ކޮވިޑް-19 އާ ގުޅިގެން ފަތުރުވެރިކަމަށް އައިސްފައިވާ ހީނަރުކަމުގެ ސަބަބުން، ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ) ގެ މައި ހިއްސާ ގަތުމަށް އެމެރިކާގެ ބައިން ކެޕިޓަލް އިން ނެގި 305 މިލިއަން ޑޮލަރުގެ ލޯނެއް އަނބުރާ ނުދެއްކިގެން، ޓީއެމްއޭގެ ކޮންޓްރޯލް ލޯނު ދޫކުރި ފަރާތްތަކުގެ އަތްމައްޗަށް ހިނގައްޖެ އެވެ.
އެމެރިކާގެ އިންވެސްޓްމަންޓް ކުންފުންޏެއް ކަމަށްވާ ބައިން ކެޕިޓަލް އިން ޓީއެމްއޭގެ މެޖޯރިޓީ ހިއްސާ 2017 ވަނަ އަހަރު ގަނެފައިވަނީ ގާތްގަނޑަކަށް 550 މިލިއަން ޑޮލަރަށެވެ. އެ ކުންފުނިން މި މުއާމަތް ކޮށްފައިވަނީ ޗައިނާގެ ޓެމްޕަސް ގްރޫޕާ ގުޅިންނެވެ. ބައިން އިން ޓީއެމްއޭގެ ހިއްސާ ގެނެފައިވަނީ އެމެރިކާގެ ބްލެކް ސްޓޯން ކުންފުނީގެ އަތުންނެވެ.
ޓީއެމްއޭގެ މައި ހިއްސާ ގަތުމަށް ނަގާފައިވާ 305 މިލިއަން ޑޮލަރުގެ ލޯނު އަނބުރާ ދައްކަން ވަނީ ދަތިތަކާ ކުރިމަތިވެފަ އެވެ. މި ލޯނު ހަމަޖައްސައިދިން އިންވެސްޓަރުން ވަނީ ލޯނަށް ދައްކަން ޖެހި ނުދެއްކި ހުރި ފައިސާ ދެއްކުމަށް މިދިޔަ އޮގަސްޓް މަހުގެ ނިޔަލަށް މުހުލަތު ދީފަ އެވެ.
އެހެން ނަމަވެސް، އެނގިފައިވާ ގޮތުގައި، އެ މުއްދަތުގެ ތެރޭގައި އެ ފައިސާ ދެއްކިފައެއް ނުވެ އެވެ. --އެމްބީއެސް
އިކޮނޮމިކް މިނިސްޓްރީގެ ބިޒްނަސް ޕޯޓަލްގައިވާ ގޮތުން، ސެޕްޓެމްބަރު 23 ގައި ޓީއެމްއޭގެ ޑިރެކްޓަރުންގެ ބޯޓަށް ވެސް ވަނީ ވަރަށް ބޮޑު ބަދަލެއް އައިސްފަ އެވެ. އެގޮތުން، އަލަށް ހަ މީހަކު ބޯޑަށް ގެނެސްފައިވާއިރު، އޭގެ ތެރޭގައި ރާއްޖޭގައި އުޅުއްވާ ބޭފުޅަކަށް އިނީ، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަނބަލުން ދުންޔާ މައުމޫންގެ ފިރިކަލުން އަދި ގާނޫނީ ވަކީލް ޝުއައިބު ޝާހެވެ.
މީގެ އިތުރުން، ކުރިން ޑިރެކްޓަރުންގެ ބޯޑުގައި އިންނެވި، ކުންފުނީގެ ސީއީއޯ މުހައްމަދު ފައުޒީ ވެސް ބޯޑަކު ނެތެވެ. އަދި ބްލެކްސްޓޯނުން ޓީއެމްއޭ ގަތުމުގެ ކުރިން މައި އެއް ހިއްސާދާރު ޗަމްޕާ ހުސެއިން އަފީފު ވެސް ބޯޑުގައި ނެތެވެ. އެހެން ނަމަވެސް، ކުރިން ހިންގި މޯލްޑިވިއަން އެއާ ޓެކްސީގެ ވެރިޔާ ލާސް އެރިކް ނެލްސެން، މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި، މިހާރުގެ ބޯޑުގައި އިންނަވަ އެވެ.
ޓީއެމްއޭ އަކީ މުޅި ދުނިޔޭގެ ވެސް އެންމެ ބޮޑު ސީޕްލޭން އޮޕަރޭޓަރެވެ.
ކޮވިޑް-19 އާ ގުޅިގެން ފަތުރުވެރިކަން އެއްކޮށް ހުއްޓުމާއިއެކު، ޓީއެމްއޭ އަށް ވަނީ އެ އެއާލައިންގެ ގިނަ ބޯޓުތައް ގްރައުންޑްކުރަން މަޖުބޫރުވެފަ އެވެ. އެހެން ނަމަވެސް، ޖުލައި 15 ގައި ރާއްޖޭގެ ބޯޑަރު ހުޅުވުމާއިއެކު އެ އެއާލައިންގެ ދަތުރުތައް އަނެއްކާވެސް ވަނީ ފަށާފަ އެވެ.
30 އަހަރުގެ ވެރިކަމުގައި އެންމެ ބޯބަހައްޓައިގެން ތިޖޫެރި މެނޭޖްކުރީ ދުންޔާ. ރާޢްޖޭގެ އެންމެ މުއްސަނދި 10 މީހުންގެ ލިސްޓް ނެރުމުން އެކަން އެނގޭނެ