ދިވެހި ފިލްމީ ދާއިރާގައި މިހާރު އެންމެ ގިނަ ފިލްމުތައް އުފައްދަމުން އަންނަ ޕްރޮޑަކްޝަން ހައުސް، ޑާކް ރެއިން އެންޓަޓެއިންމެންޓުން ވެބް ސީރީޒެއް އުފެއްދުމުގެ މަސައްކަތް ފަށައިފި އެވެ.

ޑާކް ރެއިން އިން ބުނީ "ގިރިޓީ ލޯބީ"ގެ ނަމުގައި ވެބް ސީރީޖެއް އުފެއްދުމަށް ނިންމާފައިވާ ކަމަށާއި އޭގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށެވެ. އެގޮތުން މިހާރު "ގިރިޓީ ލޯބި"ގެ ފަސްޓް ލުކު ވަނީ ދައްކާލާފަ އެވެ.

މިވެބް ސީރީޒްއަކީ އައިޝަތު ފުއާދު ތައުފީގް އަދި މުހައްމަދު އަލީ (މޮގާ) ޕްރޮޑިއުސްކޮށް، އަލީ ޝިފާއު (ޗިއްޕެ) ޑައިރެކްޓްކުރާ ވެބް ސީރީޒެކެވެ. "ގިރިޓީ ލޯބީ"ގެ ސްކްރީންޕްލޭ ލިޔުނީ ތަފާތު ސްޓައިލެއްގެ ސްކްރީންޕްލޭތަކެއް ގެނެސްދެމުން އަންނަ ސްކްރީން ރައިޓަރު އަޙްމަދު ޒަރީރު އެވެ.

"ގިރިޓީ ލޯބީ" އާ ބެހޭ ގިނަ މައުލޫމާތުތަކެއް ކުރިއަށް އޮތް ދުވަސްތަކުގައި ލިބޭނެ ކަމަށް ޑާކް ރެއިން އިން ބުންޏެވެ.

މީގެ އިތުރުން ޑާކް ރެއިން އިން އަންނަނީ އިތުރު، ބޮޑު ފިލްމުތަކެއް އުފެއްދުމަށް ވާންޖެހޭ ތައްޔާރީތައް ވަމުންނެވެ. އެގޮތުން ކޮވިޑް ހާލަތު ރަނގަޅުވުމުން ފިލްމުތަކުގެ ޝޫޓިންތައް ފެށުމަށް ވެސް ވަނީ ނިންމާފަ އެވެ.

ޑާކް ރެއިންގެ ގިނަ އުފެއްދުންތަކެއް މިހާރު މީޑިއާނެޓް މަލްޓި ސްކްރީން އިން ބަލާލުމުގެ ފުރުސަތު ވަނީ ހަމަޖެހިފަ އެވެ.

އެގޮތުން މިދިޔަ ހަފުތާގައި ފިލްމު "ގޮށްރާޅު" ރިލީޒްކޮށްފައިވާއިރު، މިއަދުގެ ވަގުތެއްގައި ޑާކް ރެއިން ޝޯޓްސްގެ ކުރު ފިލްމު "އަނގުރު" ރިލީޒްކޮށްފައިވެ އެވެ. މީގެ އިތުރުން ޖުލައި މަހުގެ 26 ވަނަ ދުވަހު އެ ޕްރޮޑަކްޝަންގެ ލޯބީގެ ކޮމެޑީ ފިލްމު "މާމުއި"، މީޑިއާނެޓްގެ އޯޓީޓީ ޕްލެޓްފޯމުތަކުގައި ރިލީޒްކުރާނެ އެވެ.