ތެލްއަވީވް (20 ޖޫން) - އީރާނުގެ އިންތިޚާބީ ރައީސް އިބްރާހިމް ރައިސީއަށް އިޒްރޭލްގެ ގިނަ ފާޑުކިޔުންތަކެއް އަމާޒު ވެއްޖެ އެވެ.

އިޒުރޭލުން ވަނީ ރައިސީއަކީ ހައްދުފަހަނަ އަޅާފައިވާ ބޭފުޅެއް ކަމަށާއި އީރާނުގެ ނިއުކްލިއާ ޕްރޮގްރާމް ހަލުވިކުރުމަކީ ރައިސީގެ އެންމެ ބޮޑު ޕްރޮޕެގެންޑާ ކަމަށް ބުނެފަ އެވެ.

"އީރާނުގެ އާ ރައީސަކީ ގިނަބައެއްގެ މަރަށް ޒިންމާ ވާންޖެހޭ ހައްދު ފަހަނަ އަޅާފައިވާ ފަރާތެއް،" އިޒްރޭލްގެ ފޮރިން މިނިސްޓަރު ޔާސިރު ލެޕިޑް ޓްވީޓް ކުރެއްވި އެވެ.

އެ ގައުމުގެ ފޮރިން މިނިސްޓްރީން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައި ވަނީ ރައިސީގެ ބާރުގެ ދަށުން ދުނިޔޭގެ ސުލްހައަށް ބުރޫ އެރުން ގާތް ކަމަށެވެ.

އެ ގައުމުގެ އާ ބޮޑުވަޒީރު ނަފްތާލީ ބެނެޓް ވެސް ވަނީ އީރާނުގެ ރައީސް ކަމަށް ރައިސީ ހޮވުނީ މިނިވަން އިންސާފުވެރި އިންތިޚާބަކަށް ވުރެ ބޮޑަށް އެ ގައުމުގެ ރޫހާނީ ލީޑަރު އަލީ ޚާމަނާއީގެ ބާރުން ކަމަށެވެ. އަދި ރައިސީ އީރާނުގެ ވެރިކަމަށް އިސްވުމަކީ ބައިނަލް އަގުވާމީ މުޖުތަމައު އަށް ލިބުނު "ވޭކަޕް ކޯލް" އެއް ކަމަށާއި ކުރިމަތިވެދާނެ ހާލަތަކަށް ހުރިހާ ގައުމުތަކުން ވެސް ހޭލަންޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

މިދިޔަ ހަފުތާގައި ވެރިކަމާ ހަވާލުވި އިޒްރޭލްގެ އާ ސަރުކާރުން ވަނީ ދުނިޔޭގެ ބާރުތަކާއެކު، ނިއުކްލިއާ ޕްރޮގްރާމަކަށް އެއްބާރުލުން ނުދޭނެ ކަމަށް ބުނެފަ އެވެ. --އަލް އަރަބިއްޔާ