ދާރުއްސަލާމް (18 ޖޫން) - އިޒްރޭލުން ފަލަސްތީނަށް ކޮވިޑް -19ގެ އެއް މިލިއަން ވެކްސިން ޑޯޒް ފޮނުވަން ނިންމާފައިވާ ކަމަށް އެ ގައުމުން އިއުލާން ކޮށްފި އެވެ.

މުއްދަތު ހަމަވާން ކައިރިވެފައިވާ މި ވެކްސިންގެ ޑޯޒްތައް އިޒްރޭލުން ފަލަސްތީނަށް ފޮނުވަނީ އޭގެ ބަދަލުގައި މި އަހަރު ފަހުކޮޅު ފަލަސްތީނަށް ލިބެން ހަމަޖެހިފައިވާ ވެކްސިން ޝިޕްމަންޓްއިން ހަމަ އެ އަދަދަށް އިޒްރޭލަށް ވެކްސިން ފޮނުވަން ޝަރުތުކޮށްފަ އެވެ.

ބޮޑު މީހުންގެ އާބާދީގެ 85 ޕަސެންޓްއަށް ވެކްސިން ދިނުމަށްފަހު ފަތުރުވެރިކަމަށް އަލުން ހުޅުވާލާފައިވާ އިޒްރޭލުން ހުޅަނގު އައްސޭރިއާއި ޣައްޒާއަށް ވެކްސިން ހަދިޔާ ކޮށްފައި ނުވާތީ ގިނަ ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފަ އެވެ.

އިޒްރޭލުގައި އަލަށް އިންތިޚާބުވި ސަރުކާރާއެކު ވެވުނު މި އެއްބަސްވުމުގައި އިޒްރޭލުން ފައިޒާ ވެކްސިންގެ އެއް މިލިއަން ޑޯޒް ވަގުތުން ވަގުތަށް ފަލަސްތީނަށް ފޮނުވާއިރު، ސެޕްޓެމްބަރު ނުވަތަ އޮކްޓޯބަރު މަހު ފަލަސްތީނަށް ލިބޭ ވެކްސިން ޝިފްމަންޓުން އެއް މިލިއަން ޑޯޒް އިޒްރޭލަށް ދޭން ޖެހެ އެވެ.

އިންސާނީ ހައްގުތަކަށް ވަކާލާތުކުރާ ޖަމިއްޔާތަކުން ބުނާގޮތުގައި ހުޅަނގު އައްސޭރި ފަދަ ފަލަސްތީނުގެ ބިންތަކަށް އަތްގަދަކޮށް ބާރު ހިންގަމުން ދަނީ އިޒްރޭލުން ކަމަށްވުމާއެކު އެ ސަރަހައްދުތަކުގައި ދިރިއުޅޭ ފަލަސްތީނު ރައްޔިތުންނަށް ވެކްސިން ފޯރުކޮށްދިނުމަކީ އިޒްރޭލުގެ ޒިންމާ އެކެވެ.

ނަމަވެސް މި ގޮވާލުންތަކަށް އިޒްރޭލުން ދެކޮޅު ހަދާފައިވަނީ 1990ގެ އަހަރުތަކުގައި ފަލަސްތީނާއެކު ވެވުނު ސުލްހައިގެ އެއްބަސްވުމަށް ހަވާލާދީ އެވެ.

އެ އެއްބަސްވުމުގައި ވާގޮތުން ހިފާފއިވާ ބިންތަކުގައި ދިރިއުޅޭ މީހުންގެ ސިއްހީ ކަންކަން ބަލަހައްޓަން ޖެހޭނީ ފަލަސްތީނުގެ އިދާރާތަކުންނެވެ. ނަމަވެސް ޕެންޑަމިކް ފަދަ ހާލަތެއްގައި ދެފަރާތުން ގުޅިގެން މަސައްކަތް ކުރަން ޖެހޭނެ ކަމަށް ވެސް އެ އެއްބަސްވުމުގައިވެ އެވެ. -- އަލް އަރަބިއްޔާ