ހިޔާ ފްލެޓްތަކާ ގުޅިގެން ހިޔާ ޔޫނިއަންއިން ކުރަމުންގެންދާ މަސައްކަތްތަކަށް ސަރުކާރާއި އެޗްޑީސީން އިޖާބަ ދޭންޖެހޭ ކަމަށް މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ހިޔާ ފްލެޓްތަކާ ގުޅިގެން ހިޔާ ޔޫނިއަން އިން އަންނަނީ ކުލި ކުޑަކުރުމަށާއި ފްލެޓްގެ ފިނިޝިނަށް ދީފައިވާ މުއްދަތު އިތުރުކުރުމަށް ސަރުކާރުގައި އެދެމުންނެވެ.

ހިޔާ ޔޫނިއަން ކުރަމުން އަންނަ މަސައްކަތްތަކާ ގުޅިގެން ސަރުކާރުން މިހާތަނަށް އެއްވެސް ކަމެއް ކޮށްފައި ނުވާތީ މޭޔަރު ޑރ. މުއިއްޒު ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ.

މޭޔަރު އިތުރަށް ވިދާޅުވީ ސިޔާސީ ފިކުރު އެއްކިބާކޮށް، ހިޔާ ޔޫނިއަންއިން ކުރަމުންދާ އާދޭސްތަކަށް އިޖާބަ ދިނުމަކީ ރައްޔިތުންގެ ހައްގުގައި ސަރުކާރާއި އެޗްޑީސީން ކޮންމެހެން ވެސް ކުރަން ޖެހޭ ކަމެއް ކަމަށެވެ.

"ހިޔާ ޔޫނިއަން"އަކީ ހިޔާ ފްލެޓުތައް ލިބިފައިވާ ފަރާތްތައް އެކުވެގެން ހިންގާ ވައިބާ ގުރޫޕެކެވެ.

ހިޔާ ފެލްޓް މައްސަލާގައި މޭޔަރު މުއިއްޒު ވަނީ ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް އަދި އެޗްޑީސީއާއެކު ވަނީ މަޝްވަރާކޮށްފަ އެވެ.

މަޝްވަރާތަކަށް ފަހު ޑރ. މުއިއްޒު ވިދާޅުވީ ހިޔާ ފްލެޓްތަކުގެ އަގު 5،600ރ. އަށް ތިރިކުރެވޭނެ ކަމަށް ހިސާބުތަކުން ދައްކާ ކަމަށެވެ. އަދި އެ އަގަށް ހިޔާ ފްލެޓްތަކުގެ އަގު ކުޑަކުރުމަށް ސަރުކާރާއި އެޗްޑީސީއަށް މުއިއްޒު ވަނީ މޭޔާގެ ހައިސިއްޔަތުން ސިޓީ ފޮނުއްވާފަ އެވެ. ސަރުކާރުން ކަނޑައަޅާފައިވާ އަގަކީ މަހަކު 8،500 ރުފިޔާ އެވެ. މޭޔަރު ދރ. މުއިއްޒު ވިދާޅުވެފައި ވަނީ އެ އަގަކީ ހަގީގީ އަގު ނޫން ކަމަށެވެ.

ކުރީގެ ސަރުކާރުން ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދައިދޭން ހުޅުމާލެ ދެވަނަ ފިޔަވަހީގައި ތަރައްގީކުރި ހިޔާ ފްލެޓް ލިބުނު ފަރާތްތަކާ އެކު މިމަހުގެ 14 ވަނަ ދުވަހުން ފެށިގެން އެގްރިމަންޓްގައި ސޮއިކުރުމުގެ މަސައްކަތް އެޗްޑީސީން ކުރަން ނިންމާފައިވެ އެވެ.