ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ކުރީގެ ސަރުކާރުން ތަރައްގީކޮށްފައިވާ ހިޔާ ފްލެޓުގެ ޑްރާފްޓް އެއްބަސްވުމަށް ހިޔާލު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

އެޗްޑީސީން ބުނީ ހިޔާ މަޝްރޫއުގެ ދަށުން ހުޅުމާލެ ދެވަނަ ފިޔަވަހިން ވިއްކާ 6،720 ފްލެޓުގެ ޑްރާފްޓް އެއްބަސްވުމަށް މިހާރު އެކުންފުނީގެ ވެބްސައިޓްގައި އާއްމުކޮށްފައިވާ ކަމަށެވެ.

އެގޮތުން ޑްރާފްޓް އެއްބަސްވުމަށް ޖުލައި މަހުގެ ފުރަތަމަ ދުވަހުގެ ކުރިން ހިޔާލު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ. ހިޔާލު ފޮނުވާނީ އީމެއިލް މެދުވެރިކޮށް، [email protected] އަށް ކަމަށް ވެސް އެޗްޑީސީން ބުންޏެވެ.

އެޗްޑީސީން މި މަހުގެ 20 ވަނަ ދުވަހު ކުރި އިއުލާނުގައި ބުނީ، ބޮޑު މަޝްރޫއަކަށްވާތީ ފްލެޓަށް ހޮވިފައިވާ ފަރާތްތަކަށް ވަކިވަކިން އެއްބަސްވުން ފޮނުއްވުމަކީ ދަތިކަމަކަށް ވާތީ ހުރިހާ ފަރާތްތަކަކަށް ފަސޭހަކަމާއެކު ފެންނާނެ ގޮތަށް އެއްބަސްވުމުގެ ޑްރާފްޓް އެޗްޑީސީގެ ވެބްސައިޓުގައި ޝާއިއު ކޮށްފައިވާ ކަމަށެވެ.

ނަމަވެސް ޑްރާފްޓް އެއްބަސްވުމަށް ބަދަލު އައުމަކީ އެކަށީގެންވާ ކަމެއް ކަމަށާއި، އެއްވެސް ބަދަލެއް ގެނެސްފިނަމަ އެކަން އިއުލާނުކުރުމަށްފަހު އެޗްޑީސީގެ ވެބްސައިޓުގައި އަލުން އެ ޑްރާފްޓް ޝާއިއުކުރާނެ ކަމަށް އެޗްޑީސީން ވަނީ ބުނެފަ އެވެ.

މިހާރު ހިޔާ ފްލެޓް ލިބުނު ފަރާތްތަކަށް ފްލެޓް ދެކުމުގެ މަސައްކަތް ކުރިއަށްދާއިރު ފްލެޓް ލިބުނު ފަރާތްތަކާ މެދުގައި އެގްރީމަންޓްގައި ސޮއި ކުރުމުގެ މަސައްކަތް އަންނަ މަހުގެ 14 ވަނަ ދުވަހު ފެށުމަށް އެޗްޑީސީން ވަނީ ނިންމާފަ އެވެ.

ހިޔާ ފްލެޓް ފިނިޝިން މަސައްކަތް ނިންމުމަށް ސަރުކާރުން ވަނީ ތިން މަސް ދުވަހުގެ މުއްދަތަކެއް ހިޔާ ފްލެޓް ލިބުނު ފަރާތްތަކަށް ދީފަ އެވެ. މިކަމާ ގުޅިގެން ފްލެޓް ލިބުނު ގިނަ ބަޔަކު އަންނަނީ ޝަކުވާ ކުރަމުންނެވެ. އެމީހުން ބުނީ ތިން މަސް ދުވަސް ތެރޭގައި އެހާ ގިނަ އަދަދެއްގެ ފަރާތްތަކުން މަސައްކަތް ކުރަން އުޅުމުން ތަކެތި ލިބުގަޔާއި މަސައްކަތް ކުރާ ފަރާތްތައް ހޯދުމުގައި ދަތިތަކެއް ކުރިމަތިވެގެންދާނެ ކަމަށެވެ. އަދި ސަރުކާރަށް ތިން އަހަރު ވެގެން ދިޔައިރުވެސް ފިނިޝިން ނިމިފައިނުވާއިރު އާންމު ރައްޔިތުންނަށް ތިން މަސް ދުވަހު ތެރޭގައި ފިނިޝިން މަސައްކަތް ނުނިމޭނެ ކަމަށް އެމީހުން ވަނީ ފާހަގަ ކޮށްފަ އެވެ.