"ވާނުވާ" ބަންދު ނުވަތަ ޝަރީއަތް ނިމެންދެން ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާ 343 މީހަކު މިހާރު ވެސް އެބަތިބި ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ބުނެފި އެވެ.

އޭގެ ތެރޭގައި 2015 ވަނަ އަހަރުން ފެށިގެން ބަންދުކޮށްފައި ތިބި ތިން މީހުން އެބަ ތިބި ކަމަށް ވެސް ޕީޖީ އޮފީހުން ވަނީ ބުނެފަ އެވެ. ބަންދުކުރާ މީހުންގެ މައްސަލައާ ގުޅޭ ރިޕޯޓެއް ކޮންމެ އަހަރަކު ދެ ފަހަރު މަޖިލީހަށް ޕީޖީއިން ހުށަހަޅަން ޖެހެ އެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 16 އިން ފެށިގެން މި އަހަރުގެ ޖޫން މަހުގެ 15 ވަނަ ދުވަހާ ހަމައަށް ކުރެވިފައިވާ މަސައްކަތާ ގުޅޭ ރިޕޯޓު ޕީޖީން ވަނީ މަޖިލިސްއަށް ފޮނުވައިފަ އެވެ. އެ ރިޕޯޓުގައިވާ ގޮތުގައި މިވަގުތު 343 މީހަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފައި އެބަ ތިއްބެވެ. އޭގެ ތެރޭގައި 2015 ވަނަ އަހަރުން ފެށިގެން މެދުކެނޑުމެއް ނެތި ބަންދުގައި ބަހައްޓާފައި ތިބި ތިން މީހުން ހިމެނެ އެވެ. އަދި 2016 ވަނަ އަހަރުން ފަށައިގެން ބަންދު ކޮށްފައި ތިބި ފަސް މީހުން އެބަ ތިއްބެވެ. 2015 ވަނަ އަހަރު ބަންދު ކުރި އެހެން ދެ މީހަކު މިދިޔަ އަހަރު ދޫކޮށްލިޔަސް މިހާރު އަނެއްކާ ވެސް އެ މީހުން ވެސް ތިބީ ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ކަމަށް ރިޕޯޓުގައި ވަނީ ބުނެފަ އެވެ.

ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ތިބި މީހުންގެ ތަފާސްހިސާބުތައް:

  • 2016 ވަނަ އަހަރުން ފެށިގެން 5 މީހުން
  • 2017 ވަނަ އަހަރުން ފެށިގެން 34 މީހުން
  • 2018 ވަނަ އަހަރުން ފެށިގެން 19 މީހުން
  • 2019 ވަނަ އަހަރުން ފެށިގެން 52 މީހުން
  • 2020 ވަނަ އަހަރުން ފެށިގެން 152 މީހުން
  • 2021 ވަނަ އަހަރުން ފެށިގެން 40 މީހުން

ޕީޖީގެ ރިޕޯޓުގައި ބުނެފައި ވަނީ، ޖިނާއީ އަދުލުގެ ނިޒާމަށް ދިމާވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ޝަރީއަތް ނިމެންދެން ގިނަ ބަޔަކު ބަންދުކޮށްފައި ތިބުން ކަމަށެވެ. އަދި އެފަދަ މީހުންގެ މައްސަލަތައް އަވަސްކޮށްދޭން މުއައްސަސާތަކާ އެކު މަޝްވަރާ ކުރެވުނަސް ކޮވިޑާ ހެދި އެ މަސައްކަތަށް ދަތިވެފައިވާ ކަމަށެވެ. ކޮވިޑުން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތަކަށް ލުއި ލިބެން ފެށުމާ އެކު އަލުން އެ މަސައްކަތް ފަށާނެ ކަމަށް ވަނީ ބުނެފަ އެވެ.

މީގެ ކުރިން ވެސް ޕީޖީ އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕްރޮސެކިއުޓާ ޖެނެރަލް ޝަމީމު ވިދާޅުވެފައި ވަނީ، ޕީޖީ އޮފީހުން އެންމެ ފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވެސް ޕީޖީ ހުސެއިން ޝަމީމް ވަނީ ވާނުވާ ބަންދުގެ މައްސަލަ ދެމި އޮތުމުން ކަންބޮޑުވާ ކަމަށެވެ. އޭނާ ވިދާޅުވެފައި ވަނީ 30 ދުވަހުން ބަންދު މުރާޖައާ ކުރަން ޖެހޭ ގޮތަށް ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ގެނައި އިސްލާހުން ވެސް އެ މައްސަލަ އަށް އެކަށީގެންވާ ހައްލެއް ލިބިފައި ނުވާ ކަމަށެވެ.

ރައްޔިތުންގެ މަޖިލިސްއަށް ފޮނުވި ރިޕޯޓުގައި ވެސް ޕީޖީން ބުނީމ ބައެއް މައްސަލަތަކުގައި ބަންދު ރިވިއު ކުރުން ހިނގަނީ ދުވަސްކޮޅަކު ކަމަށެވެ. އެއީ ވެސް ކޮވިޑްއާ ހެދި ދިމާވެފައިވާ ދަތިތަކުގެ ސަބަބުން ދިމާވާ ކަމެއް ކަމަށާއި އެގޮތުން، ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ތިބޭ އެންމެންގެ އަޑުއެހުންތައް އޮންލައިންކޮށް ބާއްވަން ދަތިތަކެއް ކުރިމަތިވާ ކަމަށެވެ،

ތަހުގީގު މަރުހަލާގައި މީހުން ބަންދު ކުރަން ޖެހެނީ ކަސްޓޯޑިއަލް ޖަލެއްގަ އެވެ. ޝަރީއަތް ނިމެންދެން ބަންދު ކުރާ މީހުން ބައިތިއްބަން ޖެހެނީ ކަރެކްޝަންސްގެ ބެލުމުގެ ދަށުގައި ހުންނަ ރިމާންޑު ޖަލުތަކުގަ އެވެ. ނަމަވެސް، ޖަލުގައި ޖާގަ ނެތުމުގެ ސަބަބުން ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ތިބި މީހުންގެ ތެރެއިން 38 މީހުން ތިބީ ކަސްޓޯޑިއަލް ޖަލުތަކުގަ އެވެ. ބައެއް މީހުން ކަސްޓޯޑިއަލް ޖަލުގައި ތިބޭތާ މިހާރު 200 އަށް ވުރެ ގިނަ ދުވަސް ވަނީ ވެފަ އެވެ.ޕީޖީ އޮފީހުން ބުނި ގޮތުގައި އެ މީހުން ކަސްޓޯޑިއަލް ޖަލުތަކުގައި ތިބީ، ރިމާންޑު ޖަލުތަކުގެ ޖާގައިގެ ދަަތިކަމުގެ ސަބަބުންނާއި، ކޮވިޑްއާ ހެދި ދިމާވެފައިވާ ދަތިތަކުގެ ސަބަބުން އެ ނޫން ގޮތެއް ނެތިގެން ކަމަށެވެ.

ރިމާންޑް ޖަލުތަކަށް ބަލާއިރު، މާލޭ ޖަލުގައި 135 މީހުން، މާފުށީ ޖަލުގައި 150 މީހުން، ހުޅުމާލޭ ޖަލުގައި 12 މީހުން، ގޭބަންދުގައި ހަތް މީހަކު އަދި އައްސޭރި ޖަލުގައި ކުޑަކުއްޖަކު ޝަރީއަތް ނިމެންދެން ބަހައްޓާފައި އެބަ ހުއްޓެވެ.