ފުލުހުންގެ އާ ގާނޫނުގެ ދަށުން ހަދަން ޖެހޭ ހުރިހާ ގަވައިދެއް އެކުލަވާލުމުގެ މަސައްކަތް މިހާރު ނިމިފައިވާ ކަމަށް ފުލުހުން ހާމަކުރިއިރު އެ ގަވާއިދު އަދި ވެސް ސަރުކާރުގެ ގެޒެޓުން ފެންނާކަށް ނެތެވެ.

ފުލުހުނާގެ މުޅި މުއައްސަސާގެ ހިންގުމަށް ބޮޑެތި ބަދަލުތަކެއް ގެނުވާނެ، "ދިވެހި ފުލުހުންގެ ހިދުމަތުގެ ގާނޫނު" މިދިޔަ ޑިސެމްބަރު މަހުގެ 27 ވަނަ ދުވަހު ރައީސް ސޯލިހް ވަނީ ތަސްދީދުކުރައްވާފަ އެވެ. އެ ގާނޫނަށް އަމަލުކުރަން ފަށާފައިވަނީ މިދިޔަ މާޗު މަހުގެ ތެރޭގަ އެވެ.

އާ ގާނޫނުގެ ދަށުން ހަދަން ޖެހޭ ހުރިހާ ގަވައިދެއް ވެސް މިހާރު ނިމިފައިވާ ކަމަށާއި ނަމަވެސް، އޭގެ ތެރެއިން ގެޒެޓުކުރީ ބައެއް ގަވައިދުތައް ކަމަށާއި ދެން ހުރި ގަވައިދުތައް ގެޒެޓްކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

"ފުލުހުންގެ އާ ގާނޫނުގެ ދަށުން ހަދަން ޖެހޭ ހުރިހާ ގަވައިދެއް ވެސް މިހާރު ވަނީ ނިމިފައި. އޭގެ ތެރެއިން ބައެއް ގަވައިދުތައް މިހާރު ވަނީ ގެޒެޓު ވެސް ކޮށްފައި. ދެން ހުރި ގަވައިދުތައް ހުރީ ގެޒެޓު ކުރުމުގެ މަރުހަލާގައި. ގަވާއިދުތައް އެއްކޮށް ގެޒެޓް ކުރެވެންދެން ކުރީގެ ގަވާއިދުތަކަށް އަމަލުކުރަން ނިންމާފައިވަނީ،" ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

ފުލުހުންގެ ގާނޫނުގެ ދަށުން ގިނަ އަދަދެއްގެ ގަވައިދު އެކުލަވާލަން ލާޒިމުކޮށްފައިވާއިރު، އެ ގަވާއިދުތައް ތަސްދީގު ކުރާތާ ހަ މަސް ތެރޭގައި އެކުލަވާލައި ގެޒެޓުކުރަން ޖެހޭނެ ކަމަށް އެ ގާނޫނުގައި އޮވެ އެވެ. ނަމަވެސް ގާނޫނުގައި އެ ބުނާ މުއްދަތު މިހާރު ވަނީ ހަމަވެފަ އެވެ.