ކުރީގެ ރައީސް އަދި މިހާރުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށްގެން ދިން ހަމަލާއާއި ގުޅިގެން ހަތަރު މީހެއްގެ މައްޗަށް ދައުވާކުރަން ފޮނުވަން ތައްޔާރުވަމުން އަންނަ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ރައީސް ސޯލިހް މިއަދު ނޫސްވެރިންނާ ބައްދަލުކުރައްވާ ވާހަކަ ދައްކަވަމުން ވިދާޅުވީ ރައީސް ނަޝީދަށް ދިން ހަމަލާގެ ތަހުގީގު ވަރަށް ބާރަށް ކުރިއަށްދާ ކަމަށާއި މިމައްސަލާގައި އަށް މީހެއްގެ މައްޗަށް ފުލުހުން ތަހުގީގް ކުރަމުން އަންނަ ކަމަށެވެ. ފުލުހުންގެ ތަހުގީގު ނިންމާ ޕީޖީ އޮފީހަށް ހަތަރު މީހެއްގެ މައްޗަށް ދައުވާ ކުރުމަށް މިމަހުގެ ތެރޭގައި ފޮނުވިގެންދާނެ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.

މި ނޫސްވެރިންގެ ބައްދަލުވުމުގައި އިތުރަށް ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ އެ ހަމަލާއާ ގުޅިގެން ވަށައިގެން ހުރި ކަންކަން ބެލުމަށްވެސް ފުލުހުން މަސައްކަތްކުރަމުން އަންނަ ކަމަށެވެ. އަދި އެ މައްސަލައާ ގުޅިގެން އެމަނިކުފާނުގެ އެންގެވުމަށް ފެށި އިންޓެލިޖެންސް އޮޑިޓުގެ މަސައްކަތްވެސް ވަރަށް ހަލުއިކޮށް ކުރިއަށްގެންދާ ކަމަށް ރައީސް ވިދާޅުވި އެވެ. މިރިޕޯޓް ނިމުމުން އިންޓެލިޖެންސް ދާއިރާ ހަރުދަނާ ކުރުމަށް އިތުރު ފިޔަވަޅުތައް އެޅުމަށް ނިންމާފައިވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ނަޝީދަށް ދިން ހަމަލާ އާއި ގުޅުގެން މަޖިލީހުގެ 241 ކޮމެޓީގައި ކުރިއަށް ގެންދިޔަ އިންކުއަރީ ނިމިފައިވާ ކަމަށާއި އެރިޕޯޓްވެސް އެކުލަވާލުމުގެ މަސައްކަތް މަޖިލީހުން ކުރިއަށް ގެންދާ ކަމުގެ މައުލޫމާތު މަޖިލީހުން ދެއްވާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.

މަޖިލީހުގެ ރިޕޯޓުގައި ފާހަގަކޮށްފައި ހުންނަ އިސްލާހުކުރަންޖެހޭ ކަންކަން އިސްލާހުކުރައްވާނެ ކަމުގެ ޔަގީންކަން ވެސް ރައީސް ދެއްވި އެވެ.