އިޒްރޭލުން ރާއްޖެއަށް ޑައިރެކްޓް ފްލައިޓްތަކެއް ފަށަން އުޅޭކަމަށް ދެކެވޭ ވާހަކަ ޓްރާންސްޕޯޓް މިނިސްޓްރީން މިއަދު ދޮގުކޮށްފި އެވެ.

އިޒްރޭލުން ސީދާ ދަތުރުތައް ރާއްޖެއަށް ފަށަން އުޅޭކަމަށް ފެތުރުނު ހަބަރާ ގުޅޭ ޓްރާންސްޕޯޓް މިނިސްޓްރީން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ އެފަދަ ދަތުރުތަކެއް ފަށަން ނިންމާފައިނުވާ ކަމަށެވެ.

ރާއްޖެ އާއި އިޒްރޭލާއި ދެމެދު ވައިގެ ދަތުރުފަތުރު ކުރުމާއި ގުޅޭ ގޮތުން މިހާތަނަށް އެއްވެސް ވަރަކަށް މަޝްވަރާ ކުރެވި އަދި ދަތުރު ކުރުމަށް އެއްވެސް އެއާލައިނަކަށް ހުއްދަ ދެވީފައިނުވާ ކަމަށް ވެސް އެ މިނިސްޓްރީން ބުނެ އެވެ. އަދި އިޒްރޭލަށް ސީދާ ވައިގެ ދަތުރުފަތުރުގެ ހިދުމަތް ދިނުމާއި ގުޅޭ އެއްވެސް އެއްބަސްވުމެއްގައި މިހާތަނަށް ސޮއި ކޮށްފައިނުވާ ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.

މީގެ އިތުރުން ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ ސަރުކާރުން މިފަދަ ހުއްދައެއް ދިނުމަށް ވިސްނާފައި ނުވާ ކަމަށާއި އިޒްރޭލާ ދެމެދު ވައިގެ ދަތުރުފަތުރު ކުރުމާއި ގުޅޭ އެއްބަސްވުމެއްގައި ސޮއިކުރުމަށް ވެސް ނިންމާފައިނުވާ ކަމަށެވެ.

ޓްރާންސްޕޯޓް މިނިސްޓްރީއިން މިވާހަކަތައް ދޮގުކޮށްފައިވާއިރު އިޒްރޭލުގެ "އިޒްރޭލް ހަޔޮމް" ނޫހުގައި ބުނެފައި ވަނީ އަންނަ ސެޕްޓެމްބަރު 6 އިން އޮކްޓޯބަރު 6 ގެ ނިޔަލަށް އިޒްރޭލުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ކޮންމެ ހޯމަ ދުވަހަކު ދަތުރުތައް ބާއްވާނެ ކަމަށެވެ.

އެ ނޫހުގައި ބުނެފައި ވަނީ ސީޝެލްސްގެ ޤައުމީ އެއާލައިން ކަމަށްވާ އެއާ ސީޝެލްސް އިން އިޒްރޭލުން ސީދާ ރާއްޖެއަށް ދަތުރުކުރަން ހަމަޖެހިފައިވާއިރު، އަނބުރާ އިޒްރޭލަށް ދާނީ ސީޝެލްސްގައި އެއް ގަޑިއިރު ޓްރާންސިޓް ކުރުމަށްފަހު އެވެ.

މިކަމާ ގުޅޭ ގޮތުން ފޮރިން މިނިސްޓްރީން ވެސް ބުނެފައި ވަނީ އެ ވާހަކަތަކަކީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށެވެ.