ތެލް އަވީވް (14 ޖޫން) - އިޒްރޭލުގެ ބޮޑުވަޒީރު ކަމުގައި ހުންނެވި ބެންޖަމިން ނަތަންޔާހޫގެ ދިގު ވެރިކަން ނިމި، އާ ސަރުކާރު ވެރިކަމާ ހަވާލުވުމާއެކު އެ ގައުމުގެ އާއްމުން މަގުތަކަށް ނުކުމެ، އުފާ ފާޅުކުރަން ފަށައިފި އެވެ.

އިޒްރޭލުގައި 12 އަހަރަށް ދެމިގެން ދިޔަ ނަތަންޔާހޫގެ ވެރިކަން ނިމުމަކަށް އައީ މިދިޔަ އާދީއްތަ ދުވަހު އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުން އިދިކޮޅު ކޯލީޝަން ސަރުކާރަށް ރުހުން ދިނުމާ ގުޅިގެންނެވެ. ކޯލިޝަނުން މި ވޯޓު ކާމިޔާބުކުރީ 59-60 ގެ ހަނި އަޣްލަބިއްޔަތަކުންނެވެ.

ނަފްތާލީ ބެނެޓް ބޮޑުވަޒީރު ކަމަށް އިސްވި، އާ ސަރުކާރަކީ އިޒްރޭލުގެ އިސްލާހީ މަސައްކަތްތައް ހަލުވި ކަމާއެކު ކުރިއަށް ގެންގޮސްދޭނެ އުއްމީދީ ސަރުކާރެއް ކަމަށް ގިނަ ބަޔަކު ދެކެ އެވެ.

މަގާމާ ޙަވާލުވެ ބެނެޓް ދެއްކެވި ވާހަކަފުޅުގައި ވިދާޅުވެފައި ވަނީ މިއީ އާ ދުވަސްތަކެއްގެ ފެށުން ކަމަށާއި ގައުމުގައި އެއްބައިވަންތަކަމާއި ސުލްހަ މަސަލަސްކަން ގާއިމުކުރުމަށް ބޮޑު އިސްކަމެއް ދޭނެ ކަމަށެވެ.

ބެނެޓް މިހެން ވިދާޅުވެފައި މިވަނީ ފަލަސްތީނުގެ މައްސަލައިގައި އިޒްރޭލުގެ އަރަބިންނާއި ޔަހޫދީންގެ މެދުގައި ހަމަނުޖެހުންތަކެއް ހިނގައި ނުތަނަވަސްކަން އިތުރުވެފައިވާ ދަނޑިވަޅެއްގަ އެވެ.

މަގާމުން ދުރުކުރި ނަތަންޔާހޫ ވަނީ އެނބުރި އަންނާނެ ކަމަށް ބުނެ، އާ ސަރުކާރަށާއި ބެނެޓަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ.

ބޮޑުވަޒީރުގެ ހުވާ ކުރެއްވުމަށްފަހު ބެނެޓް ވަނީ އޭނާގެ ކެބިނެޓާއެކު އިޒްރޭލުގެ ރައީސް ރިއުވިން ރިވްލިން އާ ބައްދަލުކޮށް ސަރުކާރު ބަދަލުކުރުމުގެ ކަންކަމާ ބެހޭ ގޮތުން މަޝްވަރާ ކުރައްވާފަ އެވެ.

އަންނަ ޖުލައި މަހުގެ ނުވަ ވަނަ ދުވަހު ރައީސް ރިވްލިންގެ ދައުރު ވެސް ހަމަވާނެ އެވެ. -- ބީބީސީ