ތެލް އަވީވް (31 މެއި) - އިޒްރޭލުގައި އަލަށް އުފެދުނު ސަރުކާރަކީ އެ ގައުމުގެ ސަލާމަތަށް އޮތް ނުރައްކަލެއް ކަމަށް ބޮޑު ވަޒީރުކަމުގެ މަގާމުގައި މި ވަގުތު ހުންނެވި ބެންޖަމިން ނަތަންޔާހޫ ވިދާޅުވެއްޖެ އެވެ.

ނަތަންޔާހޫ މިހެން ވިދާޅުވީ އިދިކޮޅު ލީޑަރެއް ކަމަށްވާ ނަފްތާލީ ބެނެޓް، ޔައިރު ލެޕިޑް އިސްކޮށް ހުންނަވާ މައި އިދިކޮޅު ޕާޓީއާއެކު ކޯލިޝަން ހެދުމުން އެ ގައުމުގައި އާ ސަރުކާރެއް އުފަންވުމާ އެކީގަ އެވެ. އެއާއެކު ނަތަންޔާހޫއަށް އޭނާގެ މަގާމް ގެއްލިގެންދާނެ އެވެ.

ނަތަންޔާހޫ އިތުރަށް ވިދާޅުވީ އަލަށް އުފެދުނު ސަރުކާރަކީ އޮޅުވާލުމެއް ކަމަށާއި އެ ސަރުކާރުގެ ހަގީގަތަކީ ކޯލިޝަންގެ ބައިވެރިންގެ ބަހުގެ އަގު ނުހިފެހެއްޓޭކަން ކަމަށެވެ.

ކޮރަޕްޝަންގެ ގިނަ ތުހުމަތުތަކެއް އަމާޒުވެފައިވާ ނަތަންޔާހޫއަށް ވަނީ މާޗް މަހު އެ ގައުމުގައި ބޭއްވުނު އާއްމު އިންތިހާބުގައި އަޣްލަބިއްޔަތު ލިބޭ ގޮތް ނުވެފަ އެވެ. އެއީ ފާއިތުވި ދެއަހަރު ދުވަހުގެ ތެރޭގައި އެ ގައުމުގައި ބޭއްވުނު ހަތަރުވަނަ އިންތިޚާބެވެ.

އިޒްރޭލުގައި އުފެދުނު އާ ސަރުކާރަކީ އުއްމީދީ ބަދަލުތަކެއް ގެނުވާނެ ސަރުކާރެއް ކަމަށް ގިނަ ބަޔަކު ބުނެ އެވެ.

ނަމަވެސް އެ ގައުމުގެ އަރަބި ނަސްލަށް ނިސްބަތްވާ މަޖިލިސް މެމްބަރުން މި ސަރުކާރާ ގުޅުމަކީ ދުރު ކަމެއް ކަމަށް މަސްރަހު ދިރާސާ ކުރާ ފަރާތްތަކުން ބުނެ އެވެ. ސަބަބަކީ ނަތަންޔާހޫއަށް ފަހު އާ ސަރުކާރުގައި ބޮޑުވަޒީރު ކަމާ ހަވާލުވުން އެންމެ ގާތް ކަމަށް ބެލެވޭ ބެނެޓްއަކީ ފަލަސްތީނުގެ ހުޅަނގު އައްސޭރީގައި ޔަހޫދީން އާބާދުކުރަން ތާއީދު ކުރައްވާ ބޭފުޅަކަށްވުމެވެ.

ބާރަ އަހަރަށްފަހު ބޮޑު ވަޒީރުކަމުގެ މަގާމުން ވަކިވާ ނަތަންޔާހޫ އަކީ އެ ގައުމުގައި މިހާތަނަށް އެންމެ ދިގު މުއްދަތަކަށް އެ މަގާމު ފުރުއްވި ބޭފުޅާ އެވެ. – ބީބީސީ