ލަންޑަން (12 ޖުލައި) - ޔޫރޯ 2020ގެ ފައިނަލް މެޗުން އިންގްލޭންޑްގެ ގައުމީ ފުޓުބޯޅަ ޓީމް ބަލިވުމުން، އެ ޓީމުގެ ބައެއް ކުޅުންތެރިންނަށް އަމާޒުވަމުންދާ ނަސްލީ ފާޑުކިޔުންތަކާމެދު އިނގިރޭސި ފުޓުބޯޅަ އެސޯސިއޭޝަންގެ ރައީސް ޕްރިންސް ވިލިއަމް ހިތްހަމަ ނުޖެހުން ފާޅުކޮށްފި އެވެ.

ވިލިއަމް ކުރެއްވި ޓުވިޓެއްގައި ބުނެފައި ވަނީ ރޭގެ މެޗަށްފަހު ކުޅުންތެރިންނަށް އަމާޒު ވަމުންދާ ފާޑުކިޔުންތަކާމެދު ހިތާމަކުރާ ކަމަށާއި އެއީ އެއްވެސް ހާލެއްގައި ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި އެފަދަ ކަންކަން ވަގުތުން ހުއްޓުމަށް ޕްރިންސް ވިލިއަމް ވަނީ ގޮވާލައްވާފަ އެވެ.

ރޭގެ މެޗުގެ 90 މިނެޓާއި 30 ވަގުތުގެ އިތުރު ވަގުތުގެ ދެހާފު ނިމުނު އިރުވެސް އެއްވަރު ވެފައި އޮތުމުން ޖެހި ޕެނަލްޓީގައި އިންގްލޭންޑް ބަލިވީ 2-3ގެ ނަތީޖާއަކުން ނެވެ.

އެއަށްފަހު ޕެނަލްޓީ ކާމިޔާބު ނުކުރެވުނު ކުޅުންތެރިންނަށް ގިނަ ބަޔަކު އަންނަނީ ސޯސަލް މީޑިއާގައި ފާޑުކިޔަމުންނެވެ. އޭގެ ތެރޭގައި ކަޅު ނަސްލަށް ނިސްބަތްވާ އުމުރުން 19 އަހަރުގެ ބަޔޯކާ ސަކާއަށް ވަނީ ނަސްލީ ތަފާތުކުރުންތަކާއި ފާޑުއިޔުންތައް އަމާޒުވެފަ އެވެ.

މިހާތަނަށް އައިއިރު އިންގްލޭންޑަށް ޔޫރޯ މުބާރާތް ކާމިޔާބު ކުރެވިފައި ނުވާއިރު، މިފަހަރުގެ މުބާރާތަކީ ތާރީޚުގައި ވެސް އެ ގައުމު ޔޫރޯގެ ފައިނަލަށް ދަތުރުކުރި ފުރަތަމަ ފަހަރެވެ. ---ރޮއިޓާސް