ކުޑަ ކުއްޖަކު އިހުމާލުން މަރުވެ، ބަލި މީހުން އަތްދަނޑިމަތީގައި ހޮސްޕިޓަލަށް ގެންދާއިރު ރައީސާއި ނައިބް ރައީސް ތިއްބެވީ ބިމަށް ބޯހަރައިގެން ކަމަށް ކުރީގެ ނައިބް ރައީސް ޑރ.މުހައްމަދު ޖަމީލު އަހްމަދު ވިދާޅުވެއްޖެ އެވެ.
ޑރ. ޖަމީލް މިހެން ވިދާޅުވީ ހެލްތް މިނިސްޓްރީއާ ކަމާ ބެހޭ އިދާރާތަކުގެ އިހުމާލުން ކޮވިޑް ބަލީގައި ފަރުވާ ދެމުން ދިޔަ 10 އަހަރުގެ ކުޑަ ކުއްޖަކު ނިޔާވެފައިވުމާ ގުޅިގެން ރައީސް އިބްރާހިމް ސޯލިހް އަދި ނައިބް ރައީސް ފައިސަލް ނަޝީމްގެ އެއްވެސް ހަބަރެއް މީޑިއާގައި އިވިފައި ނުވާތީ އެވެ.
ޑރ. ޖަމީލްގެ ޓްވީޓްގައި އިތުރަށް ވިދާޅުވީ އެހެން ގައުމުތަކުގެ ވެރިން ކޮވިޑް އަންގަމުގައި ސީދާ ޒިންމާ ނަގައިގެން މަސައްކަތް ކުރަމުން އަންނަތައް ފެނިގެންދާ ކަމަށެވެ. އެހެން ނަމަވެސް މިގައުމުގެ ވެރިން ތިބީ ބިމަށް ބޯހަރައިގެން ކަމަށް ވެސް ޑރ. ޖަމީލް ވިދާޅުވި އެވެ. އެފަރާތްތަކުގެ އިހްމާލުން ކަމެއް ގޯސްވެގެން ދިޔަ ނަމަވެސް އެކަމުގެ ޒިންމާ ނަގާތަން ނުފެންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ކޮވިޑާ ގުޅިގެން ރައްޔިތުންގެ ޝަކުވާތައް ހެލްތް މިނިސްޓްރީ އަށާއި އެކަމާ ބެހޭ އިދާރަތަކަށް ކުރަމުން އަންނަ ވަގުތެއްގައި ޑރ.ޖަމީލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އަދިވެސް ހެލްތު މިނިސްޓަރު ހޭފުޅު ނުލައްވާ ކަމަށެވެ. ކޮވިޑް-19އާ ކުރިމަތިލުމަށް ކަމުގައި ބުނެ ސަރުކާރުން ބޮޑެތި ޚަރަަދުތައް ކޮށްފައިވާއިރު، ވެންޓިލޭޓަރު ނުގެނެވުނު ކަމަށާއި، ކޮވިޑް-19 ބަލިޖެހޭ މީހުންނަށް ފަރުވާދޭ މަރުކަޒުތައް އިތުރުނުކުރެވުނު ކަމަށް ޑރ. ޖަމީލް ވިދާޅުވި އެވެ.
މީގެ އިތުރަށް ޑރ.ޖަމީލު ވިދާޅުވީ ކޮވިޑް-19ގެ ހާލަތަށް ދޮޅު އަހަރަށްވުރެ ގިނަ ދުވަސްވާން ގާތްވާއިރު އެމްބިއުލަންސްތައް އިތުރުނުކުރެވުނު ކަމަށާއި އަތޮޅު ތެރޭގައި ޓެސްޓުކުރާނެ ވަސީލަތްތައްވެސް އިތުރުކުރެވިފައިނުވާ ކަމަށެވެ.
މި މުއްދަތުގައި އިތުރުވީ ސަރުކާރުން ކުރާ ޚަރަދުތައް ކަމުގައިވެސް ޑރ.ޖަމީލު ވިދާޅުވި އެވެ. އަދި ދެން އިތުރުވީ މިނިސްޓަރުގެ އުމުރުފުޅު ކަމަށާއި، އެހެންކަމުން ރައްޔިތުންގެ ބާރު ދެއްކުމުގެ ކުރިން އިސްތިއުފާދެއްވަން ޖެހޭ ކަމަށް ޑރ. ޖަމީލް ވިދާޅުވި އެވެ.
ކޮވިޑް-19އާ ގުޅިގެން އެކި ކަންކަމަށް ސަރުކާރުން މިހާތަނަށް 3.4 ބިލިއަން ރުފިޔާ ވަނީ ޚަރަދުކޮށްފަ އެވެ. އެހެން ނަމަވެސް މިހަރަދުތަކާ ގުޅޭ ވަރަށް ވެސް ވަސީލަތްތައް ގާއިމްވެފައިނުވާކަން ފާހަގަ ކޮށްލެވެ އެވެ.
ޑރ. ޖަމީލު މިފަދައިން ވިދާޅުވެފައިވާއިރު، މިނިސްޓަރު އަހުމަދު ނަސީމް ވަނީ އިސްތިއުފާދެއްވުމާމެދު ގޮތެއް ނިންމަވާނީ، 10 އަހަރު ކުއްޖަކު ފަރުވާދިނުމަށް ގެންދަން އެމްބިއުލާންސް އައުން ލަސްވި މައްސަލައިގެ ތަހުގީގު ނިމުމުން ކަމުގައި ވިދާޅުވެފަ އެވެ. އަދި މަޤާމުގައި ހުންނަވައިގެން އަމިއްލަ އިހުމާލެއް އޮތްތޯ ބެލިދާނެ ކަމަށްވެސް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ. އެކަމާ ގުޅިގެން ސޯޝަލް މީޑިއާގައި އަންނަނީ ގިނަ ފަރާތްތަކެއް މަގާމުގައި ހުންނަވައިގެން ރަނގަޅަށް އެމައްސަލަތައް ބެލިގެންދާނެ ކަމަށް ގަބޫލުނުކުރާ ކަމަށް ބުނަމުންނެވެ. މިހާރު މިހާރަށް މިނިސްޓަރު ނަޝީމާއި އެޗްޕީއޭގެ ވެރިންނާއި އައިޖީއެމްއެޗް ހިންގުމާ ހަވާލުވެ ތިބި މީހުން އިސްތިއުފާ ދެއްވަން ޖެހޭ ކަމަށް ގިނަ ފަރާތްތަކުން އަންނަނީ ބުނަމުންނެވެ.