ރާއްޖެއިން އިންޑިއާ ދެކޮޅަށް ދައްކާ ވާހަކަތަކުން އެގައުމުގައި ދިރިއުޅޭ ދިވެހިންނަށް ދަތިތަކާ ކުރިމަތިވެދާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް މޫސާ މަނިކު (ރީކޯ) ވިދާޅުވެއްޖެ އެވެ.

ރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަނާ ބެހޭ ގޮތުން ސޯޝަލް މީޑިއާ އަދި ނޫސްތަކުގައި ފާޑުކިޔަމުންދާތީ އެކަން ބަލައިދިނުމަށް އިންޑިއާ ހައިކޮމިޝަނުން ވަނީ ފޮރިން މިނިސްޓްރީއަށް ސިޓީއެއް ފޮނުއްވާފަ އެވެ. އަދި މިކަމާ ގުޅިގެން ފޮރިން މިނިސްޓްރީން ވަނީ މީޑިއާގައި އިންޑިއާ ދެކޮޅަށް ހަބަރު ނުލިޔުމަށް އަންގާފަ އެވެ.

މިކަމާ ގުޅިގެން ރީކޯ މޫސާ ވިދާޅުވީ ދިވެހިންގެ ފުދޭވަރެއްގެ އާބާދީއެއް އިންޑިއާގައި ދިރިއުޅެމުންދާއިރު މި ތަނުގެ ބަޔަކުކުރާ ކަމަކުން މި ގައުމުގެ ބަޔަކަށް އިންޑިއާގައި ދަތިތަކާ ކުރިމަތިލާން ޖެހުން އެއީ ގާނޫނުއަސާސީން އެ މީހުނަށް ލިބޭ ހައްގަށް އަރައިގަތުން ކަމަށެވެ. ޒާތީވެގެން އެއްވެސް ގައުމަކާއި ދެކޮޅަށް ވާހަކަ ނުދެއްކުމަށް ވެސް މޫސާ ގޮވާލެއްވި އެވެ.

ސަރުކާރާ ދެކޮޅުވުމަށް ސަރުކާރު ވައްޓާލަން ބޭނުންވެގެން ވެސް ޚާރިޖީ ގުޅުންތަކަށް އަސަރުކުރާ ފަދަ ވާހަކަތައް ނޫން ވާހަކަތަކެއް އިޚްތިޔާރު ކުރަންވެއްޖެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި ޗައިނާއާ ގާތް ގުޅުމެއް ބާއްވަމުން ދިޔައިރު، ޗައިނާއަށް ރައްދުވާ ގޮތަށް އެމްޑީޕީގެ އިސް ބޭފުޅުން ދައްކަވަމުން ގެންދެވި ވާހަކަތަކަށް އިޝާރާތް ކުރައްވައި މޫސަ ވިދާޅުވީ އެ ދުވަހު ވެސް ވަކާލާތު ކުރެއްވީ ޗައިނާއަށް ޒާތީ ބަސްތައް ރައްދު ނުކުރެއްވުމަށް ކަމަށެވެ. މިއަދު ވެސް ވަކާލާތު ކުރައްވާނީ އިންޑިއާއާ ވެސް ޒާތީވެގެން ބަސްތައް ރައްދު ނުކުރަން ކަމަށް އޭނާ ވިދާޅުވި އެވެ.

މިސަރުކާރާއި އިންޑިއާ ދެމެދު ސިއްރު ގުޅުންތަކެއް އޮންނަ ކަމަށް އިދިކޮޅު ފަރާތްތަކުން އަންނަނީ ބުނަމުންނެވެ. އަދި ރައީސް ސޯލިހުގެ ސަރުކާރާއި އިންޑިއާ ދެމެދު އަޑި ނޭނގޭ އެއްބަސްވުންތަކެއް ވަނީ ހަދާފަ އެވެ.