ކުރީގެ ރައީސް، ރައްޔިތުންގެ މަޖިލީހުގެ ރައީސްމުހައްމަދު ނަޝީދަށް އަވަހާރަކޮށްލަން ދިން ޓެރަރިސްޓު ހަމަލާއާ ގުޅިގެން ބޭއްވި މަޖިލީހުގެ އިމްތިޔާޒް އަދި ސުލޫކު ކޮމެޓީގެ ސިއްރު ބައްދަލުވުމުގެ މައުލޫމާތުތައް ލީކުވި ގޮތް ބަލަން އެކުލަވާލާފައިވާ ސަބް ކޮމެޓީ ސިއްރު ކޮށްގެން ކުރިއަށް ގެންދަން މިއަދު ނިންމައިފި އެވެ.
ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއާ ގުޅިގެން މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމެޓީން ކުރާ ތަހުގީގަށް ވަކިވަކި ސިފައިން ޖަވާބުދާރީ ނުވާނެ ކަމަށް ޑިފެންސް މިނިސްޓްރީން އެންގުމުން އެއީ މަޖިލީހުގެ އިމްތިޔާޒަށް އަރައިގަތުން ކަމަށް ވިދާޅުވެ، އެ މައްސަލަ ބަލަން އިމްތިޔާޒް އަދި ސުލޫކު ކޮމެޓީ އަށް ހުށަހެޅުއްވީ މަޖިލީހުގެ ރައީސް މުހަންމަދު ނަޝީދެވެ.
އެ ހުށަހެޅުން ކޮމެޓީން މިދިޔަ ހަފުތާގައި ބޭރުކޮށްލީ އެމްޑީޕީގެ ބައެއް މެމްބަރުންގެ ވޯޓާ އެއްކޮށެވެ. ސިއްރު ކޮށްގެން ކުރިއަށް ގެންދިޔަ އެ ބައްދަލުވުމުގައި މެމްބަރުން ވޯޓު ދިން ގޮތުގެ ތަފްސީލުތައް ސޯޝަލް މީޑިއާގައި އާންމުވުމުން އެ މައްސަލަ ބެލުމަށްޓަކައި އިމްތިޔާޒް ކޮމެޓީގެ ސަބް ކޮމެޓީއެއް ކުރިން އޮތީ އެކުލަވާލައިފަ އެވެ.
މިއަދު ފުރަތަމަ ސަބް ކޮމިޓީން ބޭއްވި ބައްދަލުވުމުގައި މުގައްރިރާއި ނައިބު މުގައްރިރު ހޮވުމަށްފަހު މެމްބަރުން ހުށަހެޅުއްވީ އެ ކޮމެޓީގެ ބައްދަލުވުންތައް ސިއްރުކޮށްގެން ކުރިއަށް ގެންދިއުމަށެވެ. އެ ހުށަހެޅުން ފާސްވީ މެމްބަރުންގެ އިއްތިފާގުންނެވެ.ސަބް ކޮމެޓީގެ މުގައްރިރަކަށް އައްޔަންކުރީ މަކުނުދޫ ދާއިރާގެ މެމްބަރު އަހުމަދު ރާއީ އެވެ. ނައިބު މުގައްރިރަކަށް ހޮވުނީ މަނަދޫ ދާއިރާގެ މެމްބަރު ހާރޫނެވެ.
ދެން އެ ކޮމިޓީގައި ހިމެނިވަޑައިގަންނަ ވާނީ މައި ކޮމެޓީގެ މުގައްރިރު އަދި ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބްދުއްލަތީފާއި ދަނގެތި ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމްގެ އިތުރުން ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ އެވެ.