"ތަޚްތު" އަކީ ބޮލީވުޑްގެ މަޝްހޫރު ޕްރޮޑިއުސަރު ކަރަން ޖޯހަރްގެ ހުވަފެނީ ޕްރޮޖެކްޓެކެވެ.

މަޝްހޫރު ގިނަ ތަރިންތަކެއް ހިމަނައިގެން އުފައްދަން ނިންމާފައިވާ މި ޕްރޮޖެކްޓްގެ މަސައްކަތްތައް އިތުރަށް ކުރިޔަށް ނުގެންދިޔުމަށް ކަރަން ނިންމި ސީދާ ސަބަބެއް އަދި ނޭނގެ އެވެ.

"ތަޚްތު"ގައި ހިމަނަން ހަމަޖައްސާފައި ތިބި ތަރިންނަކީ ކަރީނާ ކަޕޫރު ޚާން، އާލިއާ ބަޓް، ރަންވީރު ސިންގް، ބޫމީ ޕަޑްނޭކަރް، ޖާންވީ ކަޕޫރު އަދި ވިކީ ކޯޝަލް އެވެ.

ފިލްމް ފެއާއަށް އޭނާގެ ގާތް މެމްބަރަކު ބުނިގޮތުގައި ކަރަން ވަނީ "ތަޚްތު"ގެ ހިޔާލު ދޫކޮށްލައި އޭނާގެ ކުރިޔަށް ޑައިރެކްޓްކުރުމަށް ހަމަޖެހިފައިވާ ފިލްމު "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" އަށް ތައްޔާރުވުމަށް މަސައްކަތްތައް ފަށައިފަ އެވެ.

"ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" ވެގެންދާނީ 2015 ވަނަ އަހަރަށް ފަހު ކަރަން ޑައިރެކްޓްކުރާ ފުރަތަމަ ފިލްމަށެވެ.

ފިލްމުގެ ލީޑްރޯލުން ފެނިގެންދާނެ ތަރިންނަކީ އާލިއާ ބަޓް އަދި ރަންވީރު ސިންގް އެވެ. އާލިއާ އަދި ރަންވީރުގެ އިތުރުން މި ފިލްމުގައި ދެން ފެނިގެންދާނެ ތަރިންނަކީ ދަރުމެންދުރަ، ޖަޔާބަޗަން، ޝަބާނާ ޢާޒްމީ އެވެ.

ބޮޑު ކާސްޓެއް ހިމަނައިގެން އުފައްދާ މި ފިލްމަކީ ފެމެލީ ޑްރާމާއެއް ކަމާއި ފިލްމުގައި އާއިލީ ވަރުގަދަ ޖަޒުބާތުތަކެއް ފެނިގެންދާނެކަމަށް ފިލްމުގެ ޕްރޮޑަކްޝަން ޓީމުން ވަނީ ބުނެފަ އެވެ.