ކާމިޔާބު ތަރިން ޑައިރެކްޓަރުންނާއި ޕްރޮޑިއުސަރުންނަށްވުމަކީ ބޮލީވުޑްގައި ވަރަށް އާއްމު ކަމަކެވެ.

ބޮލީވުޑްގެ ހިރޯއިންގެ ލިސްޓުގައި ހިމެނޭ ކާމިޔާބު ތަރިންގެ ތެރެއިން އާލިއާ ބަޓް ވެސް ދާދި ފަހުން މިވަނީ ފިލްމެއް ޕްރޮޑިއުސްކުރަން ނިންމާ އެކަން އިއުލާންކޮށްފަ އެވެ.

އާލިއާ ޕްރޮޑިއުސްކުރާ ފުރަތަމަ ފިލްމަށް ދީފައިވާ ނަމަކީ "ޑާލިންގްސް" އެވެ.

މި ފިލްމުގެ ޝޫޓިންގެ ތެރެއިން ވެނިޓީ ވޭނެއްގައި އާލިއާއިން ފޮޓޯއެއް ޓުވީޓް ކުރަމުން އާލިއާ ވަނީ މިއީ އޭނާގެ ފުރަތަމަ ޕްރޮޑަކްޝަން ކަމަށް ވުމުން ވަރަށް ހިތް ބިރުގަންނަ ކަމަށް ބުނެފަ އެވެ. އަދި މިއީ ޕްރޮޑިއުސަރަކަށްވާ ފުރަތަމަ ފަހަރު ކަމަށްވިޔަސް އޭނާ އަބަދުވެސް ފެންނާނީ އެކްޓަރެއްގައި ގޮތުގައި ކަމަށް އާލިއާ ބުނެ އެވެ.

ބޮލީވުޑް ސުޕަ ސްޓާރު ޝާހްރުކް ޚާން ވަނީ އާލިއާ ދެން ޕްރޮޑިއުސްކުރާ ފިލްމަކުން އޭނާއަށް ފުރުސަތު ދޭންވާނެ ކަމަށާއި ޝޫޓިންތަކަށް ވަގުތަށް އަންނާނެކަމާއި ވަރަށް ޕްރޮފެޝަނަލް ވާނެ ކަމަށް ވައުދުވެ މި ޓުވީޓަށް ރައްދު ދީފަ އެވެ.

ޝާހްރުކްގެ މި އެދުމަށް އާލިއާ ވެސް ވަނީ ރައްދު ދީފަ އެވެ. އެގޮތުން އޭނާގެ ކުރިއަށް ދެން ޕްރޮޑިއުސްކުރަން އޮތް ފިލްމަކަށް މިހާރުއްސުރެ ޝާހްރުކް ޚާން ހަމަޖެއްސީކަމަށާއި މިއަށް ވުރެ އޭނާ އިތުރަށް ބޭނުންކަމެއް ނެތްކަމަށް އާލިއާ ވަނީ ބުނެފަ އެވެ.

އާލިއާ އާއި ޝާހްރުކް މި ޓުވީޓްގެ ސަބަބުން އެ ދެ ތަރިންގެ ސަޕޯޓަރުން ތިބީ ވަރަށް އުފަލުންނެވެ.

ޝާހުރުކުޚާންގެ ޕްރޮޑަކްޝަން ހައުސް ރެޑް ޗިލީޒް އާއި އާލިއާގެ އެޓާނަލް ސަންޝައިން ޕްރޮޑަކްޝަން ގުޅިގެން ހަދާ މި ފިލްމުގައި އާލިއާ ވެސް ފެނިގެންދާނެ އެވެ. އާލިއާގެ އިތުރުން ޝެފާލީ ވިޖޭ އަދި ރޯޝަން ވެސް މި ފިލްމުން ފެނިގެންދާނެއެވެ.