޫޒު ނާޖާއިޒް ގޮތުުގައި ބޭނުން ކުރުން،" އެ މީހާ ބުންޏެވެ.

ނަމަވެސް މޭޔަރު ނިޒާރު ވިދާޅުވެފައި ވަނީ، މަގާމުގެ ނުފޫޒު ބޭންންކުރި ކަމަށް ބުނެ ދައްކަނީ ދޮގު ވާހަކަތަކެއް ކަމަށެވެ. އަދި މިއަދު ކުރި މުޒާހަރާއަކީ ކަންހިގި ރަނގަޅަށް ނޭގޭތީ އެރި އޮޅުމެއްގެ ސަބަބުން ކުރި މުޒާހަރާއެއް ކަމަށެވެ.