ފޮރިން މިނިސްޓްރީ ހިންގާ އިމާރާތް މަރާމާތު ކުރުމަށް ފަހު، އެ އިމާރާތުގެ ނަން ފަތުހުﷲ ޖަމީލް ބިލްޑިން ނަމަށް ބަދަލުކުރުމަށް ފަހު އަލުން މިއަދު ހުޅުވައިފި އެވެ.

މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ފޮރިން މިނިސްޓްރީގެ އިމާރާތް އަލުން ރަސްމީކޮށް ހުޅުވައިދެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެވެ.

މިރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ދައުލަތުގެ އެންމެ މުހިންމު އެއް މިނިސްޓްރީގެ އިމާރާތް، އެ މިނިސްޓްރީ ހިންގެވި ބޭފުޅެއްގެ ނަންފުޅަށް، ނިސްބަތްކޮށްގެން ހުޅުވޭކަމީ، ރާއްޖޭގެ ޚާރިޖީ ހިދުމަތުގެ ދާއިރާގައި، އެމަނިކުފާނު ކުރައްވާފައިވާ ޚިދުމަތްތަކުގެ މަތިވެރިކަން ރަމްޒުކޮށްދޭނެ ކަމެއް ކަމަށެވެ.

މި އިމާރާތް، ފަތުހުﷲ ޖަމީލްގެ ނަންފުޅަށް ޚާއްސަކުރުމުގެ ބޭނުމަކީ ރާއްޖޭގެ ހާރިޖީ ދާއިރާ ބިނާކުރައްވައި ތަރައްގީކުރެއްވުމުގައި، 27 އަހަރާއި ހަތަރު މަސް ވަންދެން އެމަނިކުފާނު ކުރެއްވި، ގައުމީ ހިދުމަތުގެ އަގު، ދާއިމީ ގޮތެއްގައި ގައުމީ ފެންވަރުގައި ފާހަގަކުރެވޭނެ ގޮތެއް ހެދުން ކަމަށެވެ. އަދި އެ އިމާރާތާއި އެމަނިކުފާނާ ދެމެދު އޮތް ގުޅުން ރަމްޒުކޮށްދިނުމަށް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ރާއްޖެއަށް ފުރިހަމަ މިނިވަންކަން ލިބިގެން މިހޭދަވި 56 އަހަރުގެ ތެރޭގައި ވެސް، ރާއްޖެއިން ދަމަހައްޓަމުން އައި ޚާރިޖީ ސިޔާސަތަކީ، އިންސާނީ ހައްގުތައް ފުރިހަމައަށް ރައްކާތެރިކުރުމާއެކު، މިނިވަންކަމާއި ސުލްހަވެރިކަމާއި ހަމަޖެހުން ގާއިމުކޮށް ދެމެހެއްޓުންކަން ރައީސް ސޯލިހު ފާހަގަކުރެއްވި އެވެ.

ރާއްޖޭގެ އެންމެ މަތީ މަސްލަހަތު ބިނާވެފައި ވަނީ މިދެންނެވި އަސާސްތަކުގެ މަތީގައި ކަމަށާއި، މަރްހޫމް ފަތުހުﷲގެ ޚާރިޖީ ވަޒީރުކަމުގައި ވެސް، އެންމެ ބޮޑު އިސްކަމެއް ދެއްވީ، މިދެންނެވި ސިޔާސަތުތައް ނެގެހެއްޓުމަށްޓަކައި، ބައިނަލްއަގުވާމީ މަސްރަހުގައި ވަކާލާތު ކުރެއްވުމަށް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

އެ މަނިކުފާނު އިތުރަށް ވިދާޅުވިގޮތުގައި، ރާއްޖެއިން އަބަދުވެސް ވަކާލާތު ކުރާނީ، ކޮންމެ ގައުމެއްގެ ވެސް މިނިވަންކަމާއި ސިޔާދަތު ދެމެހެއްޓުމަށާއި، މޫސުމީ ބަދަލުތަކުން ތިމާވެއްޓަށް ލިބޭ ގެއްލުންތައް ކުޑަކުރުމަށާއި، އެއްވެސް ތަފާތުކުރުމެއް ނެތި، އިންސާނީ ހައްގުތައް ހިމާޔަތްކޮށް ރައްކާތެރި ކުރުމަށާއި، ޑިމޮކްރެސީގެ ހަމަތަކާއި ސުލްހަޔަށް އިސްކަން ދިނުމުގެ ސިޔާސަތު ދެމެހެއްޓުމަށެވެ.

މި ރަސްމިއްޔާތުގައި ރައީސް ފާހަގަކުރެއްވެވި ގޮތުގައި ބައިނަލްއަގުވާމީ މުޖްތަމަޢުގެ ވަރަށް ބޮޑު ތާއީދަކާއެކު، އދ.ގެ އާންމު މަޖިލީހުގެ 76 ވަނަ ދައުރުގެ ރައީސްގެ މަގާމަށް، ރާއްޖޭގެ ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު އިންތިޚާބުވެގެން ދިޔުމަކީ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު އެންމެ ފުރިހަމަ މާނައިގައި ހިމާޔަތްކުރެވިފައިވާ ކަމާއި، މުޅި ދުނިޔެ އެކަމަށް އިއުތިރާފްވާކަމުގެ ހެއްކެއް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ފޮރިން މިނިސްޓްރީއަކީ ވެރިރަށް މާލޭގެ މަލަމަތިން، ދިވެހިންގެ ގައުމީވަންތަކަމާއި ދިވެހިރާއްޖޭގެ ހައިބަތު ރަމްޒުކޮށްދިނުމުގެ މަގުސަދުގައި، ފަތުހުﷲގެ ވިސްނުންފުޅާއި ޚިޔާލުފުޅާ އެއްގޮތަށް، އެ މަނިކުފާނުގެ މޭސްތިރިކަމުގެ ދަށުން ފަރުމާކޮށްފައިވާ އިމާރާތެކެވެ.