އިނގިރޭސިވިލާތުގެ އަންހެނެއް ކަމަށްވާ ލިޒާ ފިލިޕްސް 50 އަހަރު ފަހުން އޭނާގެ އުފަން މަންމައާ ބައްދަލުވެ، ދެމައިން އެކުގައި އުފާވެރި ވަގުތު ކޮޅެއް ހޭދަކޮށްފި އެވެ.

ލިޒާގެ މަންމަ ކަމަށްވާ މިހާރު އުމުރުން 71 އަހަރުގެ ސޫޒަން އެޓްކިންސް ބަލިވެ އިންކަން އޭނާއަށް އެނގުނީ އުމުރުން އެންމެ 19 އަހަރުގަ އެވެ. އެ ވަގުތު ދިރިއުޅުމުގެ ހާލަތު ހުރިގޮތުން ސޫޒަން ނިންމީ ވިހެއުމަށްފަހު އޭނާގެ ދަރިފުޅު ޔަތީމުޚާނާއަކަށް ލާށެވެ.

މިހާރު އުމުރުން 51 އަހަރުގެ ލިޒާ ބަލައިބޮޑުކުރީ އިނގިރޭސި ދެމަފިރިއެއް ކަމަށްވާ ސޯނިޔާ ކްލާކް އަދި ޖެރާޑް ކްލާކެވެ.

ފާއިތުވެ ދިޔަ އަހަރު ލިޒާ ވަނީ އޭނާގެ އުފަން މަންމަ ހޯދުމަށް ކުރި މަސައްކަތުން ސޫޒަން ހޯދައި ލައިވް ޓީވީގެ ކުރިމަތީގައި އިއްޔެ އޭނާ އާ ބައްދަލުކޮށްފަ އެވެ.

މީގެ 50 އަހަރު ކުރިން ގެއްލުނު ދަރިފުޅާ ބައްދަލުވުމުން ސޫޒަން ބުނީ މިދުވަސް އަންނާނެ ކަމަށް ދުވަހަކު ވެސް އުއްމީދު ނުކުރާކަމަށާއި އެއީ އޭނާގެ ހަޔާތުގައި އައި އެންމެ އުފާވެރި ދުވަސް ކަމަށެވެ.

ލިޒާ ބުނީ މާޒީގެ އެއްވެސް ކަމަކާމެދު މަންމައަށް ހިތްބުރަނުކުރާ ކަމަށާއި އެވަގުތު މަންމަ އަމަލުކުރީ މަންމައަށް ފެނުނު އެންމެ ރަނގަޅުގޮތަށް ކަމަށް ގަބޫލުކުރާ ކަމަށެވެ.

ގިނަ ދުވަސްތަކަކަށްފަހު ދެމައިން ފުރަތަމަ ފަހަރަށް ބައްދަލުވި މަންޒަރު ޓީވީން ދުރަށް ދައްކާފައިވާއިރު، އެ މަންޒަރު ގިނަ ބަޔަކުވަނީ ވަގުތުން ބަލާފަ އެވެ.