ކުރީގެ ރައީސް، އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދިން ހަމަލާގެ އިންކުއަރީއަށް ވަކިވަކި ސިފައިން ޖަވާބުދާރީ ނުވާނެ ކަމަށް ބުނެ، ޑިފެންސް މިނިސްޓްރީން ފޮނުވި ސިޓީއާ ގުޅިގެން މަޖިލީހުގެ އިމްތިޔާޒް ކޮމިޓީއަށް ހުށަހެޅި މައްސަލަ ނުބަލަން ނިންމީ އުސޫލާ އެއްގޮތަށް ކަމަށް އެ ކޮމިޓީން މިއަދު ބުނެފި އެވެ.
އެ ކޮމިޓީގެ މުގައްރިރު ޔާސިރު އަބްދުއް ލަތީފް މިއަދު ނެރުއްވި ބަޔާނެއްގައި ބުނީ ޑިފެންސް މިނިސްޓްރީގެ ނައިބަކު ސޮއިކުރައްވައި ފޮނުވި ސިޓީގެ މައްސަލައިގައި އިމްތިޔާޒް ކޮމިޓީން ގޮތެއް ނިންމީ އެކަން ނިންމި ބައްދަލުވުމުގައި މެމްބަރުން ހުށަހެޅުއްވި ހުށަހެޅުއްވުންތަކުގެ ތަރުތީބުން ވޯޓަށް އަހައިގެން ކަމަށެވެ.
އެ ތަރުތީބުން އެންމެ ފުރަތަމަ އޮތީ އެ މައްސަލަ ކޮމިޓީން ނުބަލަން ހުށަހަޅައި ތާއީދު ލިބިފައި އޮތް ހުށަހެޅުމެއް ކަމަށާއި އެ ހުށަހެޅުން ފާސްކުރީ މެމްބަރުންގެ އަޣުލަބިއްޔަތުން ކަމަށް ބަޔާނުގައި ޔާސިރު ވަނީ ބުނެފަ އެވެ.
"މިކަމުގައި ވަަރަށް ގިނަ ގާނޫނީ މައްސަލަތައް ހުރުމުން މި މައްސަލައަކީ ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒާއި ސުލޫކު ކޮމިޓީން ބެލިދާނެ މައްސަލައެއް ކަމަށް ގަބޫލުނުކުރެވޭތީ މި މައްސަލަ ކޮމިޓީން ބޭރުކުރުމަށް ފެންނަ ކަމަށް ހުށަހެޅި ތާއީދު ލިބުނު ހުށަހެޅުން، އެވަގުތު ކޮމިޓީގައި ހާޒިރުވެވަޑައިގެން ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެމްބަރުންގެ އަޣުލަބިއްޔަތުން ފާސްވި އެވެ،" ބަޔާނުގައި ބުންޏެވެ.
މަޖިލީހުގެ އިމްތިޔާޒް ކޮމިޓީން ބުނީ އެ މައްސަލަ ނިންމި ބައްދަލުވުމަކީ ސިއްރުކޮށްގެން ކުރިއަށް ގެންދިޔަ ބައްދަލުުވުމެއް ކަމަށް ވާއިރު ކޮމިޓީގައި މެމްބަރުން ދިން ވޯޓުގެ ނަތީޖާގެ ސްކްރީންޝޮޓްތަކެއް ލީކްވެފައިވާ ކަމަށާއި އެހެންވެ ކޮމިޓީގެ ބައެއް މެމްބަރުންނަށް އުނދަގުލާއި ފުރައްސާރަ ކުރިމަތިވެފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި އެފަދަ ކަމެއް ވިޔަ ނުދިނުމަށް ޓަކައި ސިއްރު ބައްދަލުވުންތައް އޮންލައިންކޮށް ކުރިއަށް ނުގެންދަން ކޮމިޓީން ވަނީ ނިންމައިފަ އެވެ.
ބަޔާނުގައި އިތުރަށް ބުނީ، ބައްދަލުވުމެއް ސިއްރުކުރަން ނިންމާ ހިސާބުން އެ ބައްދަލުވުުމެއް ކުރިއަށް ގެންދާނީމަޖިލީހުގެ އިދާރާގައި ކަމަށެވެ. ބުންޏެވެ.