ހަރުކަށި ފިކުރުގެ ބޮޑެއް ކަމަށް ތުހުމަތު ކުރާ ހއ. މޮޅަދޫ، ބަހާރުގެ، އަބްދުﷲ އަލީ މަނިކަށް އިއްވާފައިވާ ހުކުމަށް ލުއި ދިނީ ކަމާ ގުޅޭ އިދާރާތަކުގެ ލަފައާއި މަޝްވަރާ ހޯދުމަށްފަހު ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ހިއްސާ ކުރި މައުލޫމާތުތަކުގައި އަބްދުﷲ އަލި މަނިކުގެ 17 އަހަރުން ދަށުގެ ގިނަ ކުދިން ބަލަން ތިބި ކަމަށް ފާހަގަކޮށްފައިވާ ކަމަށެވެ. އަދި އޭނާ އަކީ މުޖުތަމައަށް ރަނގަޅު މަސައްކަތްތަކެއް ކުރެވިދާނެ މީހެއް ކަމަށް ފާހަގަކޮށްފައި އޮތް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
އަލި މަނިކަކީ އއ. ހިމަންދޫގައި 2007 ވަނަ އަހަރު ސަލާމަތީ ބާރުތަކާ ކުރިމަތިލި ބޮޑު ހާދިސާއާ ގުޅިގެން ޖަލަށްލި މީހެކެވެ. ރައީސް ވިދާޅުވީ އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު އެ މައްސަލާގައި ހިމެނޭ ގިނަ ބަޔަކު ވަނީ އެކި ސަރުކާރުތަކުން މިނިވަންކޮށްފައި ކަމަށެވެ.
މި ސަރުކާރު އައި އިރު، ހިމަންދުއަށް ނުދިޔުމަށް ޝަރުތުކޮށް އަލި މަނިކު ދޫކޮށްލާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ. އޭނާ ދެވަނަ ފަހަރަށް ހައްޔަރުކުރީ ޝަރުތާ ހިލާފުވެ ހިމަންދޫ އަށް ދިއުމުން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
އޭރު އަލި މަނިކަށް ކޮށްފައިވާ ހުކުމްގައި ނުނިމި އޮތީ އަށް މަސް އޮތްއިރު އިތުރު ދައުވާތަކެއްގެ ހުކުމް ތަންފީޒު ކުރަމުން ދިޔަ ކަމަށް ރައީސް ވިދާޅުވި އެވެ.
ދެން އެމަނިކުފާނު ކުރެއްވި ކަމަކީ އަލި މަނިކުގެ ހުކުމްގައި ނުނިމި އޮތް އަށް މަސް ދުވަހުގެ ހުކުމް ތިން މަސް ދުވަހަށް ކުރުކޮށްދިނުން ކަމަށާއި އިތުރު ކަމެއް ނުކުރައްވާ ކަމަށް ރައީސް ވިދާޅުވި އެވެ.
ދާދިފަހުން ފުލުހުން ވަނީ މާލޭގައި ހިންގި ހާއްސަ އޮޕަރޭޝަނެއްގައި އަލި މަނިކު ހައްޔަރުކޮށްފަ އެވެ.