މީގެ ދެ އަހަރު ކުރިން، 2019 ވަނަ އަހަރު ނެރުނު ކާމިޔާބު ފިލްމު "ބަވަތީ"ގެ ޑައިރެކްޓަރު އިލްޔާސް ވަހީދު (އިއްލެ) ގެ އައިފިލްމްސް އާއި ކަޒްމިކް އިންޓަނޭޝަނަލް ގުޅިގެން ތައްޔާރުކުރާ ފިލްމު "މަޒުލޫމް"އަކީ ހަތަރު ޗެޕްޓަރު އުފެއްދުމުގެ މަސައްކަތްތަކެވެ.
"ހުރިހާ"އަށް ވާހަކަ ދައްކަވަމުން އިއްލެ ބުނީ ހަތަރު ކުރު ފިލްމު ހިމެނޭ އެންތޯލޮޖީގައި ކޮންމެ ފިލްމެއްގައި ވެސް ތަފާތު އިޖުތިމާއީ މައްސަލަތައް ހިމެނޭނެ ކަމަށެވެ. އެގޮތުން ރޭޕާއި އެބިއުސް ފަދަ މައްސަލަތަކަށް ހިމެނޭ ކަމަށް އޭނާ ބުންޏެވެ.
"މަޒްލޫމް" ގެ ފުރަތަމަ ދެ ޗެޕްޓަރުގެ މަސައްކަތް ނިމިފައިވާއިރު ފުރަތަމަ ޗެޕްޓާއިން ކިޔައިދެނީ ރޭޕްގެ ވާހަކަ އެކެވެ. 45 މިނެޓާއި އެއްގަޑި އިރާ ދެމެދުގެ ވަގުތަކަށް ފައްތައިގެން ހަދާ މި ޗެޕްޓަރުގައި ފެނިގެންދާނީ ނުޒޫގެ އިތުރުން އިފްނާޒާއި އަލަށް ފިލްމީ ދާއިރާ އާ ގުޅޭ ޝަރަފް އަބްދުﷲ އެވެ. ނީނާގެ ލީޑް ފިރިހެން ތަރީގެ ރޯލު ވެސް ކުޅެނީ ޝަރަފް އެވެ. މީގެ އިތުރުން ޒުވާން ތަރި ވާޝިޔާ މުޙައްމަދު (ޝިޔާ) ވެސް ފެނިގެން ދެ އެވެ.
"މަޒްލޫމް"ގެ ދެ ވަނަ ޗެޕްޓަރު "ޒަރޫކް" ލީޑް ރޯލުން ކުޑަކުއްޖަކު ފެނިގެންދާއިރު މިޗެޕްޓަރުގައި އަލިއަޅުވާލާފައި ވަނީ މުޖްތަމައުގައި ހިނގާ އިޖުތިމާއީ މައްސަލައަކަށެވެ.
"ޒަރޫކް"ގެ ކުޑަކުއްޖެގެ ބައިން މާހިލް ފެނިގެންދާއިރު ދެން ފެނިގެންދަނީ ޝަރަފު އާއި ބައިސްކޯފްގެ ސީރީޒް "އެހެނަސް" އިން ތައާރަފުވި ނަތާޝާ ޖަލީލް އެވެ. ފިލްމު ޓީޒާ ބަލާލުމުން މާހިލްގެ އެކްޓީން ހުނަރާއި މެދު އެއްވެސް މީހަކު ސުވާލެއް ނުއުފައްދާނެކަން ޔަގީންނެވެ.
"މަޒުލޫމް" ގެ ހުރިހާ ބައެއް ވެސް ލިޔެ ޑައިރެކްޓް ކުރަނީ އިއްލެ އެވެ.
"މަޒުލޫމް"ގެ ހަތަރު ޗެޕްޓަރު ވެސް ބެލުންތެރިންނަށް ފެނިގެންދާނީ ބައިސްކޯފުންނެވެ. ނަމަވެސް ބައިސްކޯފުން އަދި މި ހަތަރު ޗެޕްޓަރު ދައްކާނެ ތާރީހެއް އިއުލާނެއް ނުކުރެ އެވެ.