މިއަހަރުގެ އަޟްހާ އީދު ވެސް އައިސް ޖެހުނީ އެވެ.

ކޮވިޑް 19ގެ ސަބަބުން އިއުލާނުކުރި އާ އާއްމު ހާލަތުގެ ދަށުން ފާއިތުވާ ދެވަނަ އަޟްހާ އީދުގައި އަހަރެމެންގެ ރޭވުންތައް އެހެން އަހަރުތަކާ ތަފާތުވާނެކަން ޔަގީނެވެ.

ކޮވިޑްގެ ހާލަތު ރާއްޖޭގައި ރަނގަޅުވުއެކު ސަރުކާރުން ވަނީ ބޮޑެތި ލުއިތަކެއް ދީފަ އެވެ. ވެކްސިން ފުރިހަމަކޮށްފައިވާ މީހުންނަށް ކަރަންޓީނުވުމަކާ ނުލައި އެއްރަށުން އަނެއް ރަށަށް ދެވޭ ގޮތަށް ދެވުނު ލުޔަކީ އޭގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް ބަދަލެވެ.

އެއާއެކު ފެނިގެން ދިޔައީ މާލޭގައި ތާށިވެފައި ތިބި ގިނަ ބަޔަކު ޕީސީއާރު ނެގެޓިވް ޓެސްޓާއެކު އީދާ ދިމާކޮށް އަތޮޅުތަކަށް ފުރައިގެން ދިއުމެވެ. ބޭރުގެ އެހެން ގައުމުތަކަށް ދިއުމެވެ. މާލޭގެ މާހައުލު ފަޅުވެ އަތޮޅުތަކަށާއި އެއާޕޯޓުތަކަށް ބާރުބޮޑުވުމެވެ.

ނަމަވެސް ދެން އިވުނު ޚަބަރަކީ އަޟްހާ އީދު ފާހަގަ ކުރުމަށް ސަރުކާރުން ހަރުކަށި ގަވާއިދުތަކެއް އެކުލަވާލި ޚަބަރެވެ. މީހުން އެއްވެގެން ބޭއްވޭ ހަރަކާތްތައް ނުބޭއްވޭއިރު ކުރިން އީދުތަކުގައި އާއްމުކޮށް ފެންނަ ކުޅިވަރު މުބާރާތްތައް ވެސް މި ފަހަރު ފެނިގެންނެއް ނުދާނެ އެވެ.

މިއާއެކު ގިނަ ބައެއްގެ ރޭވުންތަކަށް ބަދަލުއަ އެވެ. އީދުގައި ކުރަން ރާވާފައި ހުރި ކަންކަން މަޑު ޖައްސާލަން ޖެހުނެވެ. ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ އެންގުމާ އެއްގޮތަށް ރައްކާތެރި އީދެއް ފާހަގަ ކުރުމަށެވެ.

ކޮންމެއަކަސް މި އީދުގައި އަހަރެމެންގެ ރޭވުންތައް ތަފާތުވާނެ އެވެ. ސަރުކާރުގެ ހިފެހެއްޓުންތަކުން ރެކެންވެގެން އެއްބަޔަކު ރާއްޖެއިން ބޭރަށް ފުރައިގެން ދިޔައިރު އަނެއް ބަޔަކު ގަސްދުކުރީ ސަރުކާރުން ކަނޑައަޅާފައިވާ ހަމަތަކުގެ މަތިން އާއިލާއާއެކު މި އީދު ހޭދަ ކުރުމެވެ.

ވިސްނާލަންވީ ކަމަކީ މި ފިޔަވަޅުތައް ސަރުކާރުން އަޅާފައިވަނީ އަހަރެމެންގެ ރައްކަލަކަށް ކަމެވެ. އެހެންކަމުން މި އީދުގައި ކޮންމެ ކަމެއް ކުރިޔަސް އެޗްޕީއޭގެ އިރުޝާދުތަކަށް ބޯލެނބުމަކީ މުހިންމު ކަމެކެވެ.