ޣައްޒާ (19 ޖޫން) - އިޒްރޭލުން ފަލަސްތީނަށް ހުށަހެޅި ވެކްސިންގެ ޑީލް ދޫކޮށްލިކަން އެ ގައުމުގެ ހެލްތް މިނިސްޓްރީން އިއުލާން ކޮށްފި އެވެ.
މުއްދަތު ހަމަވާން ކައިރިވެފައި ހުރި ވެކްސިންތަކެއްގެ ބަދަލުގައި މި އަހަރު ފަހުކޮޅު އިޒްރޭލަށް ވެކްސިން ދިނުމަށް ޝަރުތުކޮށް ހުށަހެޅި މި ހުށަހެޅުން ކެންސަލް ކޮށްފައި ވަނީ އެ ވެކްސިންތަކުގެ މުއްދަތު ހަމަވާ ތާރީހަކީ އިޒުރޭލުން ކުރިން ހާމަކޮށްފައިވާ ތާރީހަށް ވުރެ މާ އަވަސް ތާރީހެއް ކަމަށް ވާތީ އެވެ.
ހުކުރު ދުވަހު ހުށަހެޅި މި ހުށަހެޅުމުގެ ދަށުން އެއް މިލިއަން ޑޯޒުގެ ފައިޒާ ވެކްސިން ފަލަސްތީނަށް ފޮނުވުމަށް އިޒްރޭލުން އެއްބަސްވި އެވެ.
ފަލަސްތީނުގެ ހެލްތް މިނިސްޓަރު މައި އަލްކައިލާ ވިދާޅުވި ގޮތުގައި އިޒްރޭލުން ކުރިން ހާމަކޮށްފައި ވަނީ ވެކްސިންތައް މުއްދަތު ހަމަވަނީ ޖުލައި އަދި އޮގަސްޓްގައި ކަމަށެވެ. ނަމަވެސް އެ ވެކްސިންތަކުގެ މުއްދަތު ހަމަވާ ތާރީހް އުޅެނީ މި ޖޫން މަހުގެ ތެރޭގައިކަން ފަހުން އެނގުނު ކަމަށް އޭނާ ވިދާޅުވި އެވެ.
ހުށަހެޅުން ކެންސަލްކުރުމާއެކު ފުރަތަމަ ޝިޕްމަންޓެއްގެ ގޮތުގައި އިޒުރޭލުން ފޮނުވި ނުވަދިހަ ހާސް ވެކްސިން ޑޯޒް އަނބުރާ އެ ގައުމަށް ވަނީ ފޮނުވާލާފަ އެވެ.
މި އޮޅުވާލުމުގެ ސަބަބުން ބައިނަލްއަގުވާމީ ފެންވަރުގައި އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ގިނަ ޖަމާއަތްތަކުން ވަނީ އިޒްރޭލަށް ފާޑު ކިޔުން އަމާޒުވެފަ އެވެ.
މީގެ ކުރިން ފަލަސްތީނަށް ވެކްސިން ހަދިޔާ ކޮށްފައިވާ ގައުމުތަކުގެ ތެރޭގައި ރަޝިޔާ، ޗައިނާ، ޔޫއޭއީ އަދި ޑަބުލިއުއެޗްއޯގެ ކޮވެކްސް ވެކްސިން ޕްރޮގްރާމް މިހެނެ އެވެ. – ބީބީސީ