2014 ވަނަ އަހަރު ޕީޖީއަކު އައްޔަން ކުރުމަށާއި މަޖިލީހުން ޖޭއެސްސީއަށް އައްޔަންކުރާ މެންބަރު ހޮވުމަށް މަޖިލީހުގައި ނެގި ވޯޓާ ގުޅިގެން، ރިޝްވަތުގެ ގޮތުގައި ރޮލެކްސް (ސަބްމެރީނާ) ބްރޭންޑްގެ އަގު ބޮޑު ގަޑިއެއް ދިނުމަށް އޭރުގެ ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބު އަރިހު އެދުމުން، މ. ވިލާދަށުގެ މުހައްމަދު މަނިކު މެދުވެރިކޮށް އަހުމަދު އަދީބު ދެއްވި ރޮލެކްސް ބްރޭންޑްގެ ގަޑި ނިހާން ބަލައިގަނެފައިވޭ.

ވިލިމާފަންނު ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ނިހާން ކުށްކޮށްގެން ހޯދާފައިވާ ކަމަށް ބެލެވޭ ރޮލެކްސް ގަޑިއަކާއި ހުޅުމާލޭ ޕްލެޓިނަމްގައި ހުންނަ ލަގްޒަރީ އެޕާޓްމަންޓެއް ދައުލަތަށް ނަގަން އެދިފައިވާނޭކަމަށް ޕްރޮސެކިއުޓަ ޖެނަރަލް ހުސައިން ޝަމީމް މިއަދު ވިދާޅުވެއްޖެ އެވެ.

ޕްރޮސެކިއުޓަރ ޖެނަރަލް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ކުށްކޮށްގެން ހޯދާ ފައިސާ ދައުލަތަށް ނެގުމަށް ކުރަމުންދާ މަސައްކަތް ހަރުދަނާކުރުމަށް ކުރި މަސައްކަތުގެ ދަށުން، ގިނަ އަދަދެއްގެ ފައިސާ ދައުލަތަށް ނަގަން އެދިފައިވާނެ ކަމަށެވެ. އެގޮތުން މިދިޔަ އަހަރު ވެސް މަނީލޯންޑަރިން އާއި ގުޅުންހުރި 26 މައްސަލައެއްގައި 70 މިލިޔަނަށް ވުރެ ގިނަ ރުފިޔާ ހޯދުމަށް އެދިފައިވާނެ ކަމަށް ޝަމީމް ވިދާޅުވި އެވެ.

ޕީޖީ ވިދާޅުވީ 70 މިލިއަން ރުފިޔާގެ އިތުރުން ލަގްޒަރީ އެޕާޓްމަންޓަކާއި، ރޮލެކްސް ގަޑިއެއް ވެސް ދައުލަތަށް ނަގަން އެދިފައިވާނެ ކަމަށެވެ. ނަމަވެސް އެއީ ކާކުގެ މުދަލެއް ކަމެއް އޭނާ ވިދާޅެއް ނުވެ އެވެ.

ޝަމީމް އިޝާރާތްކުރައްވައި ލަގްޒަރީ އެޕާޓްމަންޓަކާއި، ރޮލެކްސް ގަޑިއަކީ ޕީޕީއެމްގެ ޕާލަމެންޓްރީގެ ގްރޫޕްގެ ލީޑަރު ނިހާން ނިސްބަތްވާ މުދަލެވެ. އަދި މިތަކެއްޗާއި ގުޅޭ ދައުވާތައް މިހާރު ވެސް ކްރިމިނަލް ކޯޓުގައި ހިނގަމުން އެބަދެ އެވެ.

ޝަމީމް ވިދާޅުވީ މަނީލޯންޑަރިންގެ މައްސަލަތަކުގެ އިތުރުން، މަސްތުވާތަކެއްޗާއި ގުޅުންހުރި މައްސަލަތަކުގައި ހިމެނޭ 10 މިލިއަނަށް ވުރެ ގިނަ ރުފިޔާވެސް ދައުލަތަށް ނެގުމަށް އެދިފައިވާނެ ކަމަށެވެ.

ފާއިތުވެ ދިޔަ އަހަރު ކުށްކޮށްގެން ހޯދާފައިވާ ގިނަ އަދަދެއްގެ ފައިސާ ދައުލަތަށް ގެއްލުންވި ފައިސާގެ ބޮޑު އަދަދެއް ހޯދުމަށް އެދިފައިވާއިރު، 2019 ވަނަ އަހަރު މިފަދަ އެއްވެސް ފައިސާއެއް ހޯދުމަށް އެދިފައެއް ނުވެ އެވެ.

ޕީޖީ މިހެން ވިދާޅުވި އިރު، މަނީލޯންޑަރިންގެ މައްސަލަތަކުގައި ގިނަ ދައުވާތަކެއް މިހާރު ވެސް ކޯޓުތަކުގައި ކުރިޔަށް އެބަދެ އެވެ. އެގޮތުން އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލައެއްގައި ނިހާންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ އަޑުއެހުމެއް މިއަދު ތާވަލްކޮށްފައިވެ އެވެ އަދި، ނިހާނުގެ ވަކީލުން އެދިގެން އެ ޝަރީއަތް ވަނީ ކެންސަލް ކޮށްފަ އެވެ.

ނިހާންގެ މައްޗަށް ދައުވާ އުފުލާފައިވާ މައްސަލަތަކުގެ ތެރޭގައި ހިމެނޭ އެއް ދައުވާގައި ވަނީ 2014 ވަނަ އަހަރު ޕީޖީއަކު އައްޔަން ކުރުމަށާއި މަޖިލީހުން ޖޭއެސްސީއަށް އައްޔަންކުރާ މެންބަރު ހޮވުމަށް މަޖިލީހުގައި ނެގި ވޯޓާ ގުޅިގެން، ރިޝްވަތުގެ ގޮތުގައި ރޮލެކްސް (ސަބްމެރީނާ) ބްރޭންޑްގެ ގަޑިއެއް ދިނުމަށް އޭރުގެ ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބު އަރިހު އެދުމުން، މ. ވިލާދަށުގެ މުހައްމަދު މަނިކު މެދުވެރިކޮށް އަދީބު ދެއްވި ރޮލެކްސް ބްރޭންޑްގެ ގަޑި ނިހާން ބަލައިގަނެފައިވާ ކަމަށެވެ.