ރިޔާދް (16 ޖޫން) - ސައޫދީ އަރަބިއާގައި 26 އަހަރުގެ ޒުވާނަކަށް، އޭނާގެ އުމުރުން 17 އަހަރުގައި ކޮށްފައިވާ ކުށަކަށް މަރުގެ ހުކުމް އިއްވުމަށްފަހު ދަންޖައްސައި މަރާލައިފި އެވެ.

މުސްތަފާ އަލް ދަރްވިޝް ނަމަކަށް ކިޔާ މި ޒުވާނާ އެ ގައުމުގެ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ 2015 ވަނަ އަހަރު އެވެ. އޭނާގެ މައްޗަށް ކޮށްފައި ވަނީ ފުލުހުންގެ ޒިންމާއަށް ހުރަސްއަޅަން އުޅުމުގެ ތުހުމަތާއި ހަތިޔާރާއެކު ހަމަނުޖެހުން ހިންގަން އުޅުމުގެ ތުހުމަތެވެ.

ދަރްވިޝްއާ ދެކޮޅަށް އެ ގައުމުގެ ފުލުހުން ހުށައަޅާފައިވާ ހެއްކަކީ 2011 އަދި 2012 ވަނަ އަހަރު ހިނގި ހަމަނުޖެހުންތަކެއްގައި ބައިވެރިވެ އުޅެނިކޮށް ނަގާފައިވާ ފޮޓޯތަކެވެ.

ސައޫދީ އަރަބިއާ އިން މިދިޔަ އަހަރު ބުނެފައިވާ ގޮތުގައި 18 އަހަރުވުމުގެ ކުރިން ކޮށްފައިވާ ކުށްތަކަށް މަރުގެ އަދަބު ދިނުމުގެ ބަދަލުގައި 10 އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވާ ގޮތަށް އެ ގައުމުގެ ގާނޫނުތައް ވަނީ ބަދަލުކޮށްފަ އެވެ.

މަރުގެ ހުކުމާ ދެކޮޅަށް ވަކާލާތުކުރާ ބައިނަލްއަގަވާމީ ޖަމާއަތެއް ކަމަށްވާ އެމްނެސްޓީ އިންޓަނޭޝަނަލްއިން ބުނީ ދަރްވިޝްއާ ދެކޮޅަށް ކޮށްފައިވާ ދައުވާއަކީ ސައްހަ ދައުވާއެއް ނޫން ކަމަށާއި އާ ގާނޫނުތަކާއެކު ދަރްވިޝްގެ މަރުގެ ހުކުމް އިސްތިއުނާފް ކުރަން ޖެހޭ ކަމަށެވެ.

އެކަމަށް ރައްދުދީ ސައޫދީ އިދާރާތަކުން ބުނީ އާ ގާނޫނުގެ ދަށުން އަމަލު ކުރެވޭނީ އަލަށް ހުކުމްކުރާ ފަރާތްތަކަށް ކަމަށެވެ.

ސައޫދީ އަރަބިއާއަކީ ދުނިޔޭގެ ނިސްބަތުން ވެސް މަރުގެ އަދަބު އެންމެ ގިނައިން ދެވޭ އެއް ގައުމެވެ. -- ބީބީސީ