މިދިޔަ މަހު ދުބާއީއަށް ވަޑައިގަތުމަށްފަހު މާލޭގައި ކަރަންޓީން ނިންމާލެއްވުމަށްފަހު ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މާލެއިން ބޭރަށް ފުރާވަޑައިގެންފި އެވެ.
ރައީސް ސޯލިހު އާއެކު ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު ވެސް ވަނީ މާލެއިން ބޭރަށް ފުރާވަޑައިގެންފަ އެވެ. މާލެއިން ބޭރަށް ރައީސް ފުރާވަޑައިގެންނެވީ މިއަދު މެންދުރު 2:15 އެހާކަންހާއިރު އެވެ.
އެމަނިކުފާނު ވަޑައިގަތީ ކޮންތަނަކަށް ކަމެއް ސާފެއް ނޫނެވެ.
ބެލެވޭ ގޮތުގައި ރައީސް ސޯލިހު ވަޑައިގަތީ އާރަށަށް ނުވަތަ ކައިރި ރިސޯޓަކަށެވެ. ސަރުކާރުގެ މަތީ ބޭފުޅުންނާއި ބައެއް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ކޮވިޑާ ގުޅިގެން މާލެ ލޮކްޑައުން ކޮށްފައިވަނިކޮށް ވަނީ ކައިރި ރިސޯޓުތަކަށް ދަތުރު ކުރެއްވި އެވެ.
ރައީސް ސޯލިހް މިދިޔަ މަހު ދުބާއީ އަށް ކުރެއްވި ދަތުރު ނިންމަވާލެއްވުމަށް ފަހު ރާއްޖެ ވަޑައިގަތީ ޖޫން 23ގަ އެވެ. އަދި މިހާތަނަށް އެމަނިކުފާނު ހުންނެވީ ހޯމް ކަރަންޓީނުގަ އެވެ. ރާއްޖެއިން ބޭރުން އަންނަ ފަރާތްތައް 14 ދުވަހުގެ ހޯމް ކަރަންޓީނު ފުރިހަމަކުރަން ޖެހޭއިރު މިއަދަކީ ރައީސް ސޯލިހް މާލެ ވަޑައިގެންނެވިތާ ބަރާބަރު 14 ވަނަ ދުވަހެވެ.
ކަރަންޓީނުގެ މުއްދަތަކީ 14 ދުވަސް ނަމަވެސް އާއްމު ގޮތެއްގައި ކަރަންޓީނުވާ ހުރިހާ ފަރާތްތަކުން ވެސް 15 ނޫނީ 16 ދުވަސް ވަންދެން ކަރަންޓީނުގައި ހުންނަން ޖެހެ އެވެ. އެއީ ސާމްޕަލް ނަގައި ޓެސްޓުގެ ނަތީޖާ ލިބެން ދެ ދުވަސް ނަގާތީ އެވެ.
މިއަދު ރައީސް ސޯލިހު ކުރެއްވި ދަތުރުފުޅާއި ގުޅިގެން ރައިސް އޮފީހުން އެއްވެސް މައުލޫމާތެއް އަދި ނުދެއްވަ އެވެ. މީގެ ކުރިން ރައީސް ސޯލިހު ކުރައްވާ ރަސްމީ ދަތުރުފުޅު ތަކާއި ނުރަސްމީ ދަތުރުފުޅުތަކުގެ ވާހަކަ ވެސް ރައީސް އޮފީހުން އާއްމު ކުރައްވަ އެވެ.
އެ ފިލަނިި
ކުރިން ދުބާއިގަ ދެން ކަރަންޓީނުގަ މިހާރު ޗުއްޓީގަ ދެން ކިހިނަކުންތޯ މިފަދަ ދަނޑިވަޅެއްގަ ޚިދުމަތް ކުރާނީ