ކުޑަ ކުއްޖަކަށް އަނިޔާ ކޮށްފައިވާކަމުގެ މައުލޫމާތު އިއްޔެ ލިބިފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ބަޔަކު ރަހީނުކޮށް، މަރާލާފައި އޮތްވައި ފެނުނު އުމުރުން 13 އަހަރުގެ ކުއްޖާގެ ތަހުގީގާ ބެހޭ ގޮތުން މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޗީފް އިސްޕެކްޓާ އޮފް ޕޮލިސް އަބްދުﷲ ރަޝީދު ވިދާޅުވީ އިއްޔެ ހަވީރު ހުޅުމާލެ ދެވަނަ ފޭސްގައި ކުއްޖަކަށް އަނިޔާ ދީފައިވާ ކަމުގެ މައުލޫމާތު އާންމުންގެ ފަރާތުން ލިބިފައިވާ ކަމަށެވެ. އެ ކުއްޖާއަށް އަނިޔާކޮށްފައިވަނީ ވަނުން މަނާކޮށްފައިވާ ސަރަހައްދެއްގައި ކަމަށް ވެސް ރަޝީދު ވިދާޅުވި އެވެ.

މި މައްސަލާގެ ތަހުގީގަށް ކުރިއެރުންތަކެއް ލިބިފައިވާ ކަމަށާއި މި ހާދިސާއާ ގުޅޭ އިތުރު މައުލޫމާތު ލިބިފައިވާ ފަރާތެއްވާ ނަމަ ފުލުހުންނަށް އެ މައުލޫމާތު ހިއްސަ ކޮށްދިނުމަށް ވެސް ރަޝީދު އެދިވަޑައިގެންނެވި އެވެ.

"މިހާރު ދިވެހި ފުލުހުން މިކުރާ މަސައްކަތަކީ މި މައްސަލައިގެ އިތުރަށް ހޯދަން ޖެހޭ މައުލޫމާތު ހޯދާ މައްސަލަ ޝަރީއަތަށް ފޮނުވުމަށްޓަކައި އެކުރަން ޖެހޭ ހެކި ގަރީނާ ހޯދުމުގެ މަސައްކަތް. ފުލުހުންގެ ހިދުމަތުގެ އިލްތިމާސްއަކީ މި ހާދިސާއާ ގުޅިގެން އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތަކުން ދިވެހި ފުލުހުންގެ ހިދުމަތުގެ ނަންބަރު 9911099 ނުވަތަ 3000600 ނުވަތަ 1412 އާ ގުޅުއްވައިގެން ހިއްސާކޮށްދެއްވުން،" ރަޝީދު ވިދާޅުވި އެވެ.

މިހާދިސާގައި ކުޑަ ކުދިން ހިމެނޭތީ އެއްވެސް މީޑިއާއަކުން ޒާތީ މައުލޫމާތުތައް ހިއްސާ ނުކުރުމަށް ފުލުހުން ވަނީ އެދިފަ އެވެ.

މިނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޖެންޑާ މިނިސްޓަރުގެ ނައިބު ފާތިމަތު ޔުމްނާ ވިދާޅުވީ އެ ކުއްޖާގެ އާއިލާއަކީ އެ މިނިސްޓްރީ އާއެކު އެ ކުއްޖާއަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް ގާތުން މަސައްކަތްކުރި އާއިލާއެއް ކަމަށެވެ.

"މި އާއިލާއަކީ އަޅުގަނޑުމެންނާ އެއްކޮށް މި ކުއްޖާއަށް ބޭނުންވާ އެހީތެރިކަން ހޯދުމަށް ގާތުން މަސައްކަތް ކުރަމުން ދިޔަ އާއިލާއެއް. ކުއްޖާއާ އެކު ކުރެވިފައިވާ ވޭދަނައިގެ މަސައްކަތުން، ކުއްޖާއަކީ ތައުލީމު އުނގެނެމުން ދިޔަ ކުއްޖެއްކަން ފާހަގަ ކުރެވުނު،" ޔުމްނާ ވިދާޅުވި އެވެ.

މީގެ އިތުރުން ޔުމްނާ ވިދާޅުވީ މިހާރު އެއާއިލާއަށް ބޭނުންވާ އެހީތެރިކަން ވެސް ފޯރުކޮށްދެމުން އަންނަ ކަމަށާއި އެ ކުއްޖާއާއި އެ އާއިލާގެ ކަރާމާތަށް އުނިކަމެއް އަންނަ ގޮތަށް މައުލޫމާތު ނުފެތުރުމަށް އެދޭ ކަމަށެވެ.

ފުލުހުން ވަނީ މިމައްސަލާގައި ކުޑަ ކުދިން ހިމެނޭތީ ޒާތީ މައުލޫމާތު ހާމަނުކުރުމަށް އެދިފަ އެވެ. އަދި އާއިލާ ކުށްވެރިވާ ގޮތަށް ހަބަރުތައް ވެސް ނުފެތުރުމަށް ފުލުހުންނާއި ޖެންޑާއިން ވެސް ވަނީ އިލްތިމާސް ކޮށްފަ އެވެ.