ކުރީގެ ރައީސް، ރައްޔިތުުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝިދު އަވަހާރަކޮށްލަން ދިން ޓެރަރިސްޓު ހަމަލާއާ ގުޅިގެން ރައްޔިތުންގެ މަޖިލީހުން ފަށާފައިިވާ ޕާލިމެންޓްރީ އިންކުއަރީއަށް މޯލްޑިވްސް މަނިޓަރީ އޮތޯރިިޓީ (އެމްއެމްއޭ)ގެ އިސްވެރިން ހާޒިރުކޮށްފި އެވެ.

މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ އަށް މިއަދު ހާޒިރުކުރި އެމްއެމްއޭގެ އިސް ބޭފުޅުންގެ ތެރޭގައި އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމާއި ޑެޕިއުޓީ ގަވަރުނަރު އަހްމަދު އިމާދުގެ އިތުރުން އެތަނުގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓްގެ ވެރިޔާ އިބްރާހިމް އަހްމަދު ނާސިރު ހިމެނެ އެވެ.

ހަމަލާއާ ގުޅިގެން ކުރިއަށްގެންދާ އިންކުއަރީއަކީ ސިއްރު އިންކުއަރީއަކަށްވުމުން އެ ބޭފުޅުން ހާޒިރުކުރި ސީދާ ސަބަބެއް ނޭނގެ އެވެ. ނަމަވެސް ސޯޝަލް މީޑިއާގައި ގިނަބަޔަކު ދަނީ ނަޝީދަށް ހަމަލާދިނުމަށް ފަންޑުކުރި ބަޔަކު ހޯދަން ގޮވާލަމުން ކަމަށްވުމުން، އެކަމާ ގުޅިގެން ހާޒިރުކުރި ކަމަށް ބެލެވެ އެވެ.

ފަންޑުކުރި މީހުން ހޯދުމުގެ މަސައްކަތް ފުލުހުން ވެސް ދަނީ ކުރަމުންނެވެ.

މަޖިލީހުގެ އިންކުއަރީއަށް ނަޝީދުގެ ބޮޑީ ގާޑުންނާއި ވަކިވަކި ސިފައިންގެ އިތުރުން ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނަަރަލް އަބްދުﷲ ޝަމާލްއާއި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއާ ޖެނަރަލް އަބްދުއްރަހީމް އަބްދުއްލަތީފާއި ބްރިގޭޑިއާ ޖެނަރަލް ޒަކަރިއްޔާ މަންސޫރު ހާޒިރުކޮށްފައިވެ އެވެ. އަދި ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދާއި ފުލުހުންގެ ކައުންޓަ ޓެރަރިޒަމްގެ ޑިރެކްޓަރު ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ފަރީދު އިސްމާއީލް ވެސް ހާޒިރުކޮށްފައިވެ އެވެ.