މާލެ ސިޓީ ކައުންސިލުގެ ޑެޕިއުޓީ މޭޔަރު އިންތިހާބުކުރުމަށް ބާއްވާ ޖަލްސާ މިމަހުގެ 21 ވަނަ ދުވަހު ބޭއްވުމަށް ނިންމައިފި އެވެ.
ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ވަނީ ސިޓީ ކައުންސިލްތަކުގެ ޑެޕިއުޓީ މޭޔަރުންނާއި، ކައުންސިލްތަކުގެ ނައިބް ރައީސުން މިހިނގާ ޖޫން މަހުގެ 20 ގެ ކުރިން ހޮވާ ނިންމުމަށް ކައުންސިލްތަކަށް އަންގާފަ އެވެ.
ނަމަވެސް ކޮވިޑް -19ގެ ހާލަތާ ގުޅިގެން މިމަހުގެ 21 ވަނަ ދުވަހު ނިޔަލަށް ޑެޕިއުޓީ މޭޔަރުންނާއި ނައިބު ރައީސުން ހޮވުމުގެ ފުރުސަތު ކައުންސިލްތަކަށް އެލްޖީއޭއިން ވަނީ ދީފަ އެވެ.
ސިޓީ ކައުންސިލްތަކުގެ މޭޔަރުންނާއި، ރަށު ކައުންސިލްތަކުގެ ރައީސުންގެ އިތުރުން އަތޮޅު ކައުންސިލްތަކުގެ ރައީސުން އިންތިހާބުކުރަނީ ރައްޔިތުންގެ ވޯޓުންނެވެ. ނަމަވެސް ސިޓީތަކުގެ ޑެޕިއުޓީ މޭޔަރުންނާއި ކައުންސިލްތަކުގެ ނައިބު ރައީސުން އިންތިހާބުކުރަނީ ކައުންސިލްގެ މެންބަރުންގެ މެދުގައި ނަގާ ސިއްރު ވޯޓަކުންނެވެ.
މާލެ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރުކަމުގެ މަގާމަށް ޕީޕީއެމްގެ ހަތަރު ބޭފުޅަކު ޝައުގުވެރިކަން ފާހަގަކުރައްވައިފަ އެވެ. އޭގެތެރޭގައި ހިމެނެނީ ވިލިމާލެ ދާއިރާގެ ކައުންސިލަރު ނަޙުލާ އަލީ އާއި، މާފަންނު ދެކުނު ދާއިރާގެ ކައުންސިލަރު އަބްދުﷲ ނާސިރާއި، މާފަންނު މެދު ދާއިރާގެ ކައުންސިލަރު އަހްމަދު ނަރީޝްއާއި، ހުޅުމާލެ ދާއިރާގެ ކައުންސިލަރު އިބްރާހީމް ޝުޖާއު އެވެ.
އާ ކައުންސިލްގެ ފުރިހަމަ އަޣުލަބިއްޔަތު ޕީޕީއެމަށް ލިބިފައިވާއިރު، އެ ޕާޓީ އަށް ނިސްބަތްވާ އެ ތިން ބޭފުޅުންގެ މެދުގައި ޑެޕިއުޓީ މޭޔަރަކަށް ވުމުގެ ވާދަވެރިކަން ވަރަށް ބޮޑެވެ.
މިދިޔަ މެއި މަހުގެ 17 ވަނަ ދުވަހު އާ ކައުންސިލަރުން ހުވާކުރުމުގެ ރަސްމިއްޔާތު ބޭއްވި ނަމަވެސް މިހާރު ކުރިމަތިވެފައިވާ ކޮވިޑްގެ ހާލަތާއި ގުޅިގެން ބައެއް ކައުސިލަރުން ހުވާކޮށްފައިވަނީ އޮންލައިންކޮށެވެ.
މާލޭ ސިޓީ ކައުންސިލުން ފިޔާވާ އެހެން ހުރިހާ ކައުންސިލަކުން ވެސް މިހާރު ޑެޕިއުޓީ މޭޔަރުންނާއި ނައިބު ރައީސުން ވަނީ ކަނޑައަޅާފަ އެވެ.