ހުޅުމާލޭގެ ދެ ވަނަ ފިޔަވަހީގައި ތަރައްގީކުރި ހިޔާ ފްލެޓްތަކަށް ކަރަންޓު ދިނުމުގެ މަސައްކަތް މިއަދު ނިންމާލައިފި އެވެ.

އެޗްޑީސީން ބުނީ ހިޔާ ފްލެޓްތަކަށް ކަރަންޓު ދިނުމަށް މަސައްކަތް ކުރި ޗައިނާގެ ސީއެމްއީސީ ކުންފުނިން ކަރަންޓު ސަޕްލައިކުރުމުގެ މަސައްކަތް ނިންމާލުމަށްފަހު އެ ކުންފުންޏާ ހަވާލުކޮށްފައިވާ ކަމަށެވެ.

ހިޔާގެ 7،000 ފްލެޓަށް ކަރަންޓު ސަޕްލައިކުރުމުގެ މަސައްކަތްކޮށްފައި ވަނީ ސްޓެލްކޯގެ އެހީއާއެކު ކަމަށް ވެސް އެޗްޑީސީން ބުންޏެވެ.

އެ ކުންފުނިން ބުނީ ކަރަންޓު ފޯރުކޮށްދިނުމުގެ މަސައްކަތުގެ އެންމެ ފަހުގެ މަސައްކަތްތައް މިހާރު ކުރަމުން އަންނައިރު، ކަނެކްޝަންތަކުގެ މަސައްކަތް އެކީ ނިންމައިލެވޭނީ އަންނަ މަހުގެ 17 ވަނަ ދުވަހު ކަމަށެވެ.

ހިޔާ ފްލެޓަށް ކަރަންޓު ދިނުމުގެ މަސައްކަތުގެ ސްޓެލްކޯއިން ކުރަންޖެހޭ މަސައްކަތްތައް ވެސް ވަނީ ނިންމާލާފަ އެވެ. އަދި ހިޔާ ފްލެޓަށް ފެނާއި ނަރުދަމާ ކަނެކްޝަން ވެސް ވަނީ ގުޅައި ނިމިފަ އެވެ.

ހިޔާ މަޝްރޫއުގައި 16 ޓަވަރު އިމާރާތް ކޮށްފައިވާއިރު ކޮންމެ ޓަވަރަކަށް އެއް ޓްރަންސްފޯމަރާއެކު އިތުރު ޓްރާންސްފޯމަރެއް ވެސް ހިމެނޭ ގޮތަށް 17 ޓްރާންސްފޯމަރު ސީއެމްއީސީން ބަހައްޓައި ވަނީ ނިންމައިފަ އެވެ.

އެޗްޑީސީއިން މިމަހުގެ 14 ވަނަ ދުވަހުން ފެށިގެން ފްލެޓް ލިބުނު ފަރާތްތަކާއި މެދުގައި އެއްބަސްވުމުގައި އަންނަނީ ސޮއި ކުރަމުންނެވެ. އެހެން ނަމަވެސް އީދު ބަންދަ މިހާރު ސޮއި ކުރުން ވަނީ މެދުކަނޑާލާފަ އެވެ.

ހިޔާ ފްލެޓްގެ ފިނިޝިންނަށް ތިން މަސް ދުވަސް ދީފައިވާއިރު ހިޔާ ފްލެޓްގެ ކުލި ގުންނަށް ފަށާނީ ފްލެޓަށް ކަރަންޓު ލިބުމުން ކަމަށް އެޗްޑީސީން ބުނެފައިވެ އެވެ.