އިންސާނީ ހައްގުތައް ކުރިއަރުވަން ރާއްޖެއިން ކުރައްވަމުންދާ މަސައްކަތް އިންގިރޭސިވިލާތުން ބަލައިގަނެ، އެ ގައުމުގެ ހިއުމަން ރައިޓްސް ޕްރަޔޯރިޓީ ލިސްޓުން ރާއްޖެ އުނިކޮށްފި އެވެ.

އިނގިރޭސިވިލާތުން ގައުމުތަކާއެކު ވިޔަފާރިއާއި އެހެނިހެން ގުޅުންތައް ބޭއްވުމުގައި އެގައުމެއްގެ އިންސާނީ ހައްގުތަކުގެ ހާލަތުގެ މައްޗަށް ރިޢާޔަތްކުރެ އެވެ. އަދި މިއަހަރުގެ ޔޫކޭ ހިއުމަން ރައިޓްސް އެންޑް ޑިމޮކްރަސީ ރިޕޯޓްގެ ހިއުމަން ރައިޓްސް ޕްރަޔޯރިޓީ ލިސްޓުން ރާއްޖެ އުނިކުރުމުގެ ސަބަބުން ދިވެހިރާއްޖެއާއި އިނގިރޭސިވިލާތާ ދެމެދު އޮންނަ ގުޅުން އިތުރަށް ހަރުދަނާކުރުމަށް މަގުފަހިވެގެންދާނެ އެވެ.

ފޮރިން މިނިސްޓްރީން ބުނިގޮތުގައި އިންސާނީ ހައްގުތައް ޙިމާޔަތްކޮށް ކުރިއެރުވުމަކީ ރައީސް އިބްރާހިމް މުޙައްމަދު ސޯލިހްގެ ޚާރިޖީ ސިޔާސަތުގެ މައިގަނޑު އެއް ތަނބެ އެވެ. އަދި ރައީސް ސޯލިހުގެ ސަރުކާރުން އިންސާނީ ހައްގުތަކުގެ ދާއިރާއިން ހޯދާފައިވާ ކުރިއެރުން އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއާ ގުޓަރޭސް އަދި އިންސާނީ ހައްގުތަކާ ބެހޭ އދ.ގެ ހައިކޮމިޝަނަރު މިޝޭލް ބެޝެލޭ ވެސް ފާހަގަކުރައްވާފައިވާ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

މިއަހަރު ރާއްޖޭގެ އިތުރުން މި ލިސްޓުން އުނިކޮށްފައިވަނީ ބުރުންޑީ އެވެ. އަދި ލިސްޓަށް އިތުރުކޮށްފައި ވަނީ ބެލަރޫސް، މާލީ، ނިކަރާގުއާ އެވެ.