ބަޔަކު ރަހީނުކޮށް، މަރާލާފައި އޮތްވައި ފެނުނު އުމުރުން 13 އަހަރުގެ ފިރިހެން ކުއްޖާގެ ޕޯސްޓްމޯޓަމް ހަދަން މި ހަފުތާ ތެރޭގައި ފޮނުވާލެވޭނެ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލު މިއަދު ވިދާޅުވީ ޕޯސްޓްމޯޓަމް ހަދަން ކުއްޖާގެ ހަށިގަނޑު މި ހަފްތާ ތެރޭގައި އިންޑިއާއަށް ފޮނުވުމަށް ކުރަން ޖެހޭ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އުމުރުން 13 އަހަރުގެ ކުއްޖާ މަރުވި މައްސަލާގެ ތަހުގީގު ވެސް ބާރަށް ކުރިއަށްގެންދާ ކަމަށާއި އެކަމުގެ ކުރިއެރުންތަކެއް ވެސް ލިބިފައިވާ ކަމަށް ފުލުހުން ބުނެ އެވެ.

ކުއްޖާގެ ޕޯސްޓްމޯޓަމް ހަދަން ފުލުހުން ނިންމިއިރު ޕޯސްޓްމޯޓަމް ހެދޭނެ ގޮތެއް ރާއްޖޭގައި ނުހުރެ އެވެ. އާއްމު ގޮތެއްގައި ޕޯސްޓްމޯޓަމް ހަދަން ރާއްޖެއިން މީހުން ފޮނުވަނީ އިންޑިއާ އަށެވެ.

އުމުރުން 13 އަހަރުގެ ކުއްޖާ މަރާލާފައި އޮއްވައި ފެނުނީ މިމަހުގެ 21 ވަނަ ދުވަހުގެ ރޭގަ އެވެ.

ރާއްޖޭގައި ހިނގާ މަރަކާ ގުޅިގެން ފުލުހުން ޕޯސްޓްމޯޓަމް ހަދަން ބޭނުން ވެއްޖެނަމަ އާއިލާގެ ރުހުން ނެތި ވެސް ޕޯސްޓްމޯޓަމް ހެދުމުގެ ބާރު މިހާރު ގާނޫނުން ފުލުހުންނަށް ލިބެ އެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ އުމުރުން 27 އަހަރުގެ ދިވެހި ފިރިހެނަކާއި 17 އަހަރުގެ ފިރިހެން ކުއްޖެކެވެ.

އޭގެ ތެރެއިން 27 އަހަރުގެ މީހާ ވަނީ ޝަރީއަތް ނިމެންދެން ބަންދުކޮށްފަ އެވެ. އަދި 17 އަހަރުގެ ކުއްޖާގެ ބަންދަށް 15 ދުވަސް ޖަހާފައިވެ އެވެ.

އެ މީހުންގެ މައްޗަށް ފުލުހުން ވަނީ ގަސްދުގައި މީހަކު މެރުމުގެ ތުހުމަތާއި ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރުމުގެ ތުހުމަތު ކޮށްފަ އެވެ.