ދ. ބަނޑިދޫ ކަންނެލި ދޯންޏެއްގެ ފަޅުވެރިއަކު ކޮވިޑް-19 އަށް ޕޮޒިޓިވްވުމާ ގުޅިގެން އެ ދޯނީގައި ތިބި އެންމެން ކަރަންޓީންކޮށްފި އެވެ.

އެ ދޯނިން ވާހަކަ ދެއްކި މީހަކު ބުނީ "އާރޯދި" ނަމަކަށް ކިޔާ ދޯނީގައި 17 މީހަކު މަސައްކަތް ކުރާ ކަމަށެވެ. އަދި އެ ދޯންޏަކީ ބޮޑު ކަންނެލީގެ މަސްވެރިކަން ކުރާ ދޯންޏެއް ކަމަށާއި ދޯނި މިހާރު އޮތީ ބަނޑިދޫ ފަޅުތެރޭގައި ކަމަށް އޭނާ ބުންޏެވެ.

"ދޯނިން ކޮވިޑް-19 އަށް ޕޮޒިޓިވްވި ކަން އެނގުނީ ރަށް ދިޔަ މަގުމަތީ. އެހެންވެ އަޅުގަނޑުމެން އެމީހާ ހުޅުމާލެ ކޮވިޑް ފެސިލިޓީގައި ބަހައްޓާފައި ރަށަށް ފުރީ. އެޗްޕީއޭ އިން ވެސް އެންގީ އެންމެން ކަރަންޓީން ވާން ޖެހޭ ކަމަށް. އެޗްޕީއޭ އިން އެންގީ ވެސް ހުރިހާ އިންތިޒާމުތަކެއް ހަމަޖެހިފައި އޮތް ކަމަށް. އެކަމަކު، ރަށާ ހިސާބަށް ދިޔައީމަ، އެކަމެއް ނުފެނޭ، އަނެއްކާ ނުލާހިކު ގަދަ އިރެއްގައި ދިޔައީ،" އެ މީހާ ބުންޏެވެ.

https://www.facebook.com/bandidhoocouncil/posts/1476626709199892

ފަޅުވެރިންނާއެކު މިހާރު އެ ދޯނި އޮތީ ބަނޑިދޫ ބަނދަރުގެ ވަކި ސަރަހައްދެއްގައި ކަރަންޓީނު ކޮށްފައެވެ. އަދި އެ ސަރަހައްދުގައި ޓޭޕް ދަމައި އާންމުން ވަނުން ވަނީ މަނާކޮށްފަ އެވެ.

ނަމަވެސް އެ ދޯނީގައި ތިބި މީހުންގެ ކަންބޮޑުވުންތައް އަދިވެސް އެބަހުއްޓެވެ. އެގޮތުން، ކައުންސިލުން އެކަށީގެންވާ އެއްބާރުލުމެއް އެމީހުންނަށް ލިބެމުން ނުދާތީ ކަންބޮޑުވުން ފާޅު ކުރި އެވެ.

ރާއްޖެ އިން މިހާތަނަށް 10،000 އަށް ވުރެ ގިނަ މީހުން ޕޮޒިޓިވްވެ، 34 މީހަކު ވަނީ މަރުވެފަ އެވެ.